ސިޙްރުގެ ފަރުވާ: ސިޙްރު ޖެހިފައިވާ މީހާއަށް ފަރުވާ ކުރުން ޝަރްޢުވެގެންވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 50ސ
ސިޙްރުގެ ފަރުވާ: ސިޙްރު ޖެހިފައިވާ މީހާއަށް ފަރުވާ ކުރުން ޝަރްޢުވެގެންވުން

ފަސްވަނަ ބާބު: ސިޙްރުގެ ފަރުވާ 

ސިޙްރު ޖެހިފައިވާ މީހާއަށް ފަރުވާކުރުން ޝަރުޢު ވެގެންވުން.

ޞިޙްރު ބާޠިލު ކޮށްލުން.

ސިޙްރު ޖެހިފައިވާ މީހާއަށްދެވޭ ބޭސްވެރި ކަމުގެފަރުވާ.

ސިޙްރު ޖެހުމުގެ ކުރީންނާއި ފަހުންދެވޭ އިލާހީ ފަރުވާ. 

ސިޙްރު ޖެހިފައިވާ މީހާއަށް ފަރުވާ ކުރުން ޝަރްޢުވެގެންވުން 

ސިޙްރު ޖެހުމަކީވެސް ބައްޔެއްޖެހުން ފަދައިންވާ ކަމެއް ކަމަށްވީހިނދު ކޮންމެ ބައްޔަކަށްވެސް الله سبحانه وتعالى އެބައްޔެއްގެ ޝިފާ ލައްވާފައިވެއެވެ. ކީރިތި ރަސޫލާގެ އަރިހުން ރިވާވެގެންވާ ޞައްޙަ ޙަދީޘެއްގެ މާނައިގާ ވެއެވެ. " އެބައްޔަކަށް ބޭހެއްނުވާ އެއްވެސް ބައްޔެއް ﷲ ފޮނުއްވާފައެއް ނުވެއެވެ" މިހެންކަމުން މިޢާއްމު ޙުކުމުގެ ތެރޭގައި ހުރިހާ ބައްޔެއްވެސް ހިމެނިގެންވީހިނދު ސިޙްރަށްވެސް ފަރުވާއެއް ވާނެކަން ރަނގަޅަށް އެނގެއެވެ. 

މީގެއިތުރަށް ސިޙްރާމެދު އައިސްފައިވާ ރިވާޔަތްތަކެއްވެއެވެ. މިގޮތުން ޞަޙީޙުލްބުޚާރީގައިވެއެވެ. "ޤަތާދަތު ވިދާޅުވިއެވެ. ސަޢީދު ބުނުލް މުސައްޔިބަށް ތިމަން ދެންނެވީމެވެ. ސިޙްރު ޖެހިފައިވާ މީހާ ނުވަތަ ސިޙްރު ޖެހި އެމީހާގެ އަނބިމީހާއާ ޖިމާޢުވުމަށް ހުރަސްއެޅިފައިވާ މީހާގެ ކިބައިން އެގޮށް މޮހައިލެވިދާނެތޯއެވެ؟ ނުވަތަ އެސިޙްރު ނިގުޅައިގަނެވިދާނެތޯއެވެ؟ ޖަވާބުގައި ސަޢީދު ވިދާޅުވިއެވެ. އާއެކެވެ! މައްސަލައެއް ނެތެވެ. އެހެނީ އެމީހުން އެދެނީ ކަމެއް ރަނގަޅު ކުރުމަށެވެ. ފަހެ މަންފާހުރި ކަންތަކަކީ ނަހީވެގެންވާ ކަންތަކެއް ނޫނެވެ" 

އިބްނު ޙަޖަރު ވިދާޅުވިއެވެ. ޖިމާޢުވުމަށް ނުކުޅައްދާ ބާވަތުގެ ސިޙްރު ޖެހިފައިވާ މީހާއަށް ފަރުވާދެވޭނެއެވެ. ނުޝްރާ އަކީ އެގޮތަށް ދެވޭ ފަރުވާގެ ބާވަތެކެވެ. އެއީ ފަންޑިތަވެރި ކަމެކެވެ. ފަހެ ސިހްރު ޖެހިފައިވާ ކަމަށް ނުވަތަ ޖިންނި ފަރާތުގެ ކަމެއް ޖެހިފައިވާކަމަށް ހީކުރެވޭ މީހާއަށް އެފަދަ ފަރުވާ ދެވިދާނެއެވެ.  

އަލްޙަސަނުލް ބަޞްރީގެ އަރިހުން ރިވާވެގެންވެއެވެ. އޭނާ ވިދާޅުވިއެވެ. ސިޙްރުވެރިއަކަށް މެނުވީ ސިޙްރުގެ ގޮށް މޮހައެއް ނުލެވޭނެއެވެ. އިބްނުލްޤައްޔިމް ވިދާޅުވިއެވެ. ނުޝްރާއަކީ ސިޙްރު ޖެހިފައިވާ މީހާގެކިބައިން ސިޙްރުގެ ގޮށް މޮހައިލުމެވެ. އެއީ ދެބާވަތެކެވެ. 

އެއްބާވަތަކީ ހަމައެފަދަ ސިޙުރަކުން ސިޙްރު ބާޠިލް ކޮށްލުމެވެ. އެހެންވެއްޖެނަމަ އެއީ ޝައިޠާނާގެ ޢަމަލުގެ ތެރެއިންވާ ކަމެކެވެ. އަލްޙަސަނުލް ބަޞްރީގެ އިސްވެދިޔަ ބަހުގެ މުރާދަކަށްވާނީ އެއެވެ. ވީމާ އެފަދަ ސިޙްރަކުން ސިހްރުގެ ގޮށް މޮހައިލެވޭ ކަމުގައިވާނަމަ އެމޮހައިލާ މީހާއާއި، މޮހައިލެވޭ މީހާވާހުށީ ޝައިޠާނާ ލޯބިވާ މަގަކުން ގޮސް އެޝައިޠާނާއާ ކައިރިވެގެން އެސިޙްރު ބާޠިލު ކޮށްލާ މީހަކަށެވެ.

ދެވަނަ ބާވަތަކީ ދީނުގައި ހުއްދަވެގެންވާ މަގުން، ފަންޑިތައިންނާއި ތަވީދުންނާއި ދުޢާވެރިކަމުންނާއި ބޭހުން އެސިޙްރު ނިއުޅައިލުމެވެ. ފަހެމިއީ ޖާއިޒުވެގެންވާ ކަމެކެވެ. 

އައްޝައިޚް ޙާފިޡު ބުނު އަޙްމަދު ޙަކަމީ ވިދާޅުވެފައިވެއެވެ. ނުޝްރާއަކީ އެއީ ސިޙުރު ޖެހިފައިވާ މީހާގެ ކިބައިން ސިޙްރު ނިއުޅައިލުމެވެ. ފަހެ އެފަދަ ސިޙްރަކުން އެކަންކުރާނަމަ އެއީ ޝައިޠާނާގެ ޢަމަލުގެ ތެރެއިންވާ ކަމެކެވެ. ޝަރުޢުވެގެންވާ (ދީނުގައި ކަނޑައެޅި ހުއްދަވެގެންވާ) ފަންޑިތައިންނާއި، ތަވީދުންނަމަ އެއީ މައްސަލައެއް އޮތްކަމެއް ނޫނެވެ. އެންމެ ރަނގަޅު ކަމެކެވެ. 

މިމޭރުމުން ބަލާއިރު ނަޒަރު ހިންގައިލުން ޙައްޤު އެހެން މައްސަލައެއް ވެއެވެ. އެއީ ﷲ ގެ ކަލާމްފުޅުގެ އެކިތަންތަނުން ތަށިލިޔެ ބޯންދިނުމުގެ މައްސަލައެވެ. 

ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވެއެވެ. މުޞީބާތް ޖެހިފައިވާ މީހާއަށް ނުވަތަ އެނޫންވެސް މީހަކަށް ﷲގެ ފޮތުން މިންވަރެއް ލިޔުމާއި ހުއްދަވެގެންވާ ދެލީން ލިޔެ ބޯންދިނުން ޖާއިޒު ވެގެންވެއެވެ. އަލްއިމާމު އަޙްމަދާއި އެނޫން ބޭކަލުންވެސް އެގޮތަށް ވިދާޅުވެފައިވާ ކަމަށް ނައްޞު ކުރެވިފައިވެއެވެ.  

އަދި އައްސަލަފުގެ ޖަމާޢަތެއްގެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ޤުރްއާނުގެ އާޔަތްތަކުން ތަށިލިޔެ ބަލިމީހާއަށް ބޯންދިނުން އެންމެ ރަނގަޅެވެ. އަދި މުޖާހިދު ވިދާޅުވިއެވެ. ޤުރްއާނުން ތަށި ލިޔެ އެލިޔުން ދޮވެ ބަލިމީހާއަށް އެބޯންދިނުމުގައި މައްސަލައެއް ނެތެވެ.  

ފަންޑިތަ ހެދުމުގައި ތަވީދަށް ނުވަތަ ތަށްޓަށް ފުމެހެދުމާމެދު ފަތުޙުލްބާރީ ބިޝަރަޙި ޞަޙީޙިލް ބުޚާރީގައި އިބްނު ޙަޖަރިލް ޢަސްޤަލާނީ ވިދާޅުވެފައި ވެއެވެ. އެގޮތުން ފުމުމުގެ ޙިކުމަތަކީ އޭގައި ޛިކުރު ކުރުން ބީހޭގޮތުގައިވާތެތްކަމުން ނުވަތަ ވައިން ބަރަކާތް ލިބިގަތުމެވެ. އެއީ ޤުރްއާނުން ލިޔެވޭ ތަށި ދޮންނަ ފެނުން ބަރަކާތް ލިބިގަނެވޭ ފަދައިންނެވެ. 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

 

 

މިއަދު އޮންލައިން