ހަމަ އެކަކުވެސް ރިޒުޤް ނުދެއްވަވައިގެން މާޔޫސް ނުވާށެވެ! ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހަމަ އެކަކުވެސް ރިޒުޤް ނުދެއްވަވައިގެން މާޔޫސް ނުވާށެވެ! ދެއްވަވާނެ!

މިހާރަކަށް އައިސް ވަރަށް ގިނަ ބައަކަށް ކުރެވޭ ޝަކުވާއަކަށްވެފައި އޮންނަނީ ރިޒްޤް ނުދެއްވަވާކަމަށްބުނެ، ނުވަތަ ރިޒްޤް ލިބުން ދަތިވެގެން ކުރާ ޝަކުވާއެވެ. ވީމާ މިބަޔާންކުރަނީ އެކަން އޮތްގޮތެވެ. 

ﷲ ތަޢާލާ ރިޒުޤް ނުދެއްވަވާ އެއްވެސް މަޚުލޫޤެއް ނުހުންނާނެއެވެ. އެހެން މިބުނަނީ އެއިގެ ތެރޭގައި ޖަނާވާރާއި މަސްމަހާމެއްސާއި ފަނިފަކުސަ އަދި ބިންމަތީގައި މިދުވާ ހިނިފަދަ ތަކެތިވެސް ހިމަނައިގެންނެވެ. ނިކަން ވިސްނައިލަބަލާށެވެ. ބޮޑެތި ގައުފަދަ ތަކެތީގެދަށިގައި ދިރިއުޅޭ ފަކުސައަށްވެސް ރިޒުޤް ދެއްވަވައެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ އުފެއްދެވި އިންސާނާއަށް ރިޒުޤް ނުދެއްވަވާނެ ކަމަށް ހީކުރަންވެސް ނުވާނެ ނޫންހެއްޔެވެ؟ 

ވެގެން މިއުޅޭ ގޮތަކީ އެމީހާ ބޭނުންވާވަރަށް ނުދެއްވެވުމެވެ. އަދި ބައެއް ޙާލަތްތަކުގައި ބޭނުންވާ ތަކެތިވެސް ނުދެއްވެވުމެވެ. ނަމަވެސް އެއްވެސް ޙާލެއްގައި އެއިގެ މާނައަކީ އެމީހާއަށް ރިޒުޤް ނުދެއްވެވުމެއް ނޫނެވެ. ކޮންމެ ތަނެއްގައި ހުރިނަމަވެސް އެދުވަހަކަށް ﷲ ތަޢާލާ ދެއްވަވާ ރިޒުޤް އެމީހަކަށް ދެއްވަވާނެތެވެ. 

ދެން ބަލައިލަންވީ ރިޒުޤް ތަނަވަސްވާނެ ގޮތަށެވެ. ރިޒުޤް ތަނަވަސްވުމަށް އެދޭ މީހާއަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ރިޒުޤް ހޯދަން މަސައްކަތްކުރުމެވެ. އަދި ބުނަން ހެއްޔެވެ؟ ރިޒުޤް ލިބުން ދަތިވުމަކީ ކޮންމެހެން ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ މީހެއްކަމަށް ޤަބޫލުކުރަންޖެހޭ ސަބަބެއް ނޫނެވެ.

އެކަން އެންމެ ރަނގަޅަށް އެނގިގެންދާނީ ރަސޫލް ގެ ސިޔަރަތުންނެވެ. އިތުރު ޞާޙިބާ އާއި އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި ޢާއިލާގެ ބޭފުޅުންނާއި ޞަހާބީންނަށް އުޅުއްވަވަން ޖެހިވަޑައިގެންނެވި ދަތިޙާލުކޮޅުން އެކަން ވަރަށް ބޮޑަށް އެނގިގެންދާނެއެވެ. ވީމާ ރިޒްޤާއިމެދު މާޔޫސްނުވާށެވެ. ޙަލާލް ގޮތުގައި ރިޒްޤް ލިބިގަނެ އަދި އިތުރުކުރަންވެސް މަސައްކަތްކުރާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

 

މިއަދު އޮންލައިން