ކޮންމެހެން މާބޮޑެތި ދިރާސާތައްކުރާކަށް ނުޖެހެއެވެ. މައިންނާއިމެދު އިހާނެތިކޮށް ކަންކަންކުރެވޭ ގެދޮރުތަކުގެ ޙާލަތަށް ބަލާށެވެ! ދަރިންނަށް ކުރާ އަސަރުފެނިގެންދާނެއެވެ. މައިންނަށް އިހާނެތިކޮށް ހިތައި، މައިންނަށް އެއްޗެތިގޮވާ ގޭގޭގައި ބޮޑެތިވާ ކުދިންގެ އަޚަލާޤަށް ބަލާށެވެ! މަދު ކުއްޖަކަށް ނޫނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައެވެ.
ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.
"ޢާއިލާ ހަލާކުކޮށްލުމަށް މައިމީހާގެ ދައުރު ނަގައިލާށެވެ! ތަޢުލީމު ހަލާކުކޮށްލުމަށް މުޖުތަމަޢުގައި ކިޔަވައިދޭމީހުންގެ ޤަދަރުކުޑަކޮށްލާށެވެ! ނަމޫނާ ކަމަށް ބަލާފާނެ މީހުންގެ އަބުރުދުއްވާލުމަށް ޢިލްމުވެރިންނަށް ހުތުރު ބަސްތައް ރައްދުކޮށް އެމީހުންގެ އަބުރު ކަތިލާށެވެ!"
މިބަސްފުޅުގެ މާނައަކީ އެއްވެސް ޙާލެއްގައި އެގޮތަށް ކަންކަން ކުރަން ބާރުއެޅުމެއް ނޫނެވެ. އެކަންކަން ކުރާނަމަ ކަންކަންވެގެންދާނެ ގޮތް ބަޔާންކުރުމެވެ. އެގޮތަށް އެކަންކަން ނުކުރަން ބާރުއެޅުމެވެ.
އިސްލާމްދީނާބެހޭ ދިރާސާކުރާ ޣައިރު މުސްލިމަކު ބުނެފައިވެއެވެ. "ބައަކު މީހުންގެ ޙަޟާރަތެއް ފުނޑުފުނޑުކޮށްލަން ބޭނުންނަމަ ތިންކަމެއްކުރާށެވެ! އެއީ، ޢާއިލާއާއި ތަޢުލީމު ހަލާކުކޮށް، މީސްތަކުން ނަމޫނާއަކަށް ބަލާފާނެ މީހުންގެ އަބުރުކަތިލުމެވެ."
މިބަހުގައިވެސް ފުރަތަމަވެސް އެބަޔާންކުރަނީ ޢާއިލާ ހަލާކުކުރުމުގެ ވާހަކައެވެ. ދެންހުރި ކަންކަން އެގެންނަނީ އެއިގެފަހަތުންނެވެ. ވީމާ ޢާއިލާތައް ހަރުދަނާކުރަން އެބަޖެހެއެވެ. އެކަންކުރެވޭނީ މައިންނަށް ޙައްޤު ޤަދަރުދީގެންނެވެ. ބައްޕައިން ކިތަންމެ މުހިންމު ނަމަވެސް ދަރިންނާއި އަބަދުހެން ކުރިމަތިލާންޖެހެނީ މައިންނަށެވެ. ގިނައިން ދަރިންނަށް ނަޞޭޙަތްތެރިވާންޖެހެނީ ވެސް މައިންނަށެވެ. ވީމާ ދަރިންގެ ކުރިމަތީގައި މައިމީހާގެ އަގު އުފުލުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.
މައިންގެ ޤަދަރުކުޑަވެގެންދަނީ ދަރިންގެ ކުރިމަތީގައި މައިންނާއި ދިމާއަށް ނުބައި ބަސްތައް ބުނެވޭތީއެވެ. ދަރިންގެ ކުރިމަތީގައި ޒުވާބުކުރެވޭތީއެވެ. ވީމާ ދަރިންގެ ކުރިމަތީގައި އެފަދަ ކަންކަން ނުކުރާށެވެ. ޚިޔާލުތަފާތުވާންޖެހޭ ކަމެއް މެދުވެރިވެއްޖެނަމަ ދެމަފިރިން އެކަހެރިވެލާފައި އެކަމެއްގެ ވާހަކަ ދައްކައި އަވަހަށް އެކަމެއް ޙައްލުކޮށްލާށެވެ!
މިކަންކަމަކީ ކޮންމެ ގެއެއްގައިހެން މިއަދު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަންކަމެވެ. ދަރިންނަށްޓަކައި މިބުނި ކަންކަމަށް ސަމާލުކަންދޭނަމަ އެކަމުގެ ފައިދާ ފެންނަމުންދާނެއެވެ. އިން ޝާ ﷲ
މައިންގެ ދަރަޖަ 3 ގުނަ މަތިކުރެއްވެވީ ﷲ ތަޢާލާއެވެ. ބައްޕައިންނަށް އޮތީ އެކަން ޤަބޫލުކުރުމެވެ. ހަމައެއާއިއެކު ބައްޕަގެ ދަރަޖަ އުފުލައި ހިފަހައްޓަން މައިންވެސް މަސައްކަތްކުރަންވާނެއެވެ.
ޚިޔާލުތަފާތުވާ ކަމެއް މެދުވެރިވެއްޖެނަމަ ހަމަ މުބުނި މަގުން ޢަމަލުކުރަންވާނެއެވެ. ދަރިން ތަރުބިއްޔަތުކުރެވޭނީ ދެމަފިރިން އެކުގައި އެކަމަށް މަސައްކަތްކޮށްގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން