ޢަލީ އިޙްޞާން ފިރާޤް
އަވަހާރަވުން:
އެހެން މީހުންނަށްޓަކައި ޖާނާއި މާލުން ޤުރްބާންވެވަޑައިގަންނަވަމުން ގެންދެވި މާތް ޞަޙާބީ عبد الرّحمن بن عوف رضى اللّـه عنــه އަވަހާރަވީ أمير المؤمنين عثمان بن عفّان رضى اللّـه عنه ގެ ޚިލާފަތުގައެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުގައި އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 32 ވަނަ އަހަރުގައެވެ. އަނެއްބައި ރިވާޔަތްތަކުގައިވަނީ ހިޖުރައިން 31 ވަނަ އަހަރުކަމުގައެވެ. އެންމެ މަޝްހޫރު ބަހަކީ އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 32 ވަނަ އަހަރުކަމުގައި ބުނެވޭ ރިވާޔަތްކަމަށް އިބްނު ޙަޖަރުލް އަސްޤަލާނީ ރަޙިމަހުﷲ، އިޞާބާގައި ލިޔުއްވައިފައިވެއެވެ.
عبد الرّحمن بن عوف رضى اللّـه عنــه އަވަހާރަވިއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ 72 އަހަރުފުޅުކަމަށާއި، 75 އަހަރުފުޅުކަމަށާއި، 78 އަހަރުފުޅުކަމަށް ހުންނަ ރިވާޔަތައް ބަޔާންކުރެވިފައިހުރެއެވެ. އެކަލޭގެފާނުގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުފުޅު ކުރެއްވީ أمير المؤمنين عثمان بن عفّان رضى اللّـه عنه އެވެ. އެހެން ރިވާޔަތެއްގައިވާގޮތުން الزّبير بن العوّام رضى اللّـه عنه އެވެ. ފަސްދާނުވެޑުވިފައިވަނީ މަދީނަތުލް މުނައްވާގެ ޖަންނަތުލް ބަޤީޢުގައެވެ.
{އިބްނު ޙަޖަރު، އިޞާބާ ފީ ތަމައްޔުޒުއް ޞަޙާބާ، ހަތަރުވަނަ ޖިލްދު، ޞަފްޙާ 293}
އުސުދުލް ޣާބާ ފީމަޢުރިފަތިއްޞަހާބާގައި ލިޔުއްވައިވެއެވެ. ބަދުރުހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީންގެ ތެރެއިން އޭރު ދުނިޔޭގައި ތިއްބެވި ކޮންމެ ބޭކަލަކަށް 400 ދީނާރު ދެއްވުމަށް عبد الرّحمن بن عوف رضى اللّـه عنــه ވަޞިއްޔަތް ކުރެއްވިއެވެ. އޭރު އެބޭކަލުންގެ ތެރެއިން 100 ބޭކަލުން ދުނިޔޭގައި ތިއްބެވިއެވެ. އަދި މާތްﷲ ގެ މަގުގައި ހަނގުރާމަ ކުރުމަށްޓަކައި އެއްހާސް އަސް ދެއްވިއެވެ. { އުސުދުލް ޣާބާ، ވޮލިޔުމް 3، ޞަފްޙާ 317}
އަނބިއަނބިކަނބަލުންނާއި ބޭފުޅުން
عبد الرّحمن بن عوف رضى اللّـه عنــه އެކިފަހަރު މަތިން ގިނަ ބޭކަނބަލުންނާ ކާވެނިފުޅު ބައްލަވައިގެންނެވިއެވެ. އަނބިއަނބިކަނބަލުންނާއި އުއްމުވަލަދުންގެ ފަރާތްޕުޅުން ވަރަށް ގިނަ ދަރިކައުކަނބަލުން ލިބިވަޑައިގެންނެވިއެވެ.
1. أمّ كلثوم بنت عتبة بن ربيعة بن عبد شمس. އެކަމަނާއަކީ معاوية بن أبي سفيان ގެ މައިފުށުގެ ބޮޑުދައިތާފުޅެކެވެ. عبد الرّحمن بن عوف رضى اللّـه عنــه އެކަމަނާއާ ކާވެނިފުޅު ބައްލަވައިގަތީ ޖާހިލިއްޔަ ޒަމާނުގައެވެ. އެކަމަނާ ފަރާތްޕުޅުން سالما الأكبر ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުންވަނީ އިސްލާމްދީން އައުމުގެ ކުރީން ނިޔާވެފައެވެ.
2. ابنة شَيْبَة بن ربيعة بن عبد شمس (شَيْبَة بن ربيعة بن عبد شمس ގެ ދަރިކަނބަލެއް): އެކަމަނާގެ ފަރާތްޕުޅުން أم القاسم ލިބިވަޑައިގެންނެވިއެވެ.
3. أمّ كلثوم بنت عُقبة بن أبي مُعيط: އެކަމަނާގެ ފަރާތްޕުޅުން إبراهيم، حميدًا، وإسماعيل، حَميدة ލިބިވަޑައިގެންނެވިއެވެ.
4. سَهْلَةُ بنت سُهيل بن عمرو: މިއީ އިސްލާމްދީނުގެ ވަރަށް ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަމަނާވަނީ ޙަބަޝާއަށް ދެފަހަރު ހިޖުރަ ކުރައްވައިފައެވެ. އެއަށްފަހު މަދީނާއަށް ހިޖުރަކުރެއްވުމުގެ ޝަރަފުވެސް ހާސިލު ކުރައްވައިފައެވެ. އެކަމަނާގެ ފަރާތްޕުޅުން سالم الأصغر ލިބިވަޑައިގެންނެވިއެވެ. سالم الأصغر ޝަހީދުވީ އެފްރިކާގެ ފުތޫޙާތުގެ ތެރޭގައެވެ.
5. سَهْلَةُ بنت عاصم بن عديّ: އެކަމަނާގެ ފަރާތްޕުޅުން مَعْن، عُمَرُ، زيد، أمَةُ الرّحمن الصغرى މި ހަތަރު ބޭފުޅުން ލިބިވަޑައިގެންނެވިއެވެ.
6. بَحْرِيّةُ بنت هانئ: އެކަމަނާގެ ފަރާތްޕުޅުން عروة الأكبر ލިބިވަޑައިގެންނެވިއެވެ. عروة الأكبر ޝަހީދުވެވަޑައިގެންނެވި މުސްލިމުން އެފްރިކާ ފަތަޙަ ކުރަން ކުރި ހަނގުރާމައިގެ ތެރޭގައެވެ.
7. أم حكيم بنت قارظ: އެކަމަނާގެ ފަރާތްޕުޅުން أبا بكر ލިބިވަޑައިގެންނެވިއެވެ.
8. بنةُ أبي الحَيْسَر بن رافع: އެކަމަނާއަކީ އަންޞާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަބަލެވެ. ހިޖުރައަށްފަހު عبد الرّحمن بن عوف رضى اللّـه عنــه އެންމެ ފުރަތަމަ ކާވެނި ބައްލަވައިގެންނެވީ އެކަމަނާއާއެވެ. އެކަމަނާގެ ފަރާތްޕުޅުން عبد الله ލިބިވަޑައިގެންނެވިއެވެ. عبد الله ވެސް ޝަހީދުވީ މުސްލިމުން އެފްރިކާ ފަތަޙަ ކުރަން ކުރި ހަނގުރާމައިގެ ތެރޭގައެވެ.
9. تُماضرُ بنت الأصبغ: އެކަމަނާއަކީ ކަލްބުވަންހައިގެ ރައީސްގެ ދަރިކަނބަލުންނެވެ. عبد الرّحمن بن عوف رضى اللّـه عنــه އެކަމަނާއާ ކާވެނިބެއްލެވީ މާތް ރަސޫލާގެ އަމުރުފުޅަށެވެ. އެއީ ޤުރައިޝުންގެ މީހަކު ފުރަތަމަ ކަލްބުވަންހައިގެ މީހަކާ ފުރަތަމަ ފަހަރަށް ކާވެނިކުރި ފަހަރެވެ. ޢިލްމުވެރިކަމަށް މަޝްހޫރު ތާބިޢީ أبو سلمة بن عبد الرحمن بن عوف ލިބިވަޑައިގަތީ އެކަމަނާގެ ފަރާތްޕުޅުންނެވެ. عبد الرّحمن بن عوف رضى اللّـه عنــه އެކަމަނާ ފަހުން ވަރިކުރެއްވުމުން ދެން އެކަމަނާއާ ކާވެނިބެއްލެވީ الزّبير بن العوّام رضى اللّـه عنه އެވެ.
10. أسماء بنت سلامة بن مُخَرّبَةَ: އެކަމަނާގެ ފަރާތްޕުޅުން عبد الرّحمن ލިބިވަޑައިގެންނެވިއެވެ.
11. أمّ حُريث: އެކަމަނާއަކީ بَهْرَاءَ ގެ އަސީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެވެ. އެކަމަނާގެ ފަރާތްޕުޅުން مُصْعَب އާއި آمنةُ އާއި مريم ލިބިވަޑައިގެންނެވިއެވެ.
12. مَجْدُ بنت يزيد بن سلامَة: އެކަމަނާގެ ފަރާތްޕުޅުން سهيل ލިބިވަޑައިގެންނެވިއެވެ.
13. غزال بنت كسرى: މިއީ އުއްމުވަލަދެކެވެ. އެކަމަނާ ހައްޔަރުކުރެވުނީ مدائن ގެ ހަނގުރާމައިގައި سعد بن أبي وقّاص އެވެ. އެކަމަނާގެ ފަރާތްޕުޅުން عثمان ލިބިވަޑައިގެންނެވިއެވެ.
14. زينب بنت الصبّاح بن ثعلبة بن عوف: އެކަމަނާއަކީ، بَهْرَاءَ ގެ އަސީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެވެ. އެކަމަނާގެ ފަރާތްޕުޅުން أم يحيى ލިބިވަޑައިގެންނެވިއެވެ.
15. باديةُ بنت غيلان بن سَلَمَةَ بن مُعتِّبِ الثَّقَفيّ: އެކަމަނާގެ ފަރާތްޕުޅުން جويرية ލިބިވަޑައިގެންނެވިއެވެ.