އެންމެންވެސް މިއުޅެނީ ހިތްހަމަޖެހުމާ އުފާވެރިކަން ނުލިބިގެންނެވެ! އެކަމަކު އެކަންކަން ހޯދަން ކުރަން ﷲ ތަޢާލާ އެންގެވި ކަންކަން މިއޮންނަނީ ނުކުރެވިފައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެންމެންވެސް މިއުޅެނީ ހިތްހަމަޖެހުމާ އުފާވެރިކަން ނުލިބިގެންނެވެ! އެކަމަކު އެކަންކަން ހޯދަން ކުރަން ﷲ ތަޢާލާ އެންގެވި ކަންކަން މިއޮންނަނީ ނުކުރެވިފައެވެ!

ވަކި މީހެއް ނުބަލައި އެންމެންނާއި ސުވާލުކޮށްގެން ބެލިނަމަވެސް އުފަލުން ހިތްހަމަޖެހިގެން ހުރިމީހަކު ވަރަށް މަދުވާނެއެވެ. ކޮންމެ މީހަކު އުޅޭނީ ކޮންމެވެސް ކަމަކާއިމެދު ހިތްހަމަނުޖެހިގެންނެވެ. ކޮންމެވެސް ކަންބޮޑުވުމެއްގެތެރޭގައެވެ. 

ދެނަ ބަލައިލަންވީ އެމީހުން ނަމާދުކޮށް ޤުރްއާން ކިޔަވާތޯއެވެ! ﷲ ތަޢާލާގެމަތިން ހަނދުމަކުރޭތޯއެވެ. ޛިކުރުކުރޭތޯއެވެ. މިކަންކަމަށް ބަލައިފިނަމަ އެމީހުންނަކީ މިބުނި ކަންކަންކުރާ ބައަކަށް ނުވާނެއެވެ. އެމީހުންގެ ކަންބޮޑުވުން ފިލުވޭތޯ މަސައްކަތްކުރާނީ ކޮންމެވެސް އެހެން ކަންތައްތަކެއް ކޮށްގެންނެވެ. 

އެކަމަކު ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ﷲ ތަޢާލާގެމަތިން ހަނދުމަކުރުމުންކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާކަން ނުއެނގޭ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ވަޙީބަސްފުޅާއި ދެކޮޅަށް ކަންކަންކުރާ މީހަކަށް އޭނާގެ މައްސަލަތައް ޙައްލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ހިތަށް ހަަމަޖެހުން ނުލިބިގެން، އުފާވެރިކަން ނުލިބިގެން އަންނަ މީހުން ގާތު އެމީހުން ފަރުޟު 5 ނަމާދުކުރަންތޯ އާއި ކޮންމެ ދުވަހަކުވެސް ޤުރްއާން ކިޔަވަމުތޯ އާއި އެމީހުން ކީރިތި ޤުރްއާނާއި ގުޅުން ބާއްވަމުތޯ ސުވާލުކޮށްފިނަމަ މަދުމީހަކު ނޫނީ ބުނަނީ އެކަންކަން ނުކުރާކަމަށެވެ. އަހަރު ދުވަސްނިމިގެންދާއިރުވެސް ޚަތިމެއްވެސް ކޮށްނުލެވޭކަމަށެވެ. ދުވަހަކަށް އިރުއަރައި އޮއްސިގެންދާއިރު ޛިކުރުކުރަން ވަގުތުކޮޅެއް ނުލިބޭކަމަށެވެ. ރޭއަޅުކަން ނުކުރެވޭ ކަމަށެވެ. 

މީސްތަކުންނޭވެ! ހިތްހަަމޖެހުމާއި އުފާވެރިކަން ބޭނުންނަމަ މިއާދަތައް ބަދަލުކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ މަގުން ހިތްހަމަޖެހުން ހޯދަން މަސައްކަތްކުރާށެވެ. މިއުންމަތުގެ ޞަޙާބީންނާއި ތާބިޢީ ބޭކަލުން އަމަލުކުރެއްވެވި ފަދައިން ޢަމަލުކުރަން މަސައްކަތްކުރާށެވެ! އެއިރުން ހަމަ އެބޭކަލުންނަށް ހިތްހަަމޖެހުމާއި އުފާވެރިކަން ދެއްވެވި ފަދައިން އަހަރެމެންނަށްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން