ދަރިން ކޮންމެ ދާއިރާއަކުން ޕްރޮފެޝަނަލްކުރަން ބޭނުންވިނަމަވެސް އެންމެ ފުރަތަމަ ކަމަކަށް ދީން އުނގަންނައިދޭން ޖެހޭ ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ދަރިން ކޮންމެ ދާއިރާއަކުން ޕްރޮފެޝަނަލްކުރަން ބޭނުންވިނަމަވެސް އެންމެ ފުރަތަމަ ކަމަކަށް ދީން އުނގަންނައިދޭން ޖެހޭ ސަބަބުތައް-

ފުރަތަމަ އަހަރެމެން މައިންބަފައިންނަށް ވިސްނައިލާށެވެ! އަހަރެމެންނަށް މިއުޅެނީ ދީނުގައި ޘާބިތުވެތިބުމަކީ ދަތި އުނދަގޫ ކަމަކަށްވެގެންނެވެ. ޢަޤީދާގައި ޘާބިތު ނުވެވިގެންނެވެ. ވީމާ ދަރިން ބޮޑެތިވަމުން އަންނައިރު ކުރިމަތިލާންޖެހޭނެ މައްސަލަތަކަށް ވިސްނައިލާށެވެ! 

ކޮންމެ މީހަކީ ދީނުގެ ބޮޑު ޢިލްމުވެރިއަކަށް ނުވާނެއެވެ! ނުވެސް ވެވޭނެއެވެ. ސަބަބަކީ ކޮންމެ ފަންނެއްގައިވެސް އެންމެ ކުރިއަށް ދެވޭނީ އެކަމުގެ ޝައުޤުވެރިކަން އެމީހެއްގެ ކިބައިގައި ހުންނަ ވަރަކުން ކަމަށްވާތީއެވެ. އަދި ދަސްކުރުމުގެ ބާރު ވެސް ހުންނަވަރަކުން ކަމަށްވާތީއެވެ. 

އެއީ އެއްވެސް މައްސަލައެއްވެސް ނޫނެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކޮންމެ ދާއިރާޢަކުން ޢިލްމު ޙާޞިލްކުރިނަމަވެސް އެއީ ހަމަ އަޅުކަމެކެވެ. ޙާޞީލްކުރި ޢިލްމުގެ ބޭނުން ޢަމަލީ މައިދާނުގައި ރަނގަޅު ގޮތުގައި ހިފައިފިނަމަ އެއީ ދެވަނަ އަޅުކަމެވެ. 

ހުރިހާ ކަމެއް މާޢްދިއްޔަތަށް ގޮސް ހުސްވުމުން ދަރިންނަށް ތަޢްލީމް ދިނުމުގައިވެސް ގިނަ ބައަކު ބަލަނީ އެންމެ ގިނަ ފައިސާ ލިބޭނެ ފަންނުތަކުގެ ޢިލްމު އުނގަންނައިދިނުމަށެވެ. މިހާރުވެސް ގިނައީ އިންޖިނޭރުކަމާއި ޑޮކްޓަރުކަން ފަދަ އެންމެ ގިނަ ފައިސާ ހޯދޭނެ ދާއިރާތަކުން ނޫނީ ދަރިން ޢިލްމްވެރި ކުރުވަން ބޭނުން ނުވާ މީހުންނެވެ. އެހެން ދާއިރާތަކުން ކިޔެވިނަމަވެސް އެއީ ޢިލްމުވެރިން ކަމަށް ބަލައި ނުގަންނަ މީހުން ވެސް ވަރަށް ގިނައެވެ. 

ފާހަގަކޮށްލަން މިއުޅެނީ ކޮންމެ ދާއިރާއަކުން ދަރިންނަށް މަތީ ތަޢްލީމް އުނގަންނައިދިން ނަމަވެސް ފުރަތަމަ ކަމަކަށް އިސްލާމް ދީން އުނގަންނައިދިނުމުގެ މުހިންމު ކަމެވެ. 

ގިނަ ފައިސާ ހޯދޭނެ ދާއިރާތަކުން ކިޔަވައި މޮޅުވުމަކީ އިސްލާމް ދީން ހުރަސްއަޅާ ކަމެއް ނޫނެވެ. އަދި ތަރްޙީބުވެސް ދޭ ކަމެކެވެ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ ކޮންމެ ދާއިރާއަކުން ކިޔެވިނަމަވެސް އިސްލާމް އުނގަންނައި ދިނުމެވެ. އަދި އިސްލާމް ދީނަށް ހޭލުންތެރިކުރުވުމާއިއެކު އިސްލާމް ދީނަށް ޢަމަލުކުރަން ތަރުބިއްޔަތުކުރުމެވެ. 

މިކަންކަން ނުކުރެވުމުން ދަރިން އެދަނީ ގެއްލި ހަލާކުގެ ތެރެއަށެވެ. ބައިވަރު ފައިސާ ހޯދަން ދަސްވެއެވެ. ނަމަވެސް ނަރަކައިން ސަލާމަތްވާނެ ގޮތް އެނގިފައެއް ނުއޮވެއެވެ. ހިތާމައަކީ ގިނަ ކުދިން ގެއްލި ހަލާކުވެގެންދަނީ ނުވެސް އެނގިތިބެ ކަމެވެ. 

Prophet Muhammad () said:

“There will be tribulation (فِتَنٌ) in which a man will be a believer in the morning and a disbeliever by evening, except the one to whom Allah grants knowledge.”

Ibn Majah 3954 

"މީސްތަކުންގެ މެދުގައި ފިތުނަވެރިކަން ބޮޑުވެ އީމާންކަން މަތީގައި ހެނދުނު ހުންނަ މިހާ ހަވީރުވާއިރު އިމާން ނުވާ މީހަކަށް (ނަގުފުރެދިފައިވާ މީހަކަށް ބަދަލުވެތެވެ. މާތް ﷲ އެމީހަކަށް ޢިލްމެ ދެއްވެވި މީހަކު މެނުވީއެވެ." 

މިމޭރުމުން ޙަދީޘްފުޅުގައި އޮތުމުން ﷲ ތަޢާލާ އެމިހަކަށް ޢިލްމު ދެއްވަވާނެ ކަމުގެ އިންތިޒާރުގައި ހުންނަންވީއެއް ނޫނެވެ. ޢިލްމު އުނގެނެން މަސައްކަތްކުރަންވީއެވެ. ޢިލްމް އުގެނެން މަސައްކަތް ކުރާ މީހަކަށް އެކަން ކާމިޔާބުވާނެތެވެ! އިން ޝާ ﷲ. 

ލޮބުވެތި މައިންބަފައިންނޭވެ! އެންމެހައި ބެލެނިވެރިންނޭވެ! އެންމެހައި މީސްތަކުންނޭވެ! ޢިލްމް ހޯދަން މަސައްކަތްކުރުމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ސަމާލުކަން ނިކަން ދެކިބަލާށެވެ! ކިރިތި ޤުރްއާނުން ފުރތަމަ ބާވައި ލެއްވެވި އާޔަތުގައިވެސް ވަނީ ކިޔެވުމަށެވެ. 

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމްފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. (އަލްޢަލަޤް: 1) 

ޢިލްމް އުނގެނެން ގަދައަޅައި މަސައްކަތްކުރާށެވެ. އެކަލާނގެ ދީލަތިވަންތަކަން އެމީހަކަސް ފެނިގެންދާނެއެވެ. 

"ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ." (އަލްޢަލަޤް: 3) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން