އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުންނާއި އެއްވެސް ރަސޫލުބޭކަލަކު ޤަބޫލުނުކުރާ މީހުންނާއި ނަރަކަ ޢާއި ސުވަރުގެ އާއި އުޑުތަކާއި އަދި ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުންނާއި ބައްދަލުވާނެއެވެ. މިފަދަ ކިތަންމެ ގިނަ ބާވަތެއްގެ މީހުންނާއި ބައްދަލުވި ނަމަވެސް ބައްދަލު ނުކުރެވޭނެ އެކަކު ހުންނާނެއެވެ. އެއީ އޭނާ މަރުނުވެ ދުނިޔޭގައި އަބަދު ހުންނާނެކަމަށް ޤަބޫލުކުރާ މީހާއެވެ.
މާނައަކީ އެހެން އެއްވެސް ކަމެއް ޤަބޫލުނުކުރި ނަމަވެސް ކޮންމެ މީހަކުވެސް މަރުވާނެކަން ޤަބޫލުކުރާނެ ކަމެވެ. ކައްވަޅުގެ ޢަޛާބާއި މަރުއްވުމަށްފަހު އަލުން ދިރުއްވަވާނެ ކަމާއި މަހްޝަރު ކުރައްވަވައި ހިސާބު ބައްލަވާނެކަން ޤަބޫލު ނުކުރިނަމަވެސް މަރުވާނެކަން ހަމަ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެއެވެ.
ސައިންސާއި ޓެކްނޮލޮޖީ ކުރިއަރައިގެން އައުމުން ރަސިއާގެ ސައިންސްވެރިއެއް، ފިލޯސަފަރެއް، ޑޮކްޓަރެއް ކަމަށްވާ އެލެކްސެންޑަރ ރޮޑްގޮނޮފް ކިޔާ މީހަކު މަރުނުވާނެ ގޮތެއް ހޯދަން ވެގެން އޭނާގެ ގައިން ލޭ ނަގައި ޒުވާނުންގެ ގައަށް ލޭއަޅައި އަދި ޒުވާނުންގެ ގައިން ނަގާ ލޭ އޭނާގެ ގައަށް އަޅަމުން ދިއައެވެ. އޭނާ އެންމެފަހުން މަރުވީ މެލޭރިއާ ޖެހިފައިވާ ޒުވާނެއްގެ ލޭ އޭނާގެ ގައަށް އެޅިގެންނެވެ. މަރުނުވެ ދިރިހުރެވޭނެ ގޮތް ހޯދަން އުޅުނު މީހާއަށް ޖެހުނު ޙާލަކީ މިއީއެވެ.
ތިމަންނާ އަކީ ބިމުގެ ކަލާނގެ ކަމަށާއި އެންމެހައި ބާރުތަކެއް ލިބިގެންވާ މީހެއް ކަމަށް ދައުވާކުރި ނަމްރޫދް މަރުވުމަށް މެދުވެރިކުރެއްވެވީ މަދިރިއެކެވެ. އެއިގެ އެތައް ހާސް އަހަރެއް ފަހުން އެލެކްސެންޑަރ ގެ ފުރާނަ ވެސް ދިއަ ކަމަށް މިވަނީ ހަމަ ބަލިކަށި މަދިރިއެއްގެ ސަބަބުންނެވެ. ވީއިރު އިންސާނުންނަކީ ކޮން ބާރެއް ލިބިގެން އުޅޭ ބައެއް ހެއްޔެވެ؟ އެމީހުންނަށް ލިބިގެންއުޅޭ ހަމައެކަނި ބާރަކީ ޝައިޠާނާގެ ވަސްވާސްތައް ޤަބޫލުކޮށް މަގުފުރެދުމުގެ ބާރެވެ. އެބާރުވެސް ލިބިފައިވަނީ އެކަމުގެ އިޚްތިޔާރު ﷲ ތަޢާލާ ދެއްވެވުމުންނެވެ.
މީސްތަކުންނޭވެ! މަރުގެ ވަގުތު ޖެހުމުން އެންމެ ބާރުގަދަ މީހާގެވެސް، އެންމެ ނުފޫޒުގަދަ މީހާގެ ވެސް އަދި އެންމެ މުއްސަނދިމީހާގެވެސް އަދި އެއްވެސް ތަނަވަސްކަމެއް، އެއްވެސް ބާރެއް، އެއްވެސް ނުފޫޒެއް ނެތް މީހާގެވެސް ފުރާނަ މަލަކުލްމައުތު ހިއްޕަވާނެތެވެ. އެކަމަށް އެޅޭނެ އެއްވެސް ހުރަހެއް ނުއޮންނާނެއެވެ.