"ތިއަކަމެއް ނުވާނެ" ކަމަށް މީހަކު ބުނާތީ މާޔޫސްވެ ފަހަތަށް ނުޖެހޭށެވެ! އޭނާއަކީވެސް ހަމަ ތިބާފަދަ އިންސާނެކެވެ! ކޮންމެ ކަމެއްވެސް ހިންމަވައިދެއްވެވުން ވަނީ ﷲ އަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
"ތިއަކަމެއް ނުވާނެ" ކަމަށް މީހަކު ބުނާތީ މާޔޫސްވެ ފަހަތަށް ނުޖެހޭށެވެ! އޭނާއަކީވެސް ހަމަ ތިބާފަދަ އިންސާނެކެވެ! ކޮންމެ ކަމެއްވެސް ހިންމަވައިދެއްވެވުން ވަނީ ﷲ އަށެވެ!

ކުރަން އުޅޭ ބައެއް ކަންކަން ނުކުރެވިދެއެވެ. އެހެން އެވަނީ ކިތަންމެ ބޮޑު ބާރުވެރިއެއްނަމަވެސް، އަދި ކިތަންމެ ތަނަވަސް މީހެއް ނަމަވެސް އެއްވެސް މީހަކު ކުރަން ބޭނުންވާ ހުރިހާ ކަމެއް ދުނިޔޭގައި ޙާޞިލްނުކުރެވޭނެތީއެވެ. 

އަދި ކުރަން މަސައްކަތްކުރާ ބައެއް ކަންކަން ކުރެވުން ލަސްވެސްވެއެވެ. އެއީވެސް ﷲ ތަޢާލާ އެކަން ނިންމަވާފައިވާ ގޮތެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ އެކަމެއް ވުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ވަގުތުޖެހުމުންނެވެ. ވަކީލްކުރުން މިކިޔަނީ މިބުނި ކަންކަން އެގޮތަށް ޤަބޫލުކުރުމަށެވެ. 

އެހެން މީހުން ތިބާ އާއިމެދު ބުނާ ބަސްތަކަށާއި ކުރާ ކަންކަމަށް ކަންބޮޑުނުވާށެވެ! އެހެނީ އެއީ އޭނާ ބުނާ ބަސްތަކެވެ. އޭނާ ކުރާ ކަންކަމެވެ. އޭނާ އެހާމަކުރަނީ އޭނާގެ ވިސްނުމެވެ. އެއްވެސް މީހަކަށް ޙާޞިލުކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. 

ވީމާ މީހުން ކިޔާ އެއްޗަކަށް ބަލައި ތިމާ ދެކެން ބޭނުންވާ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތަށް ދޫނުދޭށެވެ! ތިބާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރުމުގެ ޙައްޤު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ވީމާ ފުރުޞަތު ދޫކޮށްނުލާށެވެ! 

ﷲ ތަޢާލާއަށް ވަކީލުކުރުމާއިއެކު ކުރިއަށްދާށެވެ! އެކަމަކީ ތިބާއަށް އެކަމަކުން ފައިދާކުރާނެ ކަމެއްނަމަ އެކަން މިންވަރުކުރައްވަވާނެތެވެ. ޙާޞިލުނުކުރެވޭ ކަންކަމަކީ އެކަމެއް ޙާޞިލުކުރެވުމުން ތިމާއަށް ލިބޭނެ ގެއްލުމަކުން ސަލާމަތްކުރެއްވެވުމަށްޓަކައި މިންވަރު ނުކުރެއްވެވި ކަންކަން ކަމުގައި ޤަބޫލުކުރާށެވެ! އުފަލުގައި ދުނިޔޭގައި އުޅެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން