الشَّيْخ شَفِيْعُ عَبْدُ الله
ދީނަށް ފުރައްސާރަ ކުރާ ފިކުރާއި ހައްދުފަހަނައަޅާފައިވާ ތަކްފީރީ ފިކުރަކީ މިހާރު ޤައުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. ދީނަށް ފުރައްސާރަ ކުރުމާއި ދީނީ ޝިޢާރުތަކަށް މަލާމާތް ކުރުމަކީ ދިވެހިރާއްޖޭގައި މި އޮތް ދީނީ އެއްބައިވަންތަކަން ފުނޑުފުނޑުވެ ދީނީ ވަޙުދަތު ގެއްލިގެންދާ ފަދަ ނުރައްކާތެރި ފިކުރެކެވެ.
މިއީ ދުނިޔެވީ ނަޒަރަކުންނެވެ. ޤައުމީ ނަޒަރަކުންނެވެ. އުޚުރަވީ ނަޒަރަކުން މިކަން އަދި މިއަށްވުރެ ނުބައި ވެގެން ވޭ ނޫންތޯއެވެ؟ އެހެނީ، ދީނީ ޝިޢާރުތަކަށް ފުރައްސާރަ ކުރުމަކީ މީހާ މިއްތަލުން ބޭރުވެ ކުފުރުވާނެ ކަމެކެވެ. ހަމަބުއްދީގައި ހުރެ، ތިމާއަށް މި ކިޔެނީ ކީކޭ ކަމާއި، ތިމާއަށް މި ފުރައްސާރަ ކުރެވެނީ ދީނުގެ މަތިވެރި ޝިޢާރަކަށް ކަން އެނގޭ ޙާލު އަމިއްލަ އިޚްތިޔާރުގައި އެފަދަ ޖަރީމާއެއް ހިންގައިފި މީހަކީ ކާފަރެއް ކަމާމެދަކު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ. މިއީ ދީނުގައި ވާ ޤަޠުޢީ އިޖުމާޢީ ކަމެކެވެ.
ދީނީ ޤަޠުޢީ އަޙްކާމުތަކާއި ޝިޢާރުތަކަށް ހިތުހުރި ގޮތަކަށް ފުރައްސާރަ ކުރުމަށް ދޫކޮށްފައި ބޭތިއްބުމަކީ ވެސް މުސްލިމް ޙާކިމަކަށް ހުއްދަވެގެން ވާނޭ ކަމެއް ނޫނެވެ. މި ދައްކަނީ އިސްލާމްދީނުގެ ވާހަކައެވެ. މި ދައްކަނީ އިސްލާމީ ރައްޔިތުންތަކެއްގެ މައްޗަށް ވެރި ކުރެވިފައިވާ ވަލިޔުލްއަމްރުގެ ވާހަކައެވެ. ސެކިއުލާރ ޢަލްމާނީ ދައުލަތެއްގައި މިއީ ތަފާތު ކަމެއް ކަމުގައި ވެދާނެއެވެ. އެފަދަ ދައުލަތެއްގައި ހުރިހާ ފިކުރަކަށް ހުރިހާ ކަމަކަށް ޖާގަ ދެވިފައި އޮވެދާނެއެވެ. ނަމަވެސް އިސްލާމީ ދައުލަތެއް މިއާ ތަފާތެވެ. އެހެނީ، އިސްލާމްދީނުގެ ފަސް މަޤާޞިދުގެ ތެރޭގައި ހިމެނޭ އެންމެ އިސް މަޤްޞަދަކީ ދީން ޙިމާޔަތް ކުރުމެވެ. އެހެންކަމުން، ދީނީ ނަޒަރަކުން ބަލާއިރު، އެފަދަ މީހުން ތައުބާވެ އެބައިމީހުން ކުރަމުން އެ އަންނަ ކަންކަން ނުހުއްޓައިފި ނަމަ، މުރުތައްދުވުމާއި އިސްލާމީ މުޖުތަމަޢެއްގައި ފިތުނަފަސާދަ އުފެއްދުމާއި މުސްލިމުންގެ ހިތްތަކުގައި ނަފްރަތާއި ޝުބުހައިގެ އަލިފާން ރޯ ކުރުމުގެ ކުށުގައި މަރުގެ އަދަބު ދިނުން ނޫން ގޮތެއް ނެތް ނަމަ އެކަން ވެސް ޙާކިމާގެ މައްޗަށް ލާޒިމުވެގެންވެއެވެ.
ކަން މިހެން އޮތް އިރު، ހަމައެކަނި، ދީނީ ގޮތުން ހައްދުފަހަނައެޅި ތަކްފީރީ ފިކުރުގެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމުން މުޖުތަމަޢުގައި މި އޮތް މައްސަލަތަކަށް ޙައްލު ލިބޭނެތޯއެވެ؟ ހަމަ ޔަޤީނުން ވެސް ނުލިބޭނެއެވެ. ހައްދުފަނަހައެޅުން އުފެދިގެން އަންނަ މައިގަނޑު އެއް ސަބަބަކީ ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެކަން އެބައިމީހުން ބޭނުން ގޮތަކަށް ބޭނުން މިނަކަށް ކުރުމަށް ފެހި ސިގްނަލް ދެވިފައިވުމެވެ. އެކަންކަމާ މެދު އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވުމެވެ. މިއީ ފަރުވާއެއް ކުރާނަމަ، އެކީއެކަށް ފަރުވާ ކުރަން ޖެހޭ ދެ ފިކުރެވެ
އިސްލާމްދީނުގައި ހައްދުފަހަނައަޅައި ދިޔުމަކަށް އެއްވެސް ޖާގައެއް ނެތެވެ. އަދި އިސްލާމްދީނުގައި މާތް ﷲ އާއި އެ އިލާހުގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އާއި ދީނީ މަތިވެރި އަޙްކާމުތަކާއި ޝިޢާރުތަކަށް ފުރައްސާރަކޮށް ހަޖޫޖަހަން ދޫކޮށްލައިގެން ތިބުމަކަށް ވެސް ޖާގައެއްނެތެވެ.