ރަސޫލާ ޞޢޥ ކުރެއްވެވި ކައިވެނިފުޅުތަކާމެދު މުސްލިމުންގެ އެންމެ ބޮޑު ޢަދާވާތްތެރިން ފަތުރާ ދޮގު ވާހަކަތަކުގެ ޙަޤީޤަތް ޑރ. އިޔާޟް ހާމަކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ރަސޫލާ ޞޢޥ ކުރެއްވެވި ކައިވެނިފުޅުތަކާމެދު މުސްލިމުންގެ އެންމެ ބޮޑު ޢަދާވާތްތެރިން ފަތުރާ ދޮގު ވާހަކަތަކުގެ ޙަޤީޤަތް ޑރ. އިޔާޟް ހާމަކުރައްވައިފި

ރަސޫލާ އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ އެކަލޭގެފާނަށްވުރެ 15 އަހަރު ދޮށީ، އަދި ކުރިން ދެކައިވެންޏެއް ކުރައްވައި ދަރިން ލިބިވަޑައިގެންފައި ހުންނެވި ކަނބަލަކާއިއެވެ އެކަމަނާ އަވަހާރަވުމަށްދާންދެން އިތުރު ކައިވެންޏެއް ނުކުރައްވަވައެވެ. 

(އެހެންކަމުން އެކަލޭގެފާނުގެ އެންމެ ޒުވާން ޢުމުރުފުޅުން 25 އަހަރު ހޭދަކުރެއްވެވީ އެކަމަނާ އާއިި އެކަނި ކައިވެނިފުޅު ބައްލަވައިގަނެގެންނެވެ. އެއީ ޢުމުރުފުޅުން 25 އަހަރުން 50 އަހަރަށެވެ.  

ޝަހްވާނީ އެދުންވެރިކަމަކަށްޓަކައި ރަސޫލާ ކައިވެނި ކުރެއްވެވިނަމަ ޚަދީޖާ ރަޟިޔަالله ޢަންހާ އަވަހާރަވުމުގެ ހިތާމާގައި 2 އަހަރުވަންދެން ކައިވެނި ނުކުރައްވާ ނުހުންނެވީހެވެ. 

ރަސޫލާ ﷺ ގެ ފުރަތަމަ އަނބިކަނބަލުން ދުނިޔެ ދޫކުރެއްވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅުން 50 އަހަރެވެ. އެކަމަނާ އަވަހާރަވުމުގެ ހިތާމާގައި ކައިވެނި ބައްލަވައި ނުގެން 2 އަހަރު ހޭދަކުރެއްވެވިއެވެ. 

ރަސޫލާ ﷺ ގެ ޢުމުރުފުޅުން 52 އާއި 60 އާއި ދެމެދު ތަފާތު ކައިވެނިތަކެއް ކުރެއްވެވިއެވެ. ނަމަވެސް އެއީ ދީނީ, ސިޔާސީ އަދި އިޖްތިމާޢީ މަޞްލަޙަތުތަކަކަށްޓަކައި ކުރެއްވި ކައިވެނިފުޅުތަކެކެވެ. 

ޞަފިއްޔާބިންތިޙުޔައްޔުބިންއަޚްޠަބުގެ ބައްޕާފުޅު ބަނޫގުރައިޡާގައި، ފިރިކަލުން ޚައިބަރުގައި ގަތުލުވީ ހިނދު ޚައިބަރުގެ ސައްޔިދު ދިޙްޔަތުލްކަލްބީގެ ދަށަށް އެކަމަނާ ގެންދެވުނެވެ. އެހިނދު އެކަމަނާ އަށް ލިބިދާނެ ނިކަމެތި ކަމަކުން ސަލާމަތްކުރެއްވުމަށްޓަކައި ރަސޫލާ ކައިވެނި ކުރެއްވެވީއެވެ. 

ރަސޫލާ ﷺ ގެ އެންމެ ޒުވާން ޢުމުރުފުޅު ހޭދަކުރެއްވީ އެކަލޭގެފާނަށްވުރެ 15 އަހަރު ދޮށީ އަންހެން ކަނބަލަކާއެކުއެވެ. 

ރަމްލާ ބިންތި އަބީސުފްޔާން އެކަމަނާގެ ފިރިކަލުންނާއި އެކު ޙަބަޝާއަށް ހިޖްރައަށް ވަޑައިގެންނެވި ހިނދު ފިރިކަލުން ނަޞާރާދީނަށް ބަދަލުވެވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އިސްލާމްދީނުގެ މަތީގައި ޘާބިތުވެހުންނެވިއެވެ. އަނެއްކޮޅުން ބައްޕާފުޅު އަބޫސުފްޔާނަކީ އޭރު މުސްލިމުންގެ ޢަދާވާތްތެރިއެކެވެ. 

އެފިތުނަގަނޑުގެ ތެރެއަށް އެކަމަނާ ދޫކޮށްނުލައްވާ ސަލާމަތް ކުރެއްވުމުގެ ގޮތުން ރަސޫލާ އެކަމަނާ އާއި ކައިވެނި ބައްލަވައިގެންނެވިއެވެ.

އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. އަބޫސަލަމާ- ރަޟިޔަﷲ ޢަންހު- އަވަހާރަވީ ހިނދުގައި ތިމަންކަމަނާ ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް އެޚަބަރު ދިނީމެވެ. އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ކަމަނާ ވިދާޅުވާށެވެ.

މާތް الله ތިމަންކަމަނާ އަށް މުޙައްމަދު ދެއްވެވިއެވެ.  ރަސޫލާ އުއްމު ސަލަމާ އާއި ކައިވެނި ބައްލަވައިގެންވިއިރު އެކަމަނާ އަކީ މުސްކުޅި ޢުމުރުގެ ބޭކަނބަލެކެވެ. ނަމަވެސް ވިސްނުންތޫނު ދުރުވިސްނޭ ބޭކަނބަލެކެވެ. 

އެކަމަނާ އެކަނިވެރިވިޔަ ނުދެއްވާ އަދި އެކަމަނާގެ ފަރާތުން އިސްލާމީ އުއްމަތަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ބޭނުންފުޅުގައި ރަސޫލާ އެކަމަނާ އާއި ކައިވެނި ބައްލަވައިގަތެވެ. 

ކައިވެނި ކުރުމަށް ވަކި ޢުމުރެއް ކަނޑައަޅުއްވާފައިނުވެއެވެ. އެކަން ބިނާވެގެންވަނީ އެބަޔެއްގެ މުޖްތަމަޢުގެ ޙާލަތަށެވެ. އެކި މުޖްތަމަޢުތަކުގައި އަންހެން ކުއްޖާގެ ހެދިބޮޑުވުމާއި ވިސްނުންތެރިކަން ކުރިއަރާ މިންވަރު ތަފާތުވާނެއެވެ. 

ބަނުލް މުޞްޠަލަޤު ވަންހައިގެ ގިނަބަޔަކު އަސީރު ކުރެވިފައިވީ ހިނދު އެބައިމީހުން މިނިވަންކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން އެވަންހައިގެ ސައްޔިދު އަލްޙާރިޘްގެ ދަރިކަނބަލުން ޖުވައިރިއްޔާ އާއި ރަސޫލާ ކައިވެނި ބައްލަވައިގެންނެވިއެވެ. ނަތީޖާއަކީ މުސްލިމުންނާއިދެމެދު ގާތްގުޅުމެއް އުފެދުމެވެ.

ތިމާގެ އަމިއްލަ ނަފްސާއި ދަރިންނާއި އެންމެހައި ތަކެއްޗަށްވުރެ ރަސޫލާ ދެކެވާ ލޯބި އިތުރުވުމަށް ދާންދެން އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެއެވެ. ތިމާ އެމީހަކު ދެކެ ލޯބިވާ ފަރާތަކަށް ބަދުބަސްބުނެވޭއިރު ހަނުހުރުމަކީ އެފަރާތެއް ދެކެ ލޯބިނުވުމުގެ ޢަލާމާތެކެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

 

މިއަދު އޮންލައިން