ޢަލީ އިޙްޞާން ފިރާޤް
ޚުލަފާއުއް ރާޝިދޫންގެ ދައުރުގައި:
أمير المؤمنين عمر الفاروق رضى اللّـه عنه ވަރަށް ބޮޑަށް عبد الرّحمن بن عوف رضى اللّـه عنــه އަށް ރިޢާޔަތްކުރައްވައެވެ. އެކަލޭގެފާނަށް ކަމޭހިއްތަވައި، އަބަދުވެސް އަރިސްބޭކަލެއްކަމުގައި ބަހައްޓަވައެވެ. އެކަލޭގެފާނު ބައެއް ކަންތައްތަކުގައި عبد الرّحمن بن عوف رضى اللّـه عنــه ގެ މަޝްވަރާއާ އިރްޝާދު ހޯއްދަވައެވެ.
ހިޖުރައިން 18 ވަނަ އަހަރު ޝާމުކަރައިގެ ޢަމްވާސުގައި ތާވޫނުވަބާއެއް ފެތުރިގެން ދިޔައެވެ. އެދުވަސްވަރު أمير المؤمنين عمر الفاروق رضى اللّـه عنه ޝާމުކަރައަށް ވަޑައިގަންނަވަން އުޅުއްވިއެވެ. أمير المؤمنين ސަރުޣު އޭ ކިޔުނުތަކަށް ވަޑައިގެންނެވިތަނާ އެކަލޭގެފާނަށް ޝާމުކަރައިގެ ތާވޫނުވަބާގެ ވާހަކަ އެނގިވަޑައިގެންނެވިއެވެ. އެހިނދު عبد الرّحمن بن عوف رضى اللّـه عنــه ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރައްވައިފައިވެއެވެ. [ރަށެއްގައި ޕްލޭގު ފެތުރިގެން އުޅޭކަމުގެ ޚަބަރު ތިޔަބައިމީހުންނަށް ލިބިއްޖެނަމަ އެރަށަކަށް ތިޔަބައިމީހުން ނުވަންނާށެވެ. ތިޔަބައިމީހުން އެރަށެއްގައިވަނިކޮށް ޕްލޭގު ފެތުރެން ފަށައިފިނަމަ އެރަށަކުން ތިޔަބައިމީހުން ނުނިކުންނާށެވެ.] {صحيح البخاري}
عبد الرّحمن بن عوف رضى اللّـه عنــه މާތް ރަސޫލާ صلّى اللّـه عليه وسلّم މި ޙަދީޘް ބަސްފުޅު أمير المؤمنين عمر الفاروق رضى اللّـه عنه އަށް ހަނދުމަފުޅު ކޮށްދެއްވުމުން އެކަލޭގެފާނު ޝާމުކަރައަށް ވަޑައިނުގެން އެނބުރި މަދީނާއަށް ވަޑައިގެންނެވިއެވެ.
މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ގެ ހުވަފަތްވެފައި ތިއްބެވި އަނބިއަނބިކަނބަލުން أمير المؤمنين عمر الفاروق رضى اللّـه عنه ގެ އަރިހުގައި ތަކުރާރުކޮށް އެބޭކަނބަލުން ޙައްޖަށް ފޮނުއްވައި ދެއްވުމަށް އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. އެކަނބަލުންގެ އެދިވަޑައިގެންނެވުމުގެ މަތީން أمير المؤمنين عمر الفاروق رضى اللّـه عنه އެބޭކަނބަލުން ޙައްޖަށްވަޑައިގެންނެވުމުގެ ހުއްދަ ދެއްވިއެވެ.
أمير المؤمنين عمر الفاروق رضى اللّـه عنه މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުން ޙައްޖަށް ފޮނުއްވީ عبد الرّحمن بن عوف رضى اللّـه عنــه އާއި عثمان بن عفّان رضى اللّـه عنه ގެ ހަވާލުގައެވެ. أمير المؤمنين އެބޭކަލުންނަށް އަންގަވައިފައިވަނީ އޭގެ ތެރެއިން އެއްބޭކަލަކު އެކަނބަލުންގެ ސަވާރީތަކުގެ ފަހަތުން އަނެއްބޭކަލަކު ސަވާރީތަކުގެ ކުރިމަތިން ވަޑައިގެންނެވުމަށެވެ.
ދަތުރުކޮށްފައި ދަމުން ޤާފިލާ މަންޒިލު ކުރަންޖެހިއްޖެނަމަ ދެފަރުބަދަ ދޭތެރޭގައި މަންޒިލުކުރެއްވުމަށެވެ. އެބޭކަނބަލުންގެ އަރިހަށް އެއްވެސް މީހަކަށް ނުދެވޭނެ ފަދައިން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް عمرގެފާނު އެންގެވިއެވެ. އެބޭކަނބަލުން ޠަވާފު ކުރައްވާއިރު، އެއްވެސް ފިރިހެނަކު ކަޢުބާގެ އަރިހަށް ދިޔަ ނުދިނުމަށްވެސް އެކަލޭގެފާނު عبد الرّحمن بن عوف رضى اللّـه عنــه އާއި عثمان بن عفّان رضى اللّـه عنه އަށް އެންގެވިއެވެ. {ޑރ.ޢަލީ މުޙައްމަދު އައްޞަލާބީ، ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 256}
ހިޖުރައިން 23 ވަނަ އަހަރު أمير المؤمنين عمر الفاروق رضى اللّـه عنه ފަތިސް ނަމާދުފުޅަށް ހުންނަވަނިކޮށް أَبُو لُؤْلُؤَةَ الْمَجُوسِيُّ އޭނާގެ ދެމިޔަލީ ޚަންޖަރުން އެކަލޭގެފާނަށް ހަމަލަދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލިއެވެ. ލިބިވަޑައިގެންނެވި ފުން ޒަޚަމުގެ ސަބަބުން ނަމާދުފުޅު ކުރިއަށް ނުގެންދެވުމުން أمير المؤمنين، عبد الرّحمن بن عوف رضى اللّـه عنــه ގެ އަތްޕުޅުގައި ހިއްޕަވައި ކުރިއަށް ގެންދަވައި ނަމާދު ފުރިހަމަ ކުރެއްވުމަށް އެންގެވިއެވެ.
أمير المؤمنين عمر الفاروق رضى اللّـه عنه ދުނިޔެ ދޫކުރެއްވުމުގެ ކުރީންވަނީ އެކަލޭގެފާނަށްފަހު، ދެން ޚަލީފާއަށް އައްޔަންކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި މަޝްވަރާ މަޖިލިސެއް ޤާއިމުކުރައްވައިފައެވެ. އެ މަޖިލިސްގައި މަޝްވަރާ ކުރައްވާނެ މެންބަރުން ކަނޑައަޅުއްވައިފައެވެ. އޭގެ ތެރެއިން އެއްބޭކަލަކީ عبد الرّحمن بن عوف رضى اللّـه عنــه އެވެ. އެ މަޖިލިސްގެ އިއްތިފާޤުން މުސްލިމުންގެ ޚަލީފާއަކަށް ދެން އިންތިޚާބު ކުރެވުނީ عثمان بن عفّان رضى اللّـه عنه އެވެ.