ވަކިކަމެއް ޙާޞިލުކުރެވުމުން ކުރާ މަސައްކަތް މަދުކޮށް ހެޔޮ އަމަލުކުރުން ގިނަކުރަން މަޑުކުރާނަމަ ގާތީ ހުސްއަތާ ދުނިޔެއިން ނުކުންނަން ޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ވަކިކަމެއް ޙާޞިލުކުރެވުމުން ކުރާ މަސައްކަތް މަދުކޮށް ހެޔޮ އަމަލުކުރުން ގިނަކުރަން މަޑުކުރާނަމަ ގާތީ ހުސްއަތާ ދުނިޔެއިން ނުކުންނަން ޖެހުން!

ބައެއް މީހުންގެ ގާތު، އެމީހުން އަޅުކަންކުރުން ގިނަނުކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނަނީ މަސައްކަތްބުރަކަމުން ކަމަށެވެ. މިވެނި އެވެނިކަމެއް ޙާޞިލުކުރެވުމުން އަޅުކަންކުރުން ގިނަކުރާނެ ކަމަށެވެ.

ތިމާއަށްމިވެނި ކަމެއް ޙާޞިލުކުރެވުމުން އިތުރަށް އަޅުކަން ކުރުމުގެ ވިސްނުމަކީ ވަރަށް ނުބައި ވިސްނުމެކެވެ. އެހެނީ އެއްވެސް އިންސާނެއްގެ ހިތަކީ ފުރޭނެއެއްޗެއް ނޫނެވެ. އެއްކަމެއް ޙާޞިލުކުރެވޭ އިރަށް އެއަށްވުރެ ބޮޑު އެހެންކަމަކަށް އެދެވުމަކީ އިންސާނީ ޠަބީޢަތެވެ.

ނިކަން ބުނެބަލާށެވެ! ހެނދުނުންސުރެ ހަވީރުވާއިރު މިލިއަނުން ޑޮލަރު ލިބުނު ނަމަވެސް މިއަދު ހިތް ފުރޭ މީހަކު އެބަހުރި ހެއްޔެވެ؟ ނުފުރޭ ތަނުގައި އެންމެ ކުޑަމިނުން ފުދިއްޖެ ކަމަށް ދެކޭ ނުވަތަ ޤަބޫލުކުރާ ހަމައެކަކުވެސް އެބަހުރި ހެއްޔެވެ؟ ވީމާ މިކަމުން އެނގެނީ އެއްވެސް މީހެއްގެ ހިތް ނުފުރޭނެ ކަމާއި އިތުރަށް ކުރަންހުރި މަސައްކަތް ހުސް ނުވާނެ ކަމެވެ.

މީސްތަކުންނޭވެ! ވިސްނާށެވެ! ކުރާ މަސައްކަތުން ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމުގައި ވެވިއްޖެ ނަމަ އެމީހަކަށް އެވަނީ ކިތަންމެހައިވެސް ގިނަ ފައިސާ ލިބިފައެވެ. ނަމަވެސް އެ މުއްސަނދި ބިލިއަނަރު ވެސް މަރުވާނެއެވެ. ކައްވަޅުގެ ސުވާލުތައްވެސް ކުރިމަތިވާނެއެވެ. ޤިޔާމަތް ދުވަހު ހިސާބު ވެސް ބައްލަވާނެއެވެ.

މީޒާނުގައި އެމީހާގެ އަމަލުތައް ކިރިގެންދާ ވަގުތު އެމީހާއަކީ ދުނިޔޭގެ އެންމެ ބޮޑު ބިލިއަނަރު ކަމުގައިވީތީ ތިލަފަތުގައި ހެޔޮކަމުގެ ކޮޅަށް ޒައްރެއްގެ މިންވަރުވެސް ބަރެއް ނުވާނެއެވެ. ސުވަރުގެ ވަދެވޭނީ ތައުބާވެ ހެޔޮ އަމަލުކޮށްފައިވާ ނަމައެވެ.

ތައުބާވެ ﷲ ތައާލާގެ މަގަށް ރުޖޫޢަވާން ބޭނުންވާ މީހާ އެކަން މާދަމާއަށް ފަސް ނުކުރާށެވެ! މިއަދުކުރާށެވެ! ތައުބާވުމަކީ ވަކި ދުވަހެއް ބަލައިގެން ކުރަން އޮތް ކަމެއް ނޫނެވެ. ވީހައި އަވަހަކަށް ކުރަން ޖެހޭ ކަމެކެވެ. މަރު އައިސް ބައްދަލުކުރާނީ ކޮން ވަގުތަކުކަން ހަމަ އެކަކަށްވެސް ނުއެނގޭނެތީއެވެ. ފަހުން ގިނަ ހެޔޮ އަމަލުކުރަން މަޑުކޮށްގެން ހުއްޓާ ހުސްއަތާ ދުނިޔެއިން ނުކުންނަންޖެހޭ މީހުން މަދެއް ނޫނެވެ! އެމީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން