ޤަބުރުގާ އަލިފާނުގެ އަސަރު
އެކުވެރިންނޭ! ވަރަށް ކުރީގެ ދުވަސްވަރެއްގައި އަންހެން ކުއްޖަކު މަރުވުމުން އޭނާގެ ބޭބެއާއި މިސްކިތުގައި ތިބި މީހުން އޭނާ ވަޅުލަން ދިޔައެވެ. އަދި އޭނާގެބޭބެ ގެޔަށް އައިސް ބެލިއިރު އޭނާގެ ވޮލެޓެއް ނެތެވެ. އޭނާ ކުޑަކޮށް ވިސްނާލުމުން ހިތަށް އެރިއެވެ. ކޮށްކޮ ވަޅުލަން އުޅުނު ވަގުތު އޭނާގެ އަތުން ވެއްޓުނު އެއްޗަކީ ވޮލެޓްކަން ނޭނގެއެވެ.
އެހެންކަމުން އަލުން އޭނާ، އެ ޤަބުރު ކައިރިއަށް ގޮސް އެތާ ކައިރި ހާވާލި އެވެ. އެވަޤުތު އޭނާއަށް ފެނުނީ އޭނާގެ ކޮއްކޮގެ ޤަބުރުގައި އަލިފާނުގެ އަސަރު ހުއްޓައެވެ. އެހެންކަމުން ބިރުންހުރެ ރޮމުންރޮމުން އޭނާ މަންމަ ގާތަށް ގޮސް އެހިއެވެ.
ކޮއްކޮއަކީ ހެޔޮކަންތައްތަކަށް ލޯބިކޮށް ހެޔޮކަންތައް ކޮށްއުޅުނު ކުއްޖެކެވެ. އެކަމަކު އޭނާގެ ޤަބުރުން އަލިފާނުގެ އަސަރު އަހަރެން ދެކެފީމެވެ. މިކަމުގެ ސަބަބަކީ ކޮބައިބާއެވެ؟ އެވަގުތު އޭނާގެ މަންމަ މޮޅިވެރި ރާގަކަށް ބުންޏެވެ. ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް އޭނާ ފަރުވާ ނުބަހައްޓައެވެ. " ހައްދަވާ ބޮޑުކުރެއްވި އިލާހޭވެ! އޭނާގެ ފާފަ ފުއްސަވާނދޭވެ!"
އެކުވެރިންނޭ! ﷲ ތަޢާލާ ވަނީ އަލް މާޢޫން ސޫރަތުގައި މިކަން އަންގަވާފައެވެ. فَوَيْلٌ لِّلْمُصَلِّينَ الَّذِينَ هُمْ عَن صَلاتِهِمْ سَاهُونَ ފަހެ އެބައިމީހުންގެ ނަމާދާމެދު ޣާފިލުވެ ތިބޭޙާލު ނަމާދު ކުރާމީހުންނަށް ހަލާކާއި ޢަޛާބު ހުއްޓެވެ. ގިނަޢިލްމުވެރިން ވިދާޅުވަނީ މިތާނގައި އެވާ ނަމާދާމެދު ޣާފިލުވެފައި ތިބޭ މީހުންނަކީ، ނަމާދު، އޭގެ ވަގުތުގައި އަދާނުކުރާ މީހުންނެވެ. އަދި އެއްނަމާދު ކޮށްފަ އަނެއް ނަމާދު ނުކުރާ މީހުންނެވެ. އަދި ކަންނެތްކަމާއި ފޫހިކަމާއެކު ނަމާދު ކުރާ މީހުންނެވެ.
އެކުވެރިންނޭ! ނަމާދު އޭގެ ވަގުތަށް ވުރެ ލަސްކުރާމީހުންގެ ޙާލަކީ މިއީ ކަމުގައިވާއިރު ނަމާދު ނުކޮށް ނިދާމީހުންގެ ޙާލަކީ ކޮބައިބާއެވެ! އެހެން ކަމަށްވާނަމަ އެއްވެސް ނަމާދެއް ނުކުރާ މީހުންގެ ޙާލު ހުންނާނީ ކިހިނެއްބާއެވެ! އެހެންކަމުން އަޅުގަނޑުމެން ހަނދާން ކުރަންވީ ދިންނަވައި ނަޞީބު ލިބިގަތް މުއުމިނުއަޅުން ސިފަކުރައްވަމުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ މިއާޔަތެވެ. وَالَّذِيْنَ هُمْ عَلَى صَلآ تِهِمْ يُحَافِظُوْن އަދި އެބައިމީހުންނަކީ، އެމީހުންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހންނެވެ.
މިވާހަކަ ބައެއް ބޭފުޅުން ވާނީ ސޯޝަލް މީޑިއާއިން ވިދާޅުވެފައެވެ. އެހެންކަމާއިއެކުވެސް މިގެނެސްދިނީ މިވާހަކައިން ޙާޞިލްކުރަންޖެހޭ ޢިބްރަތް ބޮޑުކަމުންނެވެ. އަޅުގަނޑުމެންގެ ތެރެއިން ނަމާދުތައް އެނަމާދުގެ ވަގުތުގައި އަދާކުރަން ސަމާލުކަން ދެވެނީ މަދުމީހަކަށްވާތީއެވެ.