ބޭފުޅުންނޭ! އަޅުގަނޑުމެން ދުނިޔޭގާ ކަންކަން ރަގަޅަށް ގެންދާ އިރުގާ އެކަންކަން ބަލާ ދިރާސާކުރޭ ރަގަޅަށް ހިންގާ ކުންފުންޏެއް ވެއްޖިއްޔާ އެކުންފުނީގެ އޮޑިޓްތައް ރަގަޅަށް ބަލަހައްޓާނެ، ހިސާބުތައް ރަގަޅަށް ބަލަހައްޓާނެ، ވިޔަފާރިޔަކުން ގެއްލުމުން ސަލާމަތްވެގެން ކާމިޔާބު ފައިދާ ހޯދަން ބޭނުންވާ ކަމަށްވަނީނަމަ ވަރަށް ރަގަޅަށް އެވިޔަފާރިއެއް އޮޑިޓް ކުރަމުން ގެންދާނެ. އެ އޮޑިޓުން ފާހަގަވާ ގޯސް ކަންތައްތައް ކުރިމަގުގަ ރަގަޅުކުރަމުން ގެންދާނެ.
އަޅުގަނޑުމެންގެ ނަފްސު ތަކަކީވެސް އަބަދާއަބަދު އެނަފްސް ތަކަށް ފާރަވެރިވެ އެނަފްސް ތަކުންކުރާ ކަންތައްތަކާ ކުރެވެމުންދާ ކަންތަކާ ކުރަން ޤަސްދު ކޮށްފާ ހުންނަ ކަންތައްތަކާ މެދުގާ ވިސްނާ ފިކުރުކުރަންޖެހޭ.
ނަފްސު ހިސާބުކުރުމުގެ ބޮޑުކަމާ އެނަފްސާ މެދުގާ އަޅުގަނޑުމެން ދެކެންޖެހޭގޮތް މިއުއްމަތުގެ އެންމެ ހެޔޮ ބޭކަލުންގެ ފަރާތުން އަޅުގަނޑުމެންނަށް އެގެން އެބަހުރި.
މާތް ނަބިއްޔާ ﷺ ގެ އެންމެގާތް ދެއެކުވެރިން އަބޫބަކުރުއްޞިއްދީޤް ރަޟިޔަﷲ ތަޢާލާ ޢަންހު، ޢުމަރުބުނުލް ޚައްޠާބް ރަޟިޔަﷲ ތަޢާލާ ޢަންހު އެބޭބޭފުޅުންގެ ފަރާތްޕުޅުންވެސް ނަފްސް ހިސާބުކުރުމުގެ ކަންތައްތައް އަޅުގަނޑުމެނާ ހަމަޔަށް އައިސްފާ އެބަހުރި، އަބޫބަކުރުއްޞިއްދާޤް ރަޟިޔަﷲ ތަޢާލާ ޢަންހު އެއްދުވަހެއްގާ އެކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ އުދުހިފާދާ ދޫންޏެއް އެއްގަހުން އަނެއްގަހަށް އެސޮރު އުދުހި ކައި ބޮއި އޭގެ ބޭނުންތައް ފުއްދަމުންދާތަން، އަބޫބަކުރުގެފާނު ވިދާޅުވަނީ " هَـنِيْأً لَكَ يَا طَائِر " އޭ ދޫންޏާއޭ! ތިބާޔަށް އުފާވެރިކަން ހުއްޓޭ. ތިބާ ބޭނުން ގަހަކުން ކައިފަ ބޮއެފަ ތިއުޅެނިއްޔޭ ތިބާ މަރުވެގެންދާނީ ތިބާގެ ހިސާބު ބެއްލެވުމެއް ނުވެއޭ. ތިބާގެ ހިސާބު ބެއްލެވުމެއްނުވޭ. ދެންވިދާޅުވަނީ އަޅެ ތިމަންނަޔަކީ މުއުމިނު އަޅެއްގެ މޭމަތީގައި ހުންނަ އިސްތަށިތަކުގެ ތެރެއިން އިސްތައްޓެއް ކަމުގަވީނަމަ ކިހާ ރަގަޅުހޭ؟ މާނަޔަކީ ހިސާބު ނުބެލެވޭ ޖަމާދާތުގެ ތެރޭގާ ހިމެނުނު ނަމަ ކިހާ ރަގަޅުހެއްޔޭ؟ އެއީ ހިސާބު ބެއްލެވޭނެ ކަމާ އެކަމުގެ ބޮޑުކަމާ އެކަމުގެ ނުރައްކާތެރިކަމާ އެކަންކަން ހިތްޕުޅަށް ގެންނަވާލެއް ބޮޑުކަމުން އެކަލޭގެފާނު ވިދާޅުވެފައިވާ ބަސްފުޅެއް އެއީ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން