ޢަލީ އިޙްޞާން ފިރާޤް
ޖިހާދުގެ މައިދާނުގައި:
މާތް ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި ކުރެވުނު މުހިއްމު ޣަޒުވާތަކާއި، ސަރިއްޔާތަކުގައި عبد الرّحمن بن عوف رضى اللّـه عنــه ނުހަނު ޖޯޝާއި ފޯރީގައި ބައިވެރިވެވަޑައިގަތެވެ. އެގޮތުން ޙައްޤާއި ބާތިލުވަކިވެގެންދިޔަ ހަނގުރާމަ ކަމުގައިވާ ބަދުރު ހަނގުރާމައިގައި عبد الرّحمن بن عوف رضى اللّـه عنــه އިސް ދައުރެއް އަދާކުރެއްވެވިއެވެ.
ބަދުރުގެ ދުވަހުގެ ހާދިސާއެއް ރިވާ ކުރައްވަމުން عبد الرّحمن بن عوف رضى اللّـه عنــه ވިދާޅުވެފައިވެއެވެ. ބަދުރު ހަނގުރާމައިގެ ދުވަހު އަހަރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުގައި ތިބި ދެ ޒުވާނަކު އަހަރެން ދުށީމެވެ. ބަލާބެލުމަށް ހީވަނީ އެއީ ހަނގުރާމައިގެ އެއްވެސް ކަހަލަ ތަޖުރިބާއެއް ލިބިފައިނުވާ ދެކުދީންހެންނެވެ. އެތަނުން އެއްކުއްޖަކު ވަރަށް ސިއްރުން އަހަރެން ގާތަށް ޖެހިލުމަށްފަހު އަބޫޖަހުލު ދެއްކުމަށް އެދިއްޖެއެވެ. އަހަރެން އޭނާކުރެން އޭނާގެ މަޤުޞަދަކީ ކޮބައިތޯ އަހައިފީމެވެ. އެވަގުތު އެނާ ބުންޏެވެ. [ބޭނުންވަނީ އަބޫޖަހުލާއި ހަނގުރާމަ ކުރާށެވެ. އަހަރެންނާއި އޭނާއާ ދެމީހުންކުރެ، ކޮންމެވެސް އެކަކު ޤަތުލުވެއްޖެއުމަށް ދާންދެނެވެ.] އޭނާ އެހެން ބުނުމުން އަހަރެން ވަރަށް ޙައިރާންވިއެވެ.
ދެން އަހަރެން، އަހަރެންގެ ވާތްފަރާތުގައި ހުރި ކުއްޖާއާ ދިމާއަށް އެނބުރިލުމުން އެކުއްޖާވެސް އޭނާ ބޭނުންވަނީ އަބޫޖަހުލާ ހަނގުރާމަ ކުރުމަށް ކަމަށް ބުންޏެވެ. ދެން އަހަރެން އެ ދެކުދީންނަށް އަބޫޖަހުލު ދެއްކުމުން ވަރަށް ބާރަށް އޭނާއާ ދިމާއަށްގޮސް އަބޫޖަހުލު ޖަހަންނަމައަށް ދުއްވައިލައިފިއެވެ.
{އައްރަޙީޤުލްމަޚްތޫމު، ސަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ، ޞަފްޙާ 223}
ހިޖުރައިން ތިންވަނަ އަހަރުގެ ތެރޭގައި ކުރެވުނު އުޙުދު ހަނގުރާއަމައަކީ، މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި ކުރެވުނު އެންމެ ނުރައްކާތެރި ހަނގުރާމައެވެ. އެ ހަނގުރާމައިގައި މުސްލިމުންނަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުންނެވެ. މި ހަނގުރާމައިގައި عبد الرّحمن بن عوف رضى اللّـه عنــه ވަރަށް ބޮޑަށް ޒަޚްމަވެވަޑައިގަތެވެ. އެގޮތުން އެކަލޭގެފާނުގެ އަނގަފުޅު ވަރަށް ބޮޑަށް ޒަޚަމްވެގެންދިޔައެވެ. އުޙުދުގެ ދުވަހު އެކަލޭގެފާނުގެ ހަށިކޮޅު ވިހި ތަނަކުން ޒަޚްވެފައިވެއެވެ. އޭގެ ތެރެއިން ބައެއް ޒަޚަމްތައް އެކަލޭގެފާނު ދެފައިންޕުޅަށް އެރިއެވެ. އޭގެ ސަބަބުން ހިންގަވައި އުޅުއްވަން ދަތިފުޅުވިއެވެ. ހިންގަވައި އުޅުއްވީ ކޮރުޖައްސަވައިގެންނެވެ.
{އައްރަޙީޤުލްމަޚްތޫމު، ސަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ، ޞަފްޙާ 273}
އުޙުދު ހަނގުރާމައިގެ ދުވަހު މުޝްރިކުން، ފަހަތުން އައިސް އިސްލާމީ ލަޝްކަރަށް ކުއްލި ހަމަލައެއް ދިނެވެ. އެ ހަމަލާގެ ސަބަބުން ބައެއް މުސްލިމުން ހަދާނެނަހަދާނެއް ނޭނގި ހަނގުރާމައިގެ މައިދާނު ފިލާންވެސް ދުވުނެވެ. އިބްނު ސަޢުދު ބަޔާންކުރައްވާ ގޮތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ހަނގުރާމައިގެ މައިދާނުގައި ފައިތިލަ ސާބިތު ކުރައްވައިގެން ތިއްބެވި މަދުބޭކަލުންގެ ތެރޭގައި عبد الرّحمن بن عوف رضى اللّـه عنــه ހިމެނިވަޑައި ގަންނަވައެވެ.