ﷲ ގެ ރުހިވޮޑިގަތުން ހޯދުން ނޫން ނިޔަތެއްގައި ޢިލްމް އުނގެނުމަކީ ސުވަރުގޭގެ ވަސްވެސް ނުފެނިދާނެ ކަމެއް!؛ ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ﷲ ގެ ރުހިވޮޑިގަތުން ހޯދުން ނޫން ނިޔަތެއްގައި ޢިލްމް އުނގެނުމަކީ ސުވަރުގޭގެ ވަސްވެސް ނުފެނިދާނެ ކަމެއް!؛ ޙަދީޘް

ޙަދީޘްފުޅު މިއޮތީއެވެ.

Prophet Muhammad (ﷺ) said, "He who does not acquire knowledge with the sole intention of seeking the Pleasure of Allah but for worldly gain, will not smell the fragrance of Jannah on the Day of Resurrection." Abu Dawud, Book 13, Hadith 1391

ޙަދިޘްފުޅުން އެނގިގެން މިދަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުން ނޫން ނިޔަތެއްގައި، ދުނިޔަވީ މަންފާއަށް އެދި ޢިލްމް އުނގެނުމަކީ ޤިޔާމަތް ދުވަހުން ސުވަރުގޭގެ ވަސްފޯރާ ހިސާބަށްވެސް ކައިރި ނުވެވޭނެ މީހަކު ކަމެވެ.

އިސްލާމް ދީން މަތިވެރިކުރުމުގައި އެންމެ ބުރަމަސްއޫލިއްޔަތެއް އުފުއްލަވަން ޖެހިލައްވާނީ ދީނީ ޢިލްމުވެރިންނަށެވެ. އެހެންކަމާއިއެކުވެސް އެއީ ހަމަ ކޮންމެ މުސްލިމެއްގެވެސް ޒިންމާއެކެވެ.

"އުދުހޭ އިމާމް"ގެ ނަމުން ދުނިޔޭގައި މަޝްހޫރުވި "މުސްތަޤިމް" އަކީ ޕައިލެޓެކެވެ. އޭނާއަކީ ދީނުގެ މަތީ ޢިލްމު ކިޔެވި މީހެއްވެސް ނޫނެވެ. ނަމަވެސް ދަތުރުތަކުގައި އޭނާއަށް ލިބޭ ހުސްވަގުތުތަކުގެ ބޭނުން ހިފީ ދީނުގެ އެކިކަން ލިޔެ ހާމަކުރާށެވެ. ހެޔޮ ނަޞޭޙަތްދޭށެވެ.

(މިހިސާބުން ރާއްޖެއިން ފެންނަމުންދާ މިސާލެއް ހާމަކޮށްލާނަމެވެ. ޑރ. ޢަބްދުއްސައްތާރު ޔޫސުފް މަތީ ތަޢްލީމް ޙާޞިލުކުރެއްވީ ޢާންމު ޞިއްހަތުގެ ދާއިރާއިންނެވެ. މިއަދު އެމަނިކުފާނަކީ އިސްލާމް ދީނަށާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ ދާއިރާއިން ފާހަގަކުރަންޖެހޭ ފަދަ ބޮޑެތި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މިފަދަ އެހެން ބޭފުޅުންވެސް އެބަތިއްބެވިއެވެ.)

އިސްލާމް ދީން މަތިވެރިކުރުން ނޫން ނިޔަތެއްގައި ޢިލްމް އުނގެނުމަކީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ދުނިޔޭގެ އެދުމުގައި ޢިލްމު ޙާޞިލުކުރި މިހާއަށް ސުވަރުގޭގެ ވަސްވެސް ނުފެދިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މީގެ މާނައަކީ އުނގެންނެން ޖެހޭނީ ހަމައެކަނި އިސްލާމް ދީނުގެ ޢިލްމުކަމުގައި ބެލުމެއް ނޫނެވެ. އިސްލާމް ދީން އުނގެނި އަދި އުނގަންނައި ދިނުމަކީ އެންމެ މަތި އެއް ޢަމަލެވެ. ނަމަވެސް އިސްލާމް ދީން ހުއްދަކުރާ ތަފާތު ޢިލްމުތައް އުނގެނުމަށް އިސްލާމް ދީން ބާރުއަޅައެވެ.

ކޮންމެ ދާއިރާއަކުން ޢިލްމު ޙާޞިލުކުރި ނަމަވެސް ޢަޒުމަކަށް ހަދަންވީ އިސްލާމް ދީން މަތިވެރިކުރުމެވެ. ޢިލްމު ހޯދަން މަސައްކަތްކުރުމުން ޢިލްމު ދެއްވަވަނީ ﷲ ތަޢާލާއެވެ. ވީމާ ޙާޞިލުކުރާ ޢިލްމުން އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރަންވާނެއެވެ.

މިހެން ބުނުމުން އިންޖިނޭރުކަން ނުވަތަ ޕައިލެޓްކަން ކިޔަވައިގެން އިސްލާމް ދީނަށް ޚިދުމަތް ކުރާނީ ކިހިނަކުންތޯ ސުވާލުކޮށްފާނެއެވެ. ފުރަތަމަ ކަމަކީ ކޮންމެ ޢިލްމެއް ޙާޞިލުކުރި ނަމަވެސް ތިމާއަކީ އިސްލާމް ދީނުގައި ސާބިތުވެހުރެ އިސްލާމް ދީނަށް ޢަމަލުކުރާ މީހަކު ކަމުގައި ވުމެވެ. ދެވަނަ ކަމަކީ ލިބޭ އާމްދަނީން އިސްލާމް ދީން މަތިވެރިކުރަން ހޭދަ ކުރުމެވެ. އަދި އެމީހަކީ ކޮންމެ މަސައްކަތެއް ކުރާ މީހަކުނަމަވެސް ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް އިސްލާމް ދީން މަތިވެރިކުރަން މަސައްކަތް ކުރުމެވެ. އިސްލާމް ދީނުގެ ރިވެތި އަޚްލާޤް މީސްތަކުންނަށް ދައްކައިދިނުމަކީވެސް އިސްލާމް ދީން މަތިވެރިކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން