މުދަލު ޒަކާތް ޙައްޤުވާ މީހުންގެ އަތުން ނެގުމަކީ "ހަނގުރާމަކޮށްގެންވެސް" ކުރަންޖެހޭ ކަމަކަށްވާއިރު އެކަން ކުރަން ސަރުކާރު ފަސްޖެހެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
މުދަލު ޒަކާތް ޙައްޤުވާ މީހުންގެ އަތުން ނެގުމަކީ "ހަނގުރާމަކޮށްގެންވެސް" ކުރަންޖެހޭ ކަމަކަށްވާއިރު އެކަން ކުރަން ސަރުކާރު ފަސްޖެހެނީ ކީއްވެ؟

"މުދަލު ޒަކާތް ދައްކަން ޖެހޭ މީހުން ނުދައްކާނަމަ އެމީހުންނާ ހަނގުރާމަކުރައްވައިގެންވެސް ހޯއްދަވާނެކަމަށް އަބޫބަކުރުގެފާނު ވިދާޅުވިއެވެ. އެކަމާ ޢުމަރުގެފާނު ސުވާލުކުރެއްވެވުމުން އެކަން ކުރައްވަން ޖެހިވަޑައިގަންނަވާ ސަބަބު އަބޫބަކުރުގެފާނު ޤުރްއާނުން ބަޔާންކޮށް ދެއްވެވިއެވެ. ޢުމަރުގެފާނު އެކަން ޤަބޫލުފުޅު ކުރެއްވެވިއެވެ. 

ހަރުދަނާކުރަންވީ ތަފާތު ނަންތައް ކިޔާފައި ދައުލަތަށް ނަގާ ޓެކްސް ނެގުމުގެ ނިޒާމެއް ނޫނެވެ. ހަރުދަނާކުރަންވީ މުދަލުޒަކާތް ނެގުމުގެ ނިޒާމެވެ. ރަނގަޅު ގޮތުގައި މުދަލުޒަކާތް ނެގޭނަމަ އެހެން ޓެކްސްތައް ނުނަގައި ދައުލަތް ހިންގޭނެއެވެ!" 

މިއީ ވަރަށް ގިނައިން ދަރުސްތަކުން އަޑުއިވޭ ވާހަކަތަކެކެވެ. މިދިއަ ހުކުރުވިލޭރޭ މިސްކިތެއްގައި ދިން ދަރުސެއްގައިވެސް މިވާހަކަތައް މިމޭރުމުން ދެއްކިއެވެ. ސުވާލަކީ މިސްކިތްތަކުގައި މިވާހަކަ ދެއްކީމާ ޒަކާތް ނެގުމުގެ ނިޒާމް ހަރުދަނާކުރެވޭނެ ހެއްޔެވެ؟ ޒަކާތް ނަގަން ރައްޔިތުން ނުކުންނަންވީހެއްޔެވެ؟ ނުދައްކާ މީހުންނާ ހަނގުރާމަފަށަންވީ ހެއްޔެވެ؟ 

މުދަލު ޒަކާތް ނެގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ވާހަކަތައް 2008 ވަނަ އަހަރުން ފެށިގެން އަޑުއިވެއެވެ. ކޮންމެ އިސްލާމިކް މިނިސްޓަރަކުވެސް އެކަމަށް މަސައްކަތްތަކެއްވެސް ކުރައްވައެވެ. އެކަމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ޑރ. ޝަހީމެވެ. ސުވާލަކީ 15 އަހަރުވާއިރުވެސް އެކަން ނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާގެ އަމުރުފުޅަކަށްވެފައި ދިނުގެ ފަރުޟަކަށްވާތީ ހަމަ ތަްނފީޒުނުކުރަން ތިބެނީ ހެއްޔެވެ؟ 

ތިރީގައި އެވަނީ މީގެ 3 އަހަރުކުރީގެ ލިޔުމެކެވެ. މިއަދުވެސް ހަމަ އެވާހަކަތަކެވެ. 

މުދަލު ޒަކާތް ނެގުމުގެ ރަނގަޅު ނިޒާމެއް ޤާއިމުނުކޮށް ޓެކްސްތައް އިތުރުކުރާތީ ޑރ. މަޢްރޫފް ކަންބޮޑުވުން ފައުޅުކުރައްވައިފި 

އިސްލާމް ކަމުގެ 3 ވަނަ ރުކުން ކަމުގައިވާ މުދަލު ޒަކާތް ނެގުމުގެ ރަނގަޅު ނިޒާމެއް ޤާއިމުނުކޮށް ޓެކްސްތައް އިތުރުކުރާތީ ޑރ. މަޢްރޫފް ޙުސައިން ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ. ކަންބޮޑުވުން ފައުޅުކުރައްވައިފި އެވެ. 

"ކުއްޔަށް ވިހި ފަންސަވީސް ހާސް ދައްކާފައި، ބިލް ތަކަށާއި ، އަނބި ދަރިންގެ ކެއިން ބުއިމަށާއި، ދަރިންގެ ކިޔެވުމަށާއި ބޭސް ފަރުވާޔަށް ޚަރަދު ކުރަން ބާކީ އޮންނަ ފައިސާކޮޅުން - ޒަކާތުގެ ރަގަޅު ނިޒާމެއް ގާއިމް ނުކޮށް - ޓެކްސް ނެގުމަކީ ފޭރުމުގެ ޢަމަލެއް ކަމުގައި ނޫނީ ވާނެ ހެއްޔެވެ؟" –ޑރ. މަޢްރޫފް ޙުސައިން 

ޑރ. މަޢްރޫފް މިމޭރުމުން ވިދާޅުވެފައިވާއިރު މުދަލު ޒަކާތް ވާޖިބުވާ މީހުންގެ އަތުން ޒަކާތް ނެގުމަކީ ދައުލަތުގެ މައްޗަށް މާތްﷲ ވާޖިބު ކުރައްވަވާފައިވާ ކަމެކެވެ. އެއީ އިޚްތިޔާރީ ކަމެއް ނޫނެވެ. 

މުދަލު ޒަކާތް ނަގަން ސަރުކާރު ފޭލްވެފައިވާއިރުވެސް އަހަރަކު 70 މިލިއަނާއި 80 މިލިއަނާއި ދެމެދުން ދަނީ ޒަކާތް ދައްކަމުންނެވެ. ރަނގަޅު ނިޒާމެއް ޤާއިމުކޮށްފިނަމަ އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިގެންދާނެއެވެ. އެއީ އިންކަމް ޓެކްސް އިން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދުގެ 2 ގުނަ އިތުރު އަދަދެކެވެ.

މުދަލު ޒަކާތް ފުރިހަމަ ގޮތުގައި ނެގުމަކީ ޒަކާތް ނުދައްކާ މީހުން، ފާފަވެރިވުމުން ސަލާމަތްކުރުމަށްވެސް ސަރުކާރުން ކުރަން ޖެހޭ ކަމެކެވެ. އަދި މާތް ﷲ ގެ ޙައްޤުތައް އަދާކުރުމަށް ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

 

މިއަދު އޮންލައިން