ޤިޞާޞް ހިފުން ވާޖިބުވާ ޙާލަތުގައި ޤިޞާޞް ހިފުމަކީ އިސްލާމް ދީނުގައި އޮތް ހަރުކަށި އުޞޫލެއްކަމަށް އިސްލާމް ދީނުގެ ޢަދުއްވުން ބުނި ނަމަވެސް އެބުނަނީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކަތަކެއް ނޫންކަން އެނގެނީ އެހެންބުނެ ވަކާލާތުކުރާ ޤައުމުތަކުގައިވެސް އެމީހުން ބޭނުންވުމުން މަރުގެ އަދަބު ތަންފީޒުކުރާތީއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.
ޤިޞާޞް ހިފަންޖެހެންވީ ވަކި ސަރުކާރަކުން އެކަންކުރީތީ ނުވަތަ ނުކޮށް ދޫކޮށްލާފައިވާތީއެއް ނޫނެވެ. އެއީ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅަކަށްވާތީއެވެ. އެކަން ޤަބޫލުނުކުރާ މީހާ އެއިންކާރުކުރަނީ ﷲ ތަޢާލާގެ ވަޙީއަށެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށެވެ.
"ޙައްޤަކާ ނުލައި މީހުން މަރާ މީހުންނަށް ޤިޞާޞްގެ ޙުކުމް ތަންފީޒު ނުކުރެވޭހައި ހިނދަކު، އަމާންކަމެއް ނުއަންނާނެއެވެ. (އަމާންކަމެއް ނުލިބޭނެ އެވެ.) ޤިޞާޞްގެ ޙުކުމް ﷲ ތައާލާ ކީރިތި ޤުރްއާނުގައި ބާވައިލެއްވެވީ ކަމަކު އެވެ.
ޤިޞާޞަކީ ޤާތިލު މީހާއަށްވާ ކައްފާރާއެކެވެ. އަދި އެހެނިހެން ފަރާތްތަކަށްވާ ޢިބްރަތެކެވެ."
- ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު އެމޭރުމުން އެ ވިދާޅުވީ އެކަމަށް މާތް ﷲ ގެ ވަހީ ބަސްފުޅު ކީރިތި ޤުރްއާނުގައި އޮތުމުންނެވެ.
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ޤަތުލް ކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިއަބައިމީހުންގެ މައްޗަށް ފަރުޟް ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞް ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި އިހްޞާންތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިއަބއިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިއަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަހްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބް ހުށްޓެވެ. (ބަޤަރާ: 178)
ކީރިތި ޤުރްއާނަށްވުރެ މޮޅު ގޮތް ހޯދަން މަސައްކަތްކުރާ މީހުން ދެދުނިޔެއިން ގެއްލި ހަލާކުވެ، މުޖުތަމައުތައް ފަސާދަވެ ޣަރަޤުވަމުންދާއިރު ރާއްޖެއިން ވެސް ފެންނަމުން ދަނީ މާތް ﷲގެ އަމުރުފުޅުތަކަށްވުރެ ޝައިޠާނީ އަމުރުތައް ތަންފީޒުކުރެވޭތަން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.