ދީނަށް ނަޞްރުދިނުމުގެ ހެޔޮނިޔަތުގަ ނަމަވެސް މައުލޫމާތު ނެތް ކަންކަމުގެ ބަހުސްތަކުގަ ބައިވެރިނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދީނަށް ނަޞްރުދިނުމުގެ ހެޔޮނިޔަތުގަ ނަމަވެސް މައުލޫމާތު ނެތް ކަންކަމުގެ ބަހުސްތަކުގަ ބައިވެރިނުވާށެވެ!

އިސްލާމް ދީނުގެ ވަރަށް ކުދިކުދި ކަންކަމާއިމެދު ސޯޝަލް މީޑިއާގައި ކުރެވޭ ބަހުސްތައް ހޫނުވެ ނުރަނގަޅު ނަތީޖާ ނުކުންނަމުންދާތަން މިދަނީ ފެންނަމުންނެވެ. އެއީ ފުރިހަމައަށް މައުލޫމާތު ނެތި ބަހުސްގައި ބައިވެރިވެވޭތީއެވެ. އެފަދަ ކަންކަން މެދުވެރިވުމުން އިސްލާމް ދީނަށް ޚިދުމަތް ކުރަން ކުރެވޭ ކަންކަމުގެ ނަތީޖާ ފެންނަނީ ރަނގަޅަކަށް ނޫނެވެ.

ތިމާއަށް އެކަމެއްގެ މައުލޫމާތު ފުރިހަމައަށް ލިބިފައިނުވާ ކަންކަމުގައި މީހުން ކުރާ ބަހުސްތަކުގެ ތެރެއަށް ވަދެ ބައިވެރިނުވާށެވެ! އެކަމުން ލިބޭނީ ގެއްލުމެވެ. އެހެނީ މީހާގެ ނިޔަތް ކިތަންމެ ރަނގަޅު ނަމަވެސް ޖަދަލުކުރާ މީހާ ދައްކާ ވާހަކަ ބާޠިލުކަން ހާމަކޮށް ނުދެވިއްޖެ ނަމަ އަޑުއަހާ މީހުންގެ ކުރިމަތީގައި ޙައްޤާއިމެދު ޝައްކު އެފެދިދާނެއެވެ.

ކޮންމެ މީހަކު ކުރާހައި ބަހުސެއްގައި ބައިވެރިވެ ރައްދު ދޭން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ބައިވެރިވި ނަމަވެސް ތިމާއަށް އެނގޭ ޙައްޤު ބަސް ބުނުމަށްފަހު އިތުރަށް ކުރިއަށް ނުގެންދާށެވެ. ތިމާ ދައްކާ ވާހަކަ "ބައްދައިލުމުގެ" ފުރުޞަތު ނުދޭށެވެ.

ބައެއް ފަހަރަކު 2 މީހަކު އެމީހުންގެ އަމިއްލަ ކަންކަމުގައިވެސް އެބަ ބަހުސްކުރެއެވެ. އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދެއެވެ. އެފަދަ ބަހުސްތަކުގެ ތެރެއަށް އެއްވެސް ވަރަކަށް ނުވަންނާށެވެ! އެކަން އެ ބައަކަށް ދޫކޮށްލާށެވެ! އެހެނީ އިތުރު މީހުން ބަހުސްގައި ބައިވެރިވުމުން މައްސަލަ ވާނީ އިތުރަށް ހޫނެވެ.

އިސްލާމް ދީން މަތިވެރިކުރަން އެންމެންވެސް މަސައްކަތްކުރަންވާނެއެވެ. އެގޮތުން އެމީހަކަށް ޔަޤީންކުރެވޭ ހެޔޮ ބަސްތަކާއި ނަޞޭޙަތްތައް ގިނަގިނައިން ފަތުރައި މީސްތަކުންނަށް ހަނދާންކޮށްދޭށެވެ! އެކަމުގެ ފައިދާ ކުރާނެއެވެ! އިން ޝާ ﷲ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން