އިސްލާމް ދީން ފެތުރުމަށް ޢިލްމުވެރިން ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންނެވެ. ބައެއް ޢިލްމުވެރިން ކޮންމެ ހަފްތާ ބަންދެއްގައިހެން ރަށްރަށަށް ވަޑައިގެން ދަރުސް ދެއްވައި މީސްތަކުން ހޭލުންތެރިކުރުވަން މަސައްކަތް ކުރައްވައެވެ.
މިހިސާބުން ބައެއް އުޚުތުން އުފައްދާ ސުވާލަކީ އަހަރެމެން މިތިބެނީ ގޭގައެވެ. ފިރިމީހާ ކުރާ މަސައްކަތުން އޭނާގެ ދަރަޖަ އެދަނީ މާބޮޑުތަނުން އުފުލިގެންނެވެ. އަހަރެމެންނަށް ގޭގައި ތިބެންޖެހޭތީ ފުރުޞަތުތައް މިވަނީ ގެއްލިފައެވެ. އެހެންވީއިރު އަހަރެމެން ކަންކަން ކުރަންވީ ކިހިނަކުން ހެއްޔެވެ؟
މިފަދައިން ސުވާލު އުފައްދާ އުޚުތުންނަށް ޢަބްދުއްރަޙީމް ގްރީން ވިދާޅުވެފައިވާ ބަސްފުޅުން އެކަނބަލުންގެ ކަންބޮޑުވުމަށް ޖަވާބު ލިބިގެންދާނެކަމަށް ބެލެވެއެވެ.
"ދަރުސް ދީ އިސްލާމް ދީން މަތިވެރިކުރަން އަހުރެން މިކުރާ މަސައްކަތުގައި އަހަރެންނަށްވުރެ ބޮޑު ނުވަތަ ގިނަ ޘަވާބު އަހަރެންގެ އަނބިމީހާއަށް ދެއްވަވާނެ ކަމަށް އަހަރެން އުންމީދުކުރަމެވެ. އެހެނީ އަހަރެންނަކީ ދަރުސް ދިނުމަށް ތަފާތު ޤައުމުތަކަށް ދަތުރުކުރާ މީހަކީމެވެ. ދަތުރުގައި ބައެއް ފަހަރު ގިނަ ދުވަސްތައް ވެސް ހޭދަކުރަން ޖެހެއެވެ. އަހަރެންނަށް މިދަތުރުތައް ކުރެވެނީ އަނބިމީހާ އެކަމަށް ހިތަވްރުދީ މަގުފަހިކޮށްދޭތީއެވެ. ގޭތެރޭގެ ކަންކަން ބަލަހައްޓައިދީ އަދި ދަރިންގެ ކަންކަންވެސް ބަލަހައްޓައިދޭތީއެވެ.
މިހުރިހާ ކަމަކަށް ބެލިނަމަވެސް ދަރުސް ދޭން އަހަރެން ކުރާ މަސައްކަތަށްވުރެ އެކަން ކުރަން އަހަރެންނަށް މަގުފަހިކޮށްދޭން އަނބިމީހާ ކުރާ މަސައްކަތްތައް މާގިނައެވެ. ރަނގަޅަށް ވިސްނާށެވެ! މީހަކު ކުރި ހެޔޮ އެމަލެއްގެ ޒައްރެއްގެ މިންވަރުވެސް އެމީހަކަށް ގެއްލިގެނެއް ނުދާނެއެވެ. ވީމާ ދަރުސް ދޭން އަހަރެންނަށް މަގުފަހިކޮށްދޭން އަނބިމީހާ އުފުލާ ކޮންމެ ބުރައަކަށް އޭނާއަށް އެކަމަށް ޙައްޤުވެގެންވާ މިންވަރަށް ސަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ!"