ފަނޑުކުރަން އުޅޭވަރަކަށް އިސްލާމް ދީނުގެ ނޫރުގެ އަލިކަން އަންނަނީ ގަދަވަމުން! ދާނީވެސް ގަދަވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ފަނޑުކުރަން އުޅޭވަރަކަށް އިސްލާމް ދީނުގެ ނޫރުގެ އަލިކަން އަންނަނީ ގަދަވަމުން! ދާނީވެސް ގަދަވަމުން!

މުޅި ދުނިޔެ އެކަންކުރަން ބޭނުންވި ނަމަވެސް ދުނިޔެއިން އިސްލާމް ދީން ފުހެލުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް މަސައްކަތްކުރާ ވަރަކަށް އިސްލާމް ދީނަށް ލިބޭ ކުރިއެރުން މިދަނީ އިތުރުވަމުންނެވެ. އެކަން ދެމިގެންދާނީވެސް އެގޮތުގައެވެ.

 މިކަމުގެ ދަލީލަކީ ދުނިޔޭގެ ކަންކޮޅުތަކުން އިސްލާމް ދީނަށް ލިބެމުން އަންނަ ބޮޑު ތަރުޙީބެވެ. އަލަށް އިސްލާމްވާ މީހުންގެ އަދަދު ގިނަކަމެވެ. އެހެން ދީންތަކަށް ވަންނަ މީހުންނަށްވުރެ އިސްލާމްވާ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުކަމެވެ.

ކާފިރުންނާއި އެކުވެރިކަން ބޭއްވުމާއި އެމީހުންނާއިއެކު ވިޔަފާރިކުރުން މުސްލިމުންނަށް ހުއްދައެވެ. ނަމަވެސް އެމީހުންގެ ދީނީ އެއްވެސް ކަމެއް ބަލައިގަތުން ހުއްދައެއް ނޫނެވެ. އެމީހުންގެ ޘަޤާފަތް ބަލައިގަތުންވެސް ހުއްދައެއް ނޫނެވެ. 

ކާފިރުންނާއިއެކު ބާއްވާ ގުޅުމުގެ ތެރެއިންވެސް މަސައްކަތްކުރަންވީ އެމީހުންނަށް އިސްލާމް ދީނުގެ ފުރިހަމަކަން އަންގައިދިނުމަށެވެ. އެކަން ކުރެވޭނީ އެމީހެއްގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤީ ސިފަތަކުން އެކަން ދައްކައިދީގެންނެވެ. އަމާނާތްތެރިކަމާއި އޯގާތެރިކަން ހާމަކޮށްދީގެންނެވެ.

އެންމެ ގިނަ ބައަކު އިސްލާމް ދީން ޤަބޫލުކުރަމުން ދަނީ މުސްލިމުންގެ ރިވެތި އަޚްލާޤާއި އިންޞާފުގެ ސަބަބުންނެވެ. ވީމާ ކޮންމެ މުސްލިމަކު ވެސް ގަދައަޅައި މަސައްކަތް ކުރަންވީ ތިމާއަކީ ނަމޫނާ މުސްލިމަކަށްވުމަށެވެ! 

ހުޅަނގުގެ ޤައުމުތަކާ އެހެންވެސް ބައެއް ޤައުމުމުތައް މިއަދުވަނީ ދުނިޔަވީ ތަރައްޤީގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރައިފައެވެ. ކަންކަން ރޭވުމުގައި ވަނީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ. މިއީ ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެކެވެ. މުސްލިމުންވެސް މަސައްކަތްކުރަންވީ ކުރިއަރައި ދިއުމަށެވެ. ނަމަވެސް އެއްވެސް ޙާލެއްގައި ތަރައްޤީ އާއި ކުރިއެރުން ހޯދުމަށްޓަކައި އިސްލާމީ ޢަޤީދާ ދޫކޮށްލައިގެން ނުވާނެއެވެ. މަސައްކަތްކުރަން ޖެހޭނީ އިސްލާމީ ފުރިހަމަ ޢަޤީދާގެ މަތީގައި ތިބެގެންނެވެ.

އެމީހުންނަށްވުރެވެސް ކުރިއަރާފައިވާ ބައަކަށްވުމަށް ގަދައަޅައި މަސައްކަތްކުރަންވީއެވެ. ނަމަވެސް އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ތިބެގެންނެވެ. އަޅުގަނޑުމެން އެމީހުންގެ ކިބައިން ވެސް ލިބިގަންނަންޖެހޭނީ އިސްލާމް ދީނާ ތަޢާރަޟް ނުވާ ކަންކަމެވެ. އިސްލާމް ދީނާ ތަޢާރަޟް ނުވެ ކުރިއެރުން ލިބޭނެ ކަންކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން