މަޤާމަށް ކުރިމަތިލާފަ މިސްކިތަށް އަރާ ދުޢާކޮށްފަ ﷲ އާ އިސްލާމް ދީނަށް ނަޞްރުދޭންވީމަ ފުރަގަސްދިނުން- ކޮންފަދަ ނުބައިކަންބޮޑު ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
މަޤާމަށް ކުރިމަތިލާފަ މިސްކިތަށް އަރާ ދުޢާކޮށްފަ ﷲ އާ އިސްލާމް ދީނަށް ނަޞްރުދޭންވީމަ ފުރަގަސްދިނުން- ކޮންފަދަ ނުބައިކަންބޮޑު ޢަމަލެއް!

މަޤާމަކަށް ކުރިމަތިލައިފިނަމަ މިސްކިތަށް އަރައެވެ. ދުޢާކުރެއެވެ. ކެންޕޭނުކުރަން ޕޯޑިއަމްތަކުގަ ވާހަކަދައްކާއިރު ﷲ މަތިވެރިކުރެއެވެ. ﷲ ގެ ޙަޟްރަތުން ވާގިއެދެއެއެވެ. 

ﷲ ތަޢާލާ އަށާއި ރަސޫލް އަށް ފުރައްސާރަކޮށް އިސްލާމް ދީން ފުހެލަން މަސައްކަތްކުރީމާ އެކަން ކުށްވެރިކުރަންޖެހުނީމާ މަޤާމަށް އަންނަން ﷲ ގެ ޙަޟްރަތުން ވާގިއެދުނުކަން ހަނދާނެއް ނުހުރެއެވެ. މަރުވީމާ ﷲ އަށް ޖަވާބުދާރީވާންޖެހޭނެ ކަމެއްވެސް ހަނދާނެއް ނުހުރެއެވެ. 

ދުޢާއަކީ މި ނުބައި ޙާލަތުން ދިވެހި އުންމަތް ސަލާމަތްކޮށްދެއްވެވުމެވެ. އިސްލާމް ދީން ޙިމާޔަތްކުރަން މަސައްކަތްކުރާނެ ބައަކު ބާރުވެރިކުރެއްވެވުމެވެ. 

ތިރީގައި އެވަނީ ދިޔަރެސް ނޫހުގައި ޝާއިޢުކުރި ޚަބަރެއް އެއިގެ އަޞްލާ އެއްގޮތަށެވެ. 

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތައުހީނުކޮށް އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ޤައުމީ ތަރުޖަމާނާއި އެ ޕާޓީގެ އެހެން ބައެއް މަސްއޫލުވެރިން ދެއްކި ވާހަކަތަކާ ގުޅިގެން، އެކަން ކުށްވެރިކުރަން ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އިއްތިހާދުގެ ފަރާތުން ހުށަހެޅި ޤަރާރަކީ ސިޔާސީ ޑުރާމާއެއްގެ ގޮތުގައި ވެރިކަންކުރާ އެމްޑީޕީން ސިފަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި ކީރިތި ޤުރުއާނަށް ތައުހީނުކޮށް ފުރައްސާރަކުރުމުން އެކަމާ ދެކޮޅަށް އިސްލާމީ ދުނިޔެއިން އަޑުއުފުލަމުންދާއިރު ސަރުކާރުން ބަހެއް ނުބުނާތީ ދިވެހިން ކަންބޮޑުވާ ކަމަށެވެ.

އަދި އެ މައްސަލަ ކުށްވެރިކޮށް އިސްލާމީ ޤައުމުތަކުން އެ ޤައުމުތަކުގައި ތިއްބަވާ އިންޑިއާ ސަފީރުން ހާޒިރުކޮށް ނުރުހުން ފާޅުކުރަމުން އަންނަކަން ފާހަގަކުރައްވައި އާދަމް ޝަރީފުވަނީ އެ އަމަލު ކުށްވެރިކުރަން ސަރުކާރަށް ގޮވާލައްވާފައެވެ.

އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތުރީލައިން ވިޕެއް ނެރެފައިވެއެވެ. އަދި މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 33 މެންބަރަކުވަނީ އެ ކުއްލި މައްސަލަ ބަލައިނުގަތުމަށް ވޯޓު ދެއްވާފައެވެ.

އެމްޑީޕީއަށާއި އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ރޭ ދަންވަރު އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން ބަޔާނެއް ނެރެފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ އާދަމް ޝަރީފު އިއްޔެ ހުށަހެޅުއްވި ކުއްލި މައްސަލައަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރުމާ ގުޅޭ މައްސަލައެއް ނޫން ކަމަށެވެ.

އަދި އެ ޕާޓީން ސިފަކުރި ގޮތުގައި އެ މައްސަލައަކީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް އޮޅުވައިލަން އިދިކޮޅު އިއްތިހާދުން ހުށަހެޅި މައްސަލައެކެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތައުހީނުކޮށް ފުރައްސާރަކުރި މައްސަލާގައި އެކަން ކުށްވެރިކޮށް ސަރުކާރުން ބަޔާނެއް ނެރެން ހަމަޖެހިފައި އޮތްކަން ސަރުކާރުން ކުރިން އަންގާފައިވާ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

އެހެންކަމުން އެ މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް އެ ޕާޓީން ނިންމީ އިސްލާމްދީނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ ޑުރާމާއެއް ކުޅުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރިއެވެ.

އަދި ސަރުކާރުން ބީޖޭޕީގެ ތަރުޖަމާނުގެ އަމަލު ކުށްވެރިކޮށް މިއަދުގެ ވަގުތެއްގައި ބަޔާނެއް ނެރުނު ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ. އަދި އެ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ އިސްލާމްދީނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދިފާއުގައި ކަމަށްވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މޭ މަހުގެ 28 ވަނަ ދުވަހުގައި ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރިކަން މީޑިއާތަކުގެ ފަލަސުރުޚީއަށް އައިސްފައި އޮތް ނަމަވެސް ސަރުކާރުން އެކަމުގައި އެއްޗެއް ނުބުނެއެވެ. ޢަރަބި ޤައުމުތަކުން އެކަން ކުށްވެރިކުރިކަން ނޫސްތަކުން ރިޕޯޓުކުރަން ފެށުމުން އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށިއެވެ.

އަދި އިއްޔެ އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާއެކު، އިތުރަށް ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން ސަރުކާރުންވަނީ ފިނި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ރަސޫލާއަށް ތައުހީނުކުރުން އާންމުކޮށް ކުށްވެރިކުރި ނަމަވެސް ބީޖޭޕީގެ ތަރުޖަމާން ރަސޫލާއަށް ތައުހީނުކުރުން ކުށްވެރިނުކުރެއެވެ. އެކަމާމެދު ސަރުކާރުން ފާޅުކުރީ ހަމައެކަނި ކަންބޮޑުވުމެވެ.

 

މިއަދު އޮންލައިން