ނަމާދުގަ ސަމާލުކަން އިތުރުކުރަން މަސައްކަތްކުރޭ! ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭނަމަ މުނާފިޤަކަށްވެދާނެ ކަމުގެ ބިރު ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ނަމާދުގަ ސަމާލުކަން އިތުރުކުރަން މަސައްކަތްކުރޭ! ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭނަމަ މުނާފިޤަކަށްވެދާނެ ކަމުގެ ބިރު ބޮޑު!

އިންސާނުން ކުރާ އަމަލުތަކަށް ޖަޒާ ދެއްވެވުމުގައި ﷲ ތައާލާ ބައްލަވައިވޮޑިގެންވަނީ އިންސާނާގެ ބޭރުފުށުގެ ސިފައަށާއި ބޭރުފުށުން ކުރާ ޢަމަލުތަކަށް ނޫނެވެ. އިންސާނާގެ ހިތަށެވެ. ވީމާ ނަމާދުގައިވެސް ހިތުގެ އިޚްލާޞްތެރިކަން ހާމަކުރެވެން ޖެހޭނެއެވެ. އެއީ ލާޒިމްކަމެކެވެ. ޚުޝޫޢަތްތެރިވުމަކީ ހިތުގެ އިޚްލާޞްތެރިކަމެވެ. އަމަލުތައް އިޚްލާޞްތެރި ކުރެވޭނީ ހިތް އިޚްލާޞްތެރިކޮށްގެންނެވެ.

ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭނަމަ އެއީ މުނާފިޤް ކަމުގެ ޢަލާމާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތެވެ. ނަމާދަށް ތިބާ ދަނީ ސާފު ރީތި ފޭރާމުގައެވެ. އަތަރުވެސް ލައިގެންނެވެ. ބޭރުފުށުން ތިބާ ހުންނަނީ ﷲ ތައާލާއަށް ކިޔަމަންތެރިވެގެންނެވެ. ނުހަނު ކިޔަމަންތެރިކަމާއިއެކުގައެވެ. ނަމަވެސް ތިބާގެ އެތެރެފުށުގައި މިއިން އެއްވެސް ކަމެއް ނެތް ނަމަ އެއީ މުނާފިޤްކަމުގެ ޢަލާމާތަކަށްވުމުގެ ބިރު އެބައޮތްކަމަށް ބައެއް ޢިލްމްވެރިން ވަނީ ބަޔާން ކުރައްވައިފައެވެ. އެއީ ބޭރުފުށާއި އެތެރެ ދިމާނުވާތީއެވެ. ބޭރުފުށުން ދައްކައިގެން ހުރި ކަންކަން ހިތުގައި ނެތުމުންނެވެ.

ޢާންމުގޮތެއްގައި ނަމާދެއްގެ ދިގުމިނަކީ 5 މިނިޓާއި 10 މިނިޓާއި ދެމެދުގެ ވަރަށް ކުޑަކުޑަ ވަގުތުކޮޅެކެވެ. އެހައި ކުޑަކުޑަ ވަގުތުކޮޅަކަށް މީހާގެ ހިތް ﷲ ތަޢާލާއަށްޓަކައި ޚާލިޞް ނުކުރެވޭނަމަ އެމީހާގެ އީމާންކަމުގެ މިންވަރަކީ ކޮބައި ހެއްޔެވެ؟

ނިކަން ވިސްނައިލަބަލާށެވެ! މީހެއްގެ ލޯބި ހޯދަން ގޮސް އެމީހާގެ ގާތުގައި ހުއްޓި ހުންނައިރު ހުރިހާށ ސަމާލުކަމެއް ހުންނަނީ ލޯބިވެރިޔާޢަށެވެ. ކޮންމެ ކަމެއްވެސް ކުރާނީ ލޯބި އިތުރުވާނެ ގޮތަށް ވިސްނައިގެންނެވެ. ލޯބިވެރިޔާގެ ނަފްރަތު ލިބޭނެ އެއްވެސް ކަމެއް ނުކުރާނެއެވެ. 3،4 ގަޑިއރު ފާއިތުވެގެން ދިއަ ނަމަވެސްމެއެވެ. ވީއިރު ﷲ ތަޢާލާއަށް ފުރިހަމައަށް ލޯބިކުރާ މީހަކު ނަމާދަށް ހުންނަ ކުޑަ ވަގުތުކޮޅު ހުރިހާ ސަމާލުކަމެއް ﷲ ތަޢާލާއަށް ނުދެވެންވީ ކީއްވެގެން ހެއްޔެވެ؟

ނަމާދަށް ހުންނައިރު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް ލިބޭނެ ގޮތްތަކަށް ވިސްނާށެވެ! ﷲ ތަޢާލާ މަތިވެރިކުރުން ނޫން އެހެން އެއްވެސް ކަމެއް ނުކުރާށެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. ޚުޝޫޢަތްތެރިވެވޭނެ މަގުތައް ﷲ ތަޢާލާ ދައްކަވާނެއެވެ.

ﷲ ތައާލާ އަހަރެމެންނާއި ކުއްތަންވެވޮޑިގެންވާ މިންވަރު އެގޭ ހެއްޔެވެ؟ ޤާފް ސޫރަތުގެ 16 ވަނަ ޢާޔަތް ނިުކަން ކިޔައިބަލާށެވެ. "އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސް އޭނާއަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ."

ވީމާ ނަމާދަށް ހުންނައިރުވެސް އަދި އެހެން ވަގުތުތަކުގައިވެސް އަހަރެމެންގެ ހިތުގައި އޮންނަ ހުރިުހާ ކަމެއް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ނަމާދުކުރި ނަމަވެސް ހިތުގައިވަނީ އެހެން ކަންތައްތަކެއް ނަމަ އެކަން ވެސް ﷲ ތަޢާލާ ދެކެދެނެވޮޕޑިގެންވެއެވެ. ވީމާ އެހެން ކަންތައްތަކެއް ހިތަށް އަރުވައިގެން ކުރާ ނަމާދަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

قَدۡ اَفۡلَحَ الۡمُؤۡمِنُوۡنَۙ. الَّذِيۡنَ هُمۡ فِىۡ صَلَاتِهِمۡ خَاشِعُوۡنَ. وَالَّذِيۡنَ هُمۡ عَلٰى صَلَوٰتِهِمۡ يُحَافِظُوۡنَۘ‏ "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ .އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ . އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ." (މުއުމިނޫން ސޫރަތުގެ 1،2،9 )

ވީމާ ނަމާދުކުރުމަކުން އަދި ނުފުދެއެވެ. ނަމާދަށް ރައްކައުތެރިވާންވެސް ޖެހެއެވެ. ނަމާދު ނަމާދަށް ވާނީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން