ކުރެވުނު ފާފަތައް ކިތަންމެ ގިނަ ނަމަވެސް ކުރެވިފައިވާ ހުރިހާ ފާފަތަކެއް އަޅުކަމަށް ބަދަލުކޮށްލުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބަ އޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ކުރެވުނު ފާފަތައް ކިތަންމެ ގިނަ ނަމަވެސް ކުރެވިފައިވާ ހުރިހާ ފާފަތަކެއް އަޅުކަމަށް ބަދަލުކޮށްލުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބަ އޮތެވެ!

 ކުރިން ފާފަ ކުރެވެމުން އައި މީހަކަށް ހެޔޮ ވިސްނުން މިންވަރުފުޅު ކޮށްދެއްވެވުމަކީ ﷲ ތާޢާލާ މީހަކަށް ދެއްވަވާނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެއީ އެމީހާ ސުވަރުގެ ވަނުމަށް ދެއްވަވާ އެންމެ ބޮޑު އެއް ފުރުޞަތެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ އެ ފުރުޞަތުގެ ބޭނުން ހިފައި ﷲ ތަޢާލާ މިންވަރުކުރެއްވެވި ބޮޑު ނިޢްމަތުގެ ބޭނުން އެންމެ ބޮޑަށް ހިފުމަށެވެ.

އެކަން ކުރަން ކުރަންޖެހޭ ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ތަޤްވާވެރިކަމުގައި ޘާބިތުވާން މަސައްކަތް ކުރުމެވެ. ވީމާ އެއްވެސް މީހަކު އެމީހެއްގެ މާޒީ ގިރިޓީ ކުރަން މަސައްކަތް ނުކުރާށެވެ. މުސްތަޤްބްލުގެ އޮފްގަދަކޮށް ވިދުވަރު ގަދަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.

ވަރަށް މަދު މީހެއްގެ ނޫނީ އެމީހެއްގެ މުޅި ހަޔާތަކީ އެއްވެސް ކިލަނބުކަމެއް، ލަފެއް ނެތް އެއްޗެއް ކަމަށް ހެދިފައެއް ނުވެއެވެ. އިންސާނާއަކީ ފާފަތައް ކުރެވޭނެ މީހަކުކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އިބިލީސް ﷲ އަށް ދެންނެވީ އެންމެންލައްވައި ފާފަކުރުވާނެ ކަމަށެވެ. ﷲ ވަޙީކުރެއްވެވީ ތައުބާވާއިރަށް ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށެވެ. ވީމާ މުސްލިމުންނަކީ މާޔޫސްވާންޖެހެންވީ ބައެއް ނޫނެވެ.

ބައެއް މީހުން އެމީހުންގެ މާޒީ ރީތިކުރަން އުޅެން ހަދައިގެން މުސްތަޤްބަލަށް ހުރަސް އެޅޭ ހިސާބަށްވެސް ކަންކަން އެބަދެއެވެ. އެއީ ކުރަން އެއްވެސް ބޭނުން ކަމެއް ނޫނެވެ. މާޒީ، މާޒީގެ ގޮތުގައި މާޒީއަށް ދޫކޮށްލާށެވެ. ވެފައި އޮތް ކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. ކުރެވިފައިވާ ކަމެއް އެއީ ނުކުރެވޭ ކަމަކަށްވެސް ނުހެދޭނެއެވެ. އެކަން ކުރަން ކުރެވޭ ކޮންމެ މަސައްކަތަކީ ވަރަށް ބޮޑަށް މަސައްކަތްތަކެވެ.

ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ މާޒީން ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް ރީތިކުރަން މަސައްކަތްކުރުމެވެ. ކިތަންމެ ގިނައިން ފާފަ ކުރެވިފައިވީނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ތައުބާވާށެވެ. ދެން އެފަދަ ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. އެކަން ކާމިޔާބު ކުރެވިއްޖެ ނަމަ މާޒީ އެވަނީ އުޖާލާކުރެވިފައެވެ.

ތަޤްވާވެރިކަމުގައި ކުރިއަށް ދެވުމުން މާޒީގައި ކުރެވިފައިވާ ފާފަތަކަކީ ހެޔޮ ކަންކަން ކަމަށް ﷲ ތައާލާ ބަދަލުކުރައްވަވައި ދެއްވަވަތެވެ. ބަލަންވީ އެ މިންވަރަށް ތަޤްވާވެރިކަން އިތުރުކުރެވޭތޯއެވެ. އެ މިންވަރަށް ﷲ ތަޢާލާއަށް ބިރުވެތިވެވޭތޯއެވެ. ހުރިހާ އުފަލެއް ޙާޞިލުކުރެވުނީއެވެ.

މިދެއްކި ހުރިހާ ވާހަކަތަކަށް ދަލީލުލިބޭ އާޔަތް ކީރިތި ޤުރްއާނުގައި މިއޮތީއެވެ!

"ތައުބާ ވެ، އީމާންވެ ވެ، ގިނަގިނައިން صالح عمل ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ." (އަލްފުރުޤާން: 70)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން