ބާރެއް ދެއްވެވުމުން ބާރުލިބުނު ގޮތް ހަނދާންނެތޭ މީހުންގެ ނިމުން ވަރަށް ހިތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ބާރެއް ދެއްވެވުމުން ބާރުލިބުނު ގޮތް ހަނދާންނެތޭ މީހުންގެ ނިމުން ވަރަށް ހިތިވާނެ!

ﷲ ތަޢާލާ ބާރު ދެއްވަވަނީ އެކަލާނގެ އިރާދަކުރައްވަވާ އަޅުންނަށެވެ. އެއްވެސް ޙާލެއްގައި ބާރު ދެއްވަވާ ކޮންމެ މީހަކީ އެހާ ރަނގަޅު މީހެއް ނޫނެވެ. އޭނާއަށް ބާރު ދެއްވަވަނީ ކޮންމެހެން އޭނާ ރަނގަޅު މީހަކަށްވެގެނެއް ނޫނެވެ. އިމްތިޙާން ކުރެއްވެވުމުގެ ގޮތުންނެވެ. އެކަން މިއަދު ގިނަ ބައަކަށް މިވަނީ ހަނދާން ނެތިފައެވެ. އެކަން އެގޮތަށް މެދުވެރިވާނެކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.

އެއްވެސް ޙާލެއްގައި މިދައްކަނީ ޤައުމުތަކުގެ ބޮޑެތި ވެރިންގެ ވާހަކަ އެކަންޏެއް ނޫނެވެ! ފަރުދީ ބާރުލިބުންވެސް ހިމެނެއެވެ. އަނބިން، ދަރިންގެ މައްޗަށް ބާރުލިބުންވެސް ހިމެނިގެންވާ ގޮތުގައެވެ. ޚުލާޞާކޮށް ބުނާނަމަ ކޮންމެ ބާރެކެވެ!

وَاللَّـهُ غَالِبٌ عَلَىٰ أَمْرِهِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ (سورة يوسف:21)

"اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."

"مصر ން އެކަލޭގެފާނު ގަތް މީހާ، އޭނާގެ އަންހެނުންނަށް ބުންޏެވެ. ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ. އެފަދައިން، ތިމަންރަސްކަލާނގެ يوسف ގެފާނު (مصر ގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. އަދި ހުވަފެނުގެ ވާހަކަތައް މާނަކުރެއްވުން އެކަލޭގެފާނަށް ދަސްކޮށްދެއްވުމަށްޓަކައެވެ. اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ." މިފަދައިންނެވެ.

މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާ އިރާދަކުރައްވައިފި އަޅަކު ބާރުވެރިކުރައްވަވާނެ ކަމެވެ. އަދި އިރާދަކުރައްވަވައިފި އަޅަކު ނިކަމެތި ކުރައްވަވާނެ ކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތައާލާއަށް ކަމެވެ.

އެހެންކަމުން މިއީ މަޤާމްތައް ލިބުމުންނާއި އަދި ނުލިބިވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ދެކޮޅު ހަދައި އަމިއްލަ ގޮތްތައް ކުރިއަށް ނެރޭ މީހުންނަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެކެވެ. އަނބިން ދެއްވެވުމުން އަނބިންނާއިމެދު އަދި ދަރިން ދެއްވެވުމުން ދަރިންނާއިމެދު ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުނުކުރާ ކޮންމެ މީހަކަށް އޮތް ފިލާވަޅެކެވެ.

އާޔަތުގައި ﷲ ވަހީ ކުރައްވަވާފައިއެވަނީ އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ ﷲ ތަޢާލާ އަށް ކަމަށާއި ނަމަވެސް މީސްތަކުންނަށް އެކަން ނުއެނގެނީ ކަމަށެވެ. އެކަން މީސްތަކުންނަށް އެނގޭނަމަ، ޤަބޫލުކުރެވޭ ނަމަ ﷲ ތައާލާގެ ޙުކުމްފުޅުތަކާއި ދެކޮޅު ހަދަން ބިރުވެތިވާނެއެވެ!

ވީމާ ބާރެއް ލިބޭއިރަށް މާބާރުގަދަ މީހަކަށް ހެދިގެން ތިއައުޅެނީ ޙަޤީޤަތުގައި ތިބާގެ ކިބައިގައި ކޮން ބާރެއްވާތީހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން