ބައެއް އަންހެނުން އުމުރުން ދުވަސްވުމުން ނުވަތަ ފަހުގެ ތާރީޚެއްގައި އަޢުރަ ނިވާކުރަން މަޑުކުރަމުން ދަނިކޮށް އެކަން ނުކުރެވި އުޅެނިކޮށް އެބަ ދުނިޔެ ދޫކުރަން ޖެހެއެވެ. އެފަދަ ވިސްނުމުގައި މަޑުކުރަމުންދާ އަންހެނުން ވިސްނައިލާށެވެ!
ތިބާއަކީ ޝަހާދަތް ކިޔައި ﷲ ތަޢާލާއަށް އިމާންވެގެން ހުރި މުސްލިމެއް ނަމަ ދުނިޔޭގައި ތިބާ އަޢުރަ ނިވާނުކުރި ނަމަވެސް ވަޅުލެވޭނީ މޫނުވެސް ނިވާކުރެވިގެންނެވެ. އެކަންކުރީ ތިބާކަމަސްނުވުމުން އެކަމުން ތިބާއަށް އެއްވެސް ހެޔޮކަމެއް ނެތެވެ. ހެޔޮކަންވަނީ އެކަންކުރި ބައަކަށެވެ.
އެކަން ކުރެވިގެންދާނީ ތިބާގެ އެއްވެސް ބާރެއް އަދި އިޚްތިޔާރެއްވެސް ނެތިއެވެ. ކަފުންކޮށް ނިމޭއިރު މޫނާއި ދެއަތްތިލަވެސް އޮންނާނީ ނިވާކުރެވިފައެވެ! މުޅި ހަށިގަނޑު އޮންނާނީ ނިވާ ކުރެވިފައެވެ. ނަމަވެސް ތިބާއަށް ހުރިހާ ބާރުތަކެއް ލިބިގެން ދުނިޔޭގައި އުޅުނުއިރު ﷲ ތަޢާލާގެ އާޔަތްތަކަށް ނުކިޔަމަންތެރިވެފައިވާނަމަ ކުރާ ކަފުނަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ލޮބުވެތި ކަނބަލުންނޭވެ! ބައަކު ތިބާ ކަފުންކޮށް މުޅި ހަށިގަނޑު ނިވާކުރުމުގެ ކުރިން ﷲ ތަޢާލާ އެންގެވި ފަދައިން ނިވާވެގަންނާށެވެ! މަރާއިމެދު ބިރުވެތިވާށެވެ! މަރުވެދާނެ ވަގުތަކާއިމެދު ބިރުވެތިވާށެވެ! ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވުމަކީ އެއީ އެވެ. ނަރައިން ސަލާމަތް ވެވޭނީ ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވެވިގެންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން