ސިޙްރު ވެރިޔާ ތައުބާވެ، ޝައިޠާނާއާއެކު ކޮށްފައިވާ ޢަޤުދު ބާޠިލް ކޮށްލުން

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 55ސ
ސިޙްރު ވެރިޔާ ތައުބާވެ، ޝައިޠާނާއާއެކު ކޮށްފައިވާ ޢަޤުދު ބާޠިލް ކޮށްލުން

އަލްއިމާމް މާލިކް ވިދާޅުވި އެވެ. ސިހްރުވެރިޔާ އަކީ ކާފިރެކެވެ. އޭނާގެ ސިޙްރުގެ ސަބަބުން އޭނާ ޤަތުލު ކުރެވޭނެއެވެ. އޭނާއަށް ތައުބާލައިދޭކަށް ނުޖެހޭނެއެވެ. އަދި ކީއްހެއްޔެވެ؟ އޭނާގެ ތައުބާ ޤަބޫލެއްވެސް ނުމެ ކުރެވޭނެއެވެ. ޒިންދީޤެއް ފަދައިން އޭނާ ޤަތުލު ކުރުން ލާޒިމުވެގެން ވެއެވެ. 

ޙަންބަލީ މަޒުހަބުގެ ޢިލްމުވެރީން ވިދާޅުވެއެވެ. ސިޙްރުވެރިޔާ ހަމައެކަނި ސިޙްރު ހަދައިލުމުގެ އިތުރަށް ބިމުގައި ފަސާދަ އުފެއްދުމުގެ ގޮތުން ކުރާ ޢަމަލެއްކަން އެނގިއްޖެނަމަ ތައުބާވުމަށް އެންގުމަކާނުލައި އޭނާ ޤަތުލުކުރުން ވާޖިބު ވެގެންވެއެވެ. އެއީ އޭނާގެ އިޢުތިޤާދުގައި ކުފުރާ ހަމައަށް ގެންގޮސްދޭ ކަމެއް ނުވާނަމައެވެ. އެހެން ވެއްޖެނަމަ އެވާނީ ކުފުރަކަށެވެ. އަދި އެބޭ ކަލުން ވިދާޅުވާ ގޮތުގައި ޒިންދީޤެކޭ އެއްފަދައިން ސިޙްރުވެރިޔާގެ ތައުބާ ޤަބޫލެއްނުކުރެވޭނެއެވެ. އެހެނީ އޭނާއާމެދު ބެލެވޭނީ އެއްވެސް ދީނެއް ނުވާމީހެއްކަމުގައެވެ. މިކަން މިހެން އޮތްއިރު އެހެން ރިވާޔަތެއްގައިވާ ގޮތުން ސިޙްރުވެރިޔާ ތައުބާ ވެއްޖެނަމަ އޭނާ ޤަތުލެއް ނުކުރެވޭނެ އެވެ.  

މަސްޤަތުގެ އަލްމަޙްކަމަތުއްޝަރްޢިއްޔާގެ ޤާޟީ އައްޝައިޚް ސަޢީދު ބުނުޚަލަފިލް ޚަރޫޞީ ވިދާޅުވެއެވެ. ސިޙްރުހާހޫރައަކީ ޙަރާމްވެގެންވާ ބޮޑު ފާފައެކެވެ. އެފާފަކުރާ މީހާއަކީ މަގުފުރެދިފައިވާ އަދި މަގުފުރައްދާ މީހެކެވެ. އަދި ފާސިޤެކެވެ. އަދި މުނާފިޤެއް މެއެވެ. އޭނާ އެއަރައިގަތް ފާފައިން ތައުބާ ވެއްޖައުމަށް ދާނދެނެވެ. ފަހެ މިޢިލްމުވެރިޔާގެ ވާހަކައިން ދޭހަވާގޮތުގައި ސިޙްރުވެރިޔާގެ ތައުބާއަކީ ޤަބޫލު ކުރެވޭނެ އެއްޗެކެވެ.  

އާނއެކެވެ! ތައުބާގެ ދޮރަކީ ހުޅުވިގެންވާ ދޮރެކެވެ. އަޅާއާއި އޭނާގެ ވެރި ﷲ އާ ދެމެދުގެ ގުޅުން މަނާކުރެވޭނީ ކާކަށް ހެއްޔެވެ؟ ﷲގެ އަޅުތަކުންގެ ކުރިމަތީގައި ރަހްމަތުގެ ދޮރު ބަންދުކުރެވޭނީ ކާކަށް ހެއްޔެވެ؟ ފަހެ ރަޙްމަތާއި ތައުބާގެ ދޮރުވަނީ ކޮންމެ މީހަކަށްވެސް ހުޅުވިގެންނެވެ، ކޮންމެ ކާފިރަކަށެވެ. ކޮންމެ ޒިންދީޤަކަށެވެ. ޒިނޭކުރާ ކޮންމެ މީހަކަށެވެ. މީހުންމަރާ ކޮންމެ މީހަކަށެވެ. ކޮންމެ އަނިޔާވެރިއަކަށެވެ. ކޮންމެ ސިޙްރުވެރިއަކަށެވެ. ކޮންމެ އިންސާނަކަށްވެސް މެއެވެ.  

އާއެކެވެ! އަޅާއާއި އޭނާގެ ވެރި ﷲއާ ދެމެދު ހުރަސް އަޅައި ނިވާކޮށްލެވޭނެ އެއްވެސް މީހަކު ނުވެއެވެ. އޭނާ އޭނާގެ ކުށަށް އިޢްތިރާފުވެ އިޤްރާރުވަމުން އައިހާ ހިނދެއްގައެވެ. ފަހެ އެކަލާނގެއީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ފަޟްލުވަންތަކަމާއި ރަޙްމަތް ޢާއްމުވެ ތަނަވަސްވެގެންވެއެވެ. 

މިކަން މިހެން އޮތުމާއެކު ސިޙްރުވެރިޔާއަށް އޭނާގެ ޢަމަލުތަކުން އެއްކިބާވެ ޝައިޠާނާއާއެކު ކޮށްފައިވާ ޢަޤުދު ބާޠިލް ކޮށްލެވިދާނެ ހެއްޔެވެ؟ 

ޙައްޤު ގޮތުގައި ބުނަނީ ނަމަ އެއީ ވެވިދާނެ ކަމެކެވެ. އެހެނީ ޝައިޠާނާއަކި ސީދާ ވެގެންވާ މަގުގައި ފައިތިލަ ސާބިތުކޮށްގެންތިބޭ މާތް އަޚްލާޤުގެ ވެރީންގެ މައްޗަށް ބާރުފޯރުވޭނޭ މީހެއްނޫނެވެ. މާތް ﷲ ގެ މުޚްލިޞް އަޅުތަކުންގެ މައްޗަށް އެޝައިޠާނާއަކަށް އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ، 

މިހެން ކަމުން ބުއްދީގެ މަގަށް ރުޖޫޢަވެ ނުބައިކަމުގެ ބާރުގެ މައްޗަށް ހެޔޮކަމުގެ ބާރުގަދަކޮށް ޝައިޠާނާއަށް އަޅުވެތިވުމުގެ ކަންތަކުން ސަލާމަތްވުމަށް ޢަޒުމް ކަނޑައަޅައި އެޝައިޠާނާއާ އެކުގައިވާ ހުރިހައި ގުޅުމެއް ކަނޑައިލުމަށް މަސައްކަތްކުރި މީހުނަށް އެކަން ކާމިޔާބުވެފައި ވެއެވެ. އެހެނީ އެއީ އެމީހުން ޝައިޠާނާއާއި ގުޅިގެން އުޅުނު މުއްދަތުގެ ތެރޭގައި އުޅޭންޖެހުނު ނުބައިކަމުގެ ގޮތްތަކާއި އެމީހުންނަށް ލިބިފައިވާ ގެއްލުންތަކާއި އަދި ކުށެއްނެތް މައުޞޫމް އެތައްބަޔަކަށް ދެވިފައިވާ ގެއްލުންތައް ހަދާންކުރެވި އެވިޔާނުދާ ގޯސް ދިރިއުޅުމުން މިންޖުވުމަށް ޤަޞްދުކޮށް މަސައްކަތް ކުރުމުގެ ނަތީޖާއެވެ. 

މިމަޢުޟޫޢުގައި ލިޔުއްވާފައިވާ ބައެއް ލިޔުންތެރީން ލިޔުއްވާފައިވާ ގޮތަގައި، މިރޮނގުން ބަލާއިރު ޕޯޗްގީޒުންގެ ޤަދަރުހުރި މީހަކު ކަމުގައިވާ ޖައިލްޒަގެ ވާހަކައަކީ ތާރީޚު ހެކިވާ ވާހަކައެކެވެ. އޭނާ އޭނާގެ ރޫޙާއިނަފްސު ޝައިޠާނާއަށް ވިއްކައިލިއެވެ. ޢިއްޒަތާއި މުދަލާއި މަޖާތައް ޙާޞިލު ކުރުމަށްޓަކައެވެ. މިގޮތުން އިބްލީސާއެކު އަޙްދާއި ޢަޤްދުކޮށް ސިޙްރުގެ ޙަރަކާތްތައް ހިންގަން ފެށިއެވެ. ހަތް އަހަރު ވާންދެން ސިޙްރުވެރީންގެ އަޅުކަންތަކުގައާއި ޙަފްލާތަކުގައި ބައިވެރިވެގެން އުޅުނެވެ.  

މިމުއްދަތުގެ ތެރޭގައި އޭނާ އެދުނު ކޮންމެ ކަމެއް ޙާޞިލުވިއެވެ. ނަމަވެސް އޭނާގެ މީހުންގެ ތެރޭގައި މަސައްކަތްކޮށް އުޅުނު، ރަށްފުށުގެ، ކުށެއްނެތް މަޢްޞޫމް ރީތި އަންހެންކުއްޖެއްގެ ލޯބި ކާމިޔާބެއް ނުކުރެވުނެވެ. މިއާދައިގެ ސާދާ އަންހެން ކުއްޖާއާމެދު ސިޙްރުގެ އެއްވެސް ޢަމަލަކުން އަސަރެއް ނުކުރިއެވެ. އަކަ ކުރެހުންތަކާއި އިސްތިރިތަކުން އެއްވެސް ނަތީޖާއެއް ނުނުކުތެވެ. މިހެންކަމުން ޝައިޠާނާގެ ފަރާތުން އެދުނު ކޮންމެކަމެއް ވާނޭކަމަށް ޖައިލްޒްއަށް ހީވެފައިވާ ހީވުމާމެދު އޭނާގެ ހިތުގައި ޝައްކު އުފެދޭން ފަށައިފިއެވެ. މިގޮތުން އެއަންހެންކުއްޖާ ބޭނުންކަމަށް ނުވަތަ އެކުއްޖާއަމެދު ޖައިލްޒްގެ ޤަރީނާ (ޝައިޠާނާއާ) ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެޤަރީން އޭނާއަށް އޮޅުވައިލައެވެ. އަދި ބާޠިލް އެޕޮއިންޓްމަންޓްތަކެއް ދެއެވެ.  

މިހެންކަމުން އޭނާގެ ހިތުގައި ޢަޒުމް ކަނޑައެޅުނީ އޭނާގެ ޤަރީނަށް ނުވަތަ އެއްވެސް ޝައިޠާނަކަށް އިންތިޒާރު ކުރުމެއްނެތި ކޮންމެ ގޮތަކުންވެސް އެއަންހެން ކުއްޖާ އަތުލައިގަތުމަށެވެ. މިގޮތުން އޭނާ މިކަން ކުރުމަށްޓަކައި ކަނޑައަޅާފައިވާ މީޢާދުގެ (ވަޤުތުގެ) ދެރޭކުރީން އޭނާއަށް ހުވފެނުން ފެނުނީ އޭނާގެ މަންމައެވެ. އޭނާ އެ އަންހެންކުއްޖާއާމެދު ރާވާފައިވާ ކަންތައް ނުކޮށް ހުއްޓައިލުމަށް އޭނާއަށް އިންޒާރު ކުރަނި ކޮށެވެ. ޖައިލްޒްއަށް ހުރެވުނީ ވަރަށްވެސް ފުން ވަޅުގަނޑެއްގެ ތުންފަތްމަތީގައި ކޮޅަށް ހުއްޓިގެންނެވެ. ވަޅުގަނޑާ ކުރިމަތިލައިގެންނެވެ. ފަހަތުން އޭނާއަށް ފެންނަނީ ޝައިޠާނާ ހީނހީނ ހުއްޓައެވެ. އެފުން ވެގެންވާ ވަޅުގަނޑަށް އޭނާވައްޓައިލުމަށް ޝައިޠާނާ ތައްޔާރުވެފައިވާ ޙާލުގައެވެ. ދެން އޭނާއަށް ކުއްލިއަކަށް ހޭލެވިގެން ތެދުވެވުނީ ބިރުންނެވެ. ކަންބޮޑުވެ ހާސްވެގެންވާ ޙާލުގައެވެ.  

މިކަން މިހެން ހިނގުމުން އޭނާއާއި ޝައިޠާނާއާ ދެމެދު އޮތް ހުރިހާ ގުޅުމެއް އޭނާ ކަނޑާލައިފި އެވެ. ސިހްރުވެރިކަމުގެ ހެދުން އަންދާލައިފިއެވެ. އޭނާ ޝައިޠާނާއަށް އަޅުކަން ކުރުމަށް އިންނަތަނާއި ސިޙްރުގެ މަސައްކަތަށް ޚާއްޞަ ކޮށްފައިވާ ތަން ހަލާކުކޮށްލައިފިއެވެ. އަދި އެމަސައްކަތުގައި ބޭނުންކޮށް އުޅޭތަކެތިވެސް ތަޅައި ފުނޑުފުނޑުކޮށްލައިފިއެވެ. އެއަށްފަހު ދުނިޔޭގެ އެދުން ކުޑަކޮށް ޒާހިދުވެއްޖެއެވެ. އޭނާގެ މުދާތަކުން ފަޤީރުންނަށް ހޭދަކޮށްފިއެވެ. އަދި ވަރަށްގިނައިން ދުޢާކޮށް އިސްތިޣުފާރުކޮށް އުޅޭންފަށައިފި އެވެ.  މިގޮތުން މީނާގެ ޚަލްވަތުގައި އަޅުކަންކޮށް ދުޢާކުރުމުގެ ތެރޭގައި އިންދައި ކުއްލިއަކަށް އޭނާގެ ކުރިމަތިން ފާޅުވީ މަންޒަރު ހުތުރު ވެގެންވާ މަޚްލޫޤެކެވެ. އޭނާގެ މޫނުމަތިން ފާޅުވަނީ ރުޅިވެރިކަމުގެ ޢަލާމާތެވެ. ދެން ބިރުވެރި އަޑަކުން "މިއޮތީ ކަލޭގެ ޢަޤްދެވެ. މީތި ކަލެއަށް ރައްދުކުރުމަށް އަހުރެންނަށް އަމުރުކުރެވިފައި ވެއެވެ." މިހެން ބުނަމުން ޖައިލްޒްގެ މޫނުމައްޗަށް އެއެއްލައިލީ ޝައިޠާނާއާއެކު އޭނާ ކޮށްފައިވާ ޢަޤްދުގެ ލިޔުމެވެ. ދެން ކުއްލިއަކަށް އެނުބައިވެގެންވާ ރޫޙު ޣާއިބުވެ ގެއްލިގެން ހިނގައްޖެއެވެ.

އެއަށްފަހު ރިވެތި ގޮތުގެމަތީން ހެޔޮހާލުގައި އޭނާ އުޅެމުންދިޔައެވެ. އެހެން އުޅެމުން އައިސް އޭނާގެ އުފަން ރަށުގައި އޭނާ ނިޔާވެއްޖައުމަށް ދާނދެން އޭނާއަކަށް އެއްވެސް ގޯނާއެއް، މުޞީބާތެއް ނުޖެހެއެވެ. މިވާހަކަ ނަޤުލު ކުރައްވާފައިވާ ލިޔުންތެރީން ވިދާޅުވާ ގޮތުގައި މިއަދާޖެހެންދެންވެސް ކޮންމެއަހަރަކު އޭނާގެ ޤައުމުގެ މީހުން އޭނާގެ އުފަންދުވަހުގެ އިޙްތިފާލު ކުރަމުންދެއެވެ.  

ފަހެ މީސްތަކުން ބުއްދީގެ ބޭނުން ކޮށްފިނަމަ ޝައިޠާނާއަކަށް އެމީހުންނަށް އެއްވެސް މުޞީބާތެއް ނުޖެއްސޭނެކަން ރަނގަޅަށް އެނގޭނެއެވެ. އަދި އެމީހުންގެ މައްޗަށް ލާޒިމު ވެގެންވަނީ ޝައިޠާނާއަށް ފުރަގަސް ދިނުންކަންވެސް އެނގޭނެމެއެވެ. މިކަން މިހެންވާނީ ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގައި ހިފަހައްޓައިގެން ތިބިހައި ހިނދެއްގައެވެ. އެހެންކަމަށް ވެއްޖެނަމަ އެމީހުންގެ ކުރިމައްޗަށް ނުކުމެ މަގުބައްދަން ކެރޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ދުނިޔޭގައިވާ ހުރިހާ އެއްޗެއްވެސް الله سبحانه وتعالى އަށް ތަޞްބީޙަ ކިޔައެވެ. ދޫނިސޫފާސޫތްޕާއި ވަލުޖަނަވާރާއި ގަސްގަހާގެއްސާއި، ފަރުބަދަތަކާއި މިހެންގޮސް ހުރިހާ އެއްޗެއްވެސް މުއުމިނުންނާއެކު ތަސްބީޙަ ކިޔައެވެ. ފަހެ އުޑާއި ބިމާއި އެންމެހައި ޢާލަމްތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ހުރިހާ ކަމެއްވެސްވަނީ އެކަލާނގެ ޔަދު ޤުދުރަތްފުޅުގައެވެ. 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

 

 

މިއަދު އޮންލައިން