ޢަލީ އިޙްޞާން ފިރާޤް
ހިޖުރައިން ހަވަނަ އަހަރުގެ ޝަޢުބާންމަހުގެ ތެރޭގައި، ލަޝްކަރެއްގެ މައްޗަށް ވެރިކުރައްވައިފައި، عبد الرّحمن بن عوف رضى اللّـه عنــه ދޫމަތުލް ޖަންދަލުގައި އުޅޭ ބަނީ ކަލްބުވަންހައިގެ މީހުންގެ ގާތަށް ފޮނުއްވިއެވެ. މި ހަނގުރާމައަށް عبد الرّحمن بن عوف رضى اللّـه عنــه ފުރުއްވައިލެއްވުމުގެ ކުރީން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނު ގެންނަވައި ހަނގުރާމައިގެ އެންމެހައި ރަނގަޅު އުސޫލުތައް ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނުގެ މައްޗަށް ބަރަކާތްލެއްވުން އެދިވަޑައިގެން ހެޔޮދުޢާފުޅު ކުރެއްވިއެވެ.
އެބައިމީހުން އިސްލާމްވެއްޖެނަމަ އެބައިމީހުންގެ ވެރިޔަކަށްހުރި الأصْبَغ بن عمرو ގެ ދަރިކަނަބަލުންނާ ކައިވެނިބެއްލެވުމަށް عبد الرّحمن بن عوف رضى اللّـه عنــه އަށް އަމުރު ކުރެއްވިއެވެ. ދެން عبد الرّحمن بن عوف رضى اللّـه عنــه ވަޑައިގެން އެބައިމީހުންގެ އަރިހުގައި ތިންދުވަސްވަންދެން ދީނަށް ގޮވައިލެއްވުމަށްޓަކައި ހުންނެވިއެވެ. އެބައިމީހުން އެއްވެސް ނުކިޔަމަންތެރިކަމެއްނެތި ވަރަށް އަވަހަށް އިސްލާމްވެއްޖެއެވެ. އެއަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم އެދިވަޑައިގެންނެވި ފަދައިން އެތަނުގެ ވެރިޔާގެ ދަރިކަނބަލުން تُمَاضِر بنت الأَصْبَغ އާ عبد الرّحمن بن عوف رضى اللّـه عنــه ކައިވެނި ބައްލަވައިގެންނެވިއެވެ. {އައްރަޙީޤުލްމަޚްތޫމު، ސަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ، ޞަފްޙާ 337}
عبد الرّحمن بن عوف رضى اللّـه عنــه އަށް تُمَاضِر بنت الأَصْبَغ ބަނޑުފުޅުން އަބޫސަލަމަތު ބިން ޢަބްދުއްރަޙްމާން ލިބިވަޑައިގެންނެވިއެވެ. عبد الرّحمن بن عوف رضى اللّـه عنــه ގެ ދަރިދަރިކަލުންގެ ތެރެއިން އެންމެ މަޝްހޫރު ބޭފުޅަކީވެސް އަބޫސަލަމާއެވެ. އަބޫސަލަމާއަކީ ތާބިޢީންގެ ތެރެއިން އެންމެ މަޝްހޫރު ހަތް ފިޤުހުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާބޭކަލެކެވެ. އެހަތް ފިޤުހުވެރިންނަކީ، ސަޢީދު އިބްނުލް މުޞައްޔިބު އާއި ޢުރުވާ ބިން އައްޒުބައިރު އާއި، އަލްޤާސިމް ބިން މުޙައްމަދު އާއި، ޚާރިޖަތު ބިން ޒައިދު އާއި، އަދި އަބޫބަކުރު ބިން ޢަބްދުއް ރަޙްމާން ބިން ޙާރިޘް ބިން ޙިޝާމް އާއި ސުލައިމާން ބިން ޔަސާރު އާއި، ޢުބައިދުﷲ ބިން ޢަބްދުﷲ ބިން ޢަތަބަތު ބިން މަސްޢޫދުއެވެ.
ހިޖުރައިން ނުވަވަނަ އަހަރުގެ ރަޖަބުމަހު ކުރެވުނު ތަބޫކު ހަނގުރާމަކީ މުސްލިމުންނަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހުނު ހަނގުރާމައެކެވެ. އެ ދުވަސްވަރު މަދީނާއަށްވަނީ ވަރަށް ބޮޑު ތަދުމަޑުކަމަކާ ކުރިމަތިލާންޖެހިފައެވެ. މުސްލިމުންގެ އަތަކު ހަނގުރާމައަށް ބޭނުންވާނެ ސަވާރީއެއްނެތެވެ. މިދެންނެވި ދަތިދަނޑިވަޅުގައި عبد الرّحمن بن عوف رضى اللّـه عنــه ދުއިސައްތަ އުއްޤިއްޔާގެ ރިހި ނުވަތަ އޮނަތިރީސް ކިލޯގެ ރިހި ހިއްޕަވައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން އެތަކެތި ހަނގުރާމައިގެ ޚަރަދު ބަރަދު ކުރެއްވުމަށްޓަކައި ޞަދަޤާތް ކުރެއްވިއެވެ. {އައްރަޙީޤުލްމަޚްތޫމު، ސަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ، ޞަފްޙާ 426}