ޔަހޫދީންނާއި ކްރިސްޓިއަނުން، ހިންދޫން ނުވަތަ އެނޫންވެސް ކާފިރުން އުޅޭ ގޮތް މުސްލިމުން ކޮޕީކޮށްގެން ނުވާނެކަން ރަސޫލް (ﷺ) މިވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. އެހެންކަމާއިއެކުގައިވެސް ބައެއް މީހުން ބުނެއެވެ. "ތިމަންމެން އެހެން މިއުޅެނީ ދުނިޔޭގެ ގިނަ މީހުން އެގޮތަށް އުޅޭތީއެވެ."
އެފަދައިން ބުނާ މީހުންނަށް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަރަށް ފުރިހަމަ ގޮތުގައި ޖަވާބު ދެއްވަވައިފައެވެ.
"އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބަޢައެއް ނުވެތެވެ. އަދި ދޮގުހަދާ ބައަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ." (އަލްއަންޢާމް: 116)
ދުނިޔޭގެ ކިތަންމެ ގިނަ ބައަކު ވަކި ގޮތަކަށް އުޅުނު ނަމަވެސް މުސްލިމުންނަށް އުޅެން އަންގަވާފައިވާ ގޮތަށް ނޫން ގޮތަކަށް އުޅެފިނަމަ އެދަނީ މަގުފުރެދިގެންނެވެ. އެބައިމީހުންގެ މަގަކީ ޖާހިލުކަމުގެ މަގެވެ. އެބައިމީހުންނަކީ ދޮގުވެރިންނެވެ.
އިސްލާމީ މުޖުތަމައުތަކަށް ބެލި ނަމަވެސް މިއަދު ފެންނަމުން މިދަނީ ކާފިރުން ކުރާހައި ކަންކަން ކޮޕީކުރެވެމުން އަންނަތަނެވެ. އެއިން މީހަކު ނިތްކުރީގައި ލޯވަޅެއް އަޅައި ބޯލްޓެއް ޖަހައިފިނަމަ އެކަންވެސް ކުރާތަނެވެ. ހެދުން އެޅުމާއި ކެއުންބުއިމާއި އެނޫންވެސް ކަންކަމުގައި ކާފިރުންނާއި އެއްގޮތްވަމުން އަންނަތަނެވެ.
މިފަދަ ހުރިހާ ކަންކަމުގެ އިތުރުން ޚިޔާލާއި ފިކުރުވެސް އެއްގޮތް ކުރަމުން އަންނަތަނެވެ.
މިދުވަސް މިހެން އަންނާނެކަން ރަސޫލް (ﷺ) ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. ނަމަވެސް އެއިގެ މާނައަކީ އެއްވެސް ޙާލެއްގައި އެކަންކަން މުސްލިމުންނަށް ހުއްދަވުމެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް މުސްލިމުން ޢަމަލުކުރަން ޖެހޭ ގޮތް ކީރިތި ޤުރްއާނުންނާއި ރަސޫލް (ﷺ)ގެ ސުންނަތުން އެއޮތީ އެނގޭށެވެ.
Prophet Muhammad ﷺ said, Hour will not be established till my followers copy the deeds of the previous nations and follow them very closely, span by span, and inch by inch. It was said, "O Prophet ﷺ! Do you mean by Jews and the Christians?" He ﷺ said, Whom else? Bukhari 7319
--އިސްލާމީ ތިލަފަތުގެ ދަރުސަކުން