ފާފަ ކުރުމަށްފަހު އިބިލީސް ނުވަތަ މީހުންގެ ބޮލުގަ އަޅުވާނަމަ އެކުރެވެނީ އިތުރު ފާފައެއް! ވާނީ އިތުރަށް ފާފަވެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފާފަ ކުރުމަށްފަހު އިބިލީސް ނުވަތަ މީހުންގެ ބޮލުގަ އަޅުވާނަމަ އެކުރެވެނީ އިތުރު ފާފައެއް! ވާނީ އިތުރަށް ފާފަވެރި!

 ހިތަށް އެރިހައި ފާފަތަކެއް ކޮށްލުމަށްފަހު ވަރަށް ގިނަ މީހުން އެކަން އަޅުވަނީ އިބިލީހުގެ ނުވަތަ ކޮންމެވެސް މީހެއްގެ ބޮލުގައެވެ. ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވުމަށްފަހުގައި އެއީ އިބިލީސް ކުރުވި ނުވަތަ މިވެނި މީހެއްގެ ސަބަބުން ކުރެވުނުކަމެއް ކަމަށް ބުނެ އަމިއްލަ ޒިންމާއިން ރެކެން އެބަ މަސައްކަތްކުރެއެވެ.

މީސްތަކުންނޭވެ! ތިމާ ކުރަންބޭނުންހައި ފާފައެއް ކުރުމަށްފަހު އެކަން ކުރުވީ އިބިލީސް ނަވަތަ އެހެން މީހަކުކަމަށް ބުނުމަކީ ކުރި ފާފައިގެ މައްޗަށް އިތުރު ފާފައެއް ކުރުމެވެ. އެއީ ދޮގު ހެދުމުގެ ފާފައެވެ. ކީރިތި ޤުރްއާނުގެ މި އާޔަތް ބަލާށެވެ. 

"ހަމަކަށަވަރުން އީމާން ވެ، އެއުރެންގެ ވެރި ރަސްކަލާނގެއަށް ވަކީލްކުރާމީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ ޝައިޠާނާ އަކަށް ނުވެއެވެ." (އަންނަޙްލް: 99) 

މީސްތަކުންނޭވެ! އެންމެ ގިނައިން ކުރެވޭ ފާފަތަކުގެ ތެރޭގައި ވައްކަން ކުރުމާއި ބަނގުރާ ބުއިމާއި ފާހިޝް ޢަމަލުތައް ކުރުން ހިމެނެއެވެ.

ވައްކަން އެކުރަނީ ﷲ ތައާލާ ދެއްވެވި މިންވަރަށް އީމާން ނުވާ މީހުންނެވެ. ޝުކުރުވެރިވެ ވަކީލް ނުކުރާ މީހުންނެވެ. ބަނގުރާ ބޮނީ ސުވަރުގެގޭގެ މީރު ބުއިންތައް ބޭނުން ނުވާ މީހުންނެވެ. އެކަމަށް އެދޭމީހާ ބައަކު ހިލޭ ދިންނަމަވެސް ބަނގުރަލެއް ނުބޯނެއެވެ. އޭނާ އެދެމުން ދާނީ ސުވަރުގޭގެ ބުއިމަށެވެ.

ފާހިޝް ޢަމަލުތައް ކުރަނީ ސުވަރުގެއާއި ޙޫރަލްޢީނުން ބޭނުން ނުވާ މީހުންނެވެ. އެމީހާއަކީ ސުވަރުގެ އެދޭމީހެއް ނަމަ އަދި ރީތިކަމުން ފުރިގެންވާ ޢަޖައިބެއް ފަދަ ޙޫރުލްޢީނުން ބޭނުންވާ މީހެއްނަމަ ފާހިޟް އަމަލުތައްކޮށް ޙޫރަލްޢީނުންނާއި ތިމާ އާއި ދެމެދަށް އެއްވެސް ހުރަހެއް ނުއަޅާނެއެވެ 

ބަޔާން މިކުރި ޢާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވަނީ "އީމާން ވެ، އެއުރެންގެ ވެރި ރަސްކަލާނގެއަށް (ﷲ އަށް) ވަކީލްކުރާމީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ ޝައިޠާނާ އަކަށް ނުވާ ކަމަށެވެ." މާނައަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ ވަކީލު ކުރާ މީހަކަށް ނުފޫޒު ހިންގުމުގެ ބާރު ޝައިޠާނާއަކަށް ނުވެއެވެ. ވީމާ ޝައިޠާނާއަށް މީސްތަކުންގެ މައްޗަށް ބާރެއް ނުފޫޒެއް ފޯރުވޭނަމަ އެކަން އެ ކުރެވެނީ އެމީހާގެ އީމާންކަން ފުރިހަމަ ނުކުރެވޭތީއެވެ. އަދި ﷲ ތަޢާލާއަށް ވަކީލު ނުކުރެވޭތީއެވެ 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން