ޢަބްދުއްރަޙްމާން ބިން ޢައުފު 1: ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެ ތެރެއިން ބޭކަލެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 5ސ
ޢަބްދުއްރަޙްމާން ބިން ޢައުފު 1: ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެ ތެރެއިން ބޭކަލެއް!

ޢަލީ އިޙްޞާން ފިރާޤް

 

ނަސަބުފުޅާއި، އިސްލާމްވެވަޑައިގެންނެވުން: 

عبد الرّحمن بن عوف رضى اللّـه عنــه އަކީ ޒުހުރަތުވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ބަފައިކަލުންގެ ނަންފުޅަކީ، عوف بن عبد عوف بن عبد الحارث އެވެ. މައިކަނބަލުންގެ ނަންފުޅަކީ، الشّفاء بنت عوف އެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނުގެ ނަންފުޅަކީ عبد عمرو އެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ނަންފުޅު عبد الرّحمن ގެ ނަންފުޅަށް ބަދަލުކުރެއްވީއެވެ.  

عبد الرّحمن بن عوف رضى اللّـه عنــه ގެ ކުންނިއްޔަތަކީ، أبا محمّد އެވެ. އެކަލޭގެފާނު ރައްކައުވެވަޑައިގަތީ ފީލުބާގައިގެ މީސްތަކުން ގެފުޅު މުގުރަން އައިތާ ދިހަ އަހަރުފަހުން މާތްވެގެންވާ މައްކާގައެވެ. އެކަލޭގެފާނަކީ ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެ ތެރެއިން އެއްބޭކަލެކެވެ. {އިބްނު ސަޢުދު، ޠަބަޤާތު} 

އިސްލާމްވެވަޑައިގަތުން: 

މާތް ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم ރަސޫލުކަމާއިގެ ފޮނުއްވުމުން އެންމެ ފުރަތަމަ އިސްލާމެވެވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި عبد الرّحمن بن عوف رضى اللّـه عنــه ހިމެނިވަޑައިގަންނަވައެވެ. އިބްނު ސަޢުދު ބަޔާން ކުރައްވާ ގޮތުގައި، عبد الرّحمن بن عوف رضى اللّـه عنــه އިސްލާމްވެވަޑައިގެންފައިވަނީ މާތް ރަސޫލޫ صلّى اللّـه عليه وسلّم ދާރުލް އަރުޤަމުގައި މަޖިލިސް ކުރައްވަން ފެއްޓެވުމުގެވެސް ކުރީންނެވެ. 

ސަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ އޭނާ ލިޔުއްވި އައްރަޙީޤުލް މަޚްތޫމުގައި ބަޔާން ކުރައްވައިފައިވެއެވެ. ކީރިތި ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم އެންމެ ފުރަތަމަ ދީނުގެ ދައުވަތު ދެއްވަން ފެއްޓެވީ އެކަލޭގެފާނުގެ އަހުލުވެރިންނަށެވެ. އެއަށްފަހު، އެކަލޭގެފާނުގެ އެކުއުޅުއްވުމުގައި އެންމެ ގާތް ބޭފުޅުންނަށް އިސްލާމްދީނުގެ ދައުވަތު ދެއްވަމުން ވަޑައިގެންނެވިއެވެ. އެގޮތުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ފުރަތަމަ ދީނަށް ގޮވައިލެއްވި ދުވަހު އިސްލާމްވެވަޑައިގެންނެވި އެއްބޭކަލަކީ، އެކަލޭގެފާނުގެ އެންމެ އެކުވެރި أبوبكر الصّدّيق رضى اللّـه عنه އެވެ.  

أبوبكر الصّدّيق رضى اللّـه عنه އަކީ، މައްކާގެ މީސްތަކުންގެ ޤަދަރާއި އިހުތިރާމު ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. މީސްތަކުން ލޯތްބާއި ރުހުން ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. ހަރުދަނާ ޝަޚްޞިއްޔަތެއްގެވެރި ބޭކަލެކެވެ. މަޝްހޫރު ވިޔަފާރިވެރިއެއްމެއެވެ. މައްކާގެ ވަރަށް ގިނަ މީސްތަކުން އެކަލޭގެފާނުގެ އަރިހަށް އައިސް ކަންކަމުގައި މަޝްވަރާ އަހައި ބޭކަލެކެވެ. أبوبكر الصّدّيق رضى اللّـه عنه އިސްލާމްވެވަޑައިގަތުމަށްފަހު، އެކަލޭގެފާނު ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم ގެ ރިސާލަތު މީސްތަކުންނަށް ބަޔާންކޮށްދެއްވަން ފެށްޓެވިއެވެ. އެގޮތުން އެކަލޭގެފާނުގެ ރައްޓެހިފުޅު ބޭކަލުންގެ ތެރެއިން އެބޭކަލުންގެ ގޮތްބާވަތް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭކަލުންނަށް އިސްލާމްދީން ހުށައެޅުއްވިއެވެ. 

أبوبكر الصّدّيق رضى اللّـه عنه ގެ ދީނީ ދައުވަތު ވަރަށް ކާމިޔާބެވެ. އެކަލޭގެފާނުގެ ގޮވައިލެއްވުމަށް ވަރަށް ގިނަބަޔަކު އިސްލާމްދީން ޤަބޫލުކުރެއްވިއެވެ. އޭގެ ތެރޭގައި އިސްލާމްދީނުގެ ދަރަޖަ މަތިވެރި ޞަޙާބީ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި عثمان بن عفّان رضى اللّـه عنه އާއި،  الزّبير بن العوّام رضى اللّـه عنه އާއި، عبد الرّحمن بن عوف رضى اللّـه عنــه އާއި، سعد بن أبي وقّاص رضى اللّـه عنه އާއި، طلحة بن عبيدالله رضى اللّـه عنــه ހިމެނިވަޑައިގަންނަވައެވެ.

{އައްރަޙީޤުލްމަޚްތޫމު، ސަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ، ޞަފްޙާ 77}

 

 

މިއަދު އޮންލައިން