ދަތި އުނދަގޫ ކަންކަން ކުރިމަތިވާނަމަ މައިންބަފައިންނަށް ހެޔޮކޮށްހިތުން އިތުރުކުރާށެވެ! އެއީ ފަސޭހައިން މުޞީބާތްތަކުން ސަލާމަތްވުމަށް އޮތް މަގެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދަތި އުނދަގޫ ކަންކަން ކުރިމަތިވާނަމަ މައިންބަފައިންނަށް ހެޔޮކޮށްހިތުން އިތުރުކުރާށެވެ! އެއީ ފަސޭހައިން މުޞީބާތްތަކުން ސަލާމަތްވުމަށް އޮތް މަގެކެވެ!

ކިތަންމެ ކުޑަކުޑަ ނަމަވެސް ދަތިއުނދަގޫކަމެއް ކުރިމަތިވި ނަމަވެސް ބައެއް މީހުން އެންމެ ފުރަތަމަ ކުރާ އެއްކަމަކަށް ހަދަނީ މައިންބަފައިންނާއި ދުރުހެލިވުމެވެ. މައިންބަފައިންނާއިމެދު ފަރުވާ ކުޑަކުރެވުމެވެ. ނަމަވެސް އެއީ ވަރަށް ނުބައިކޮށް ކުރެވޭ ކަމެކެވެ.

މުޞީބާތްތައް އިތުރުވާވަރަކަށް މައިން ބަފައިންނަށް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! އަޅައިލާ މިނަވރު ބޮޑުކުރާށެވެ! އެކަން ވެގެންދާނީ މުޞީބާތްތަކުން އަރައިގަތުމަށް ލިބޭ ރަނުގެ ފުރުޞަތަކަށެވެ. މައިންބަފައިންނަށް ލޯބި ދިނުމާއި އެހީތެރިކަން އިތުރުކުރުމުން އެމީހަކަށް ކުރިމަތިވެފައިވާ މުޞީބާތުން އަރައިގަތުމަށް މަގުފަހިވެގެންދާކަން އެއީ ގިނަ ބައަކު ކޮށްފައިވާ ތަޖުރިބާއެކެވެ.

މުޞީބާތެއް ކުރިމަތިވުމުން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ކުރުމަށެވެ. އެގޮތުން ބެލި ނަމަވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އަޅައިލުމަކީ އަދި ލޯބި ދިނުމަކީ އެކަންކަމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ކަންކަމުގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ. އަދި އެންމެ ފަސޭހައިން ކުރެވެން އޮތް ވެސް އެއްކަންތަކެވެ.

ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް އެދޭ މީހާ އެންމެ ހިނދުކޮޅަކަށްވެސް މައިންބަފައިންނާއި ދުރުވެގެން ނުވާނެއެވެ. މާނައަކީ މައިންބަފައިންނަށް ލޯބި ދިނުމާއި އަޅައިލުން ދިނުމާއި އެހީތެރިވުން ފަދަ އެއްވެސް ކަމެއް ކުރުން ހުއްޓާލައިގެން ނުވާނެއެވެ. އެކަމަށް ފަރުވާކުޑަކޮށްގެން ނުވާނެއެވެ. ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއް ކަންތައް ކަމުގައި ދެކެމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން