ކިތަންމެ ގިނަ ފައިސާ ހޭދަކުރިޔަސް ހިނިތުންވާން ނޭނގޭ ފިރިއަކަށް އަނބިމީހާގެ ލޯތްބެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކިތަންމެ ގިނަ ފައިސާ ހޭދަކުރިޔަސް ހިނިތުންވާން ނޭނގޭ ފިރިއަކަށް އަނބިމީހާގެ ލޯތްބެއް ނުލިބޭނެ!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ލޯތްބަކީ ފައިސާއިން ގަނެވޭ އެއްޗެއް ކަމަށެވެ. އަބަދުވެސް މިބުނަނީ ލޯތްބަކީ ފައިސާދިނުމުން ގަނެވޭނެ އެއްޗެއްނަމަ ފިހާރަތަކުގައި ވިއްކަންހުންނާނެއެވެ. ލޯބި ވިއްކަންހުރި ފިހާރައަކަށް ދުވަހަކުވެސް އަދި ނުވަދެވެއެވެ!

ޤަބޫލުކުރާށެވެ! މިބުނަނީ ޔަޤީންބަހެކެވެ! މީހުންނަށް ކިތަންމެ ގިނައިން ފައިސާ ބެހި ނަމަވެސް މީހުންގެ ލޯތްބެއް ނުލިބޭނެއެވެ. އެހެނީ ފައިސާ ބެހުމުން ލޯބިވާނީ ބަހާ މީހާ ދެކެއެއް ނޫނެވެ. ބަހާ ފައިސާ ދެކެއެވެ. ނަމަވެސް ހިތްހެޔޮކަމާއިއެކު ހިނިތުންވާ މިހާއަށް މީސްތަކުންގެ ލޯބިދާނީ ލިބެމުންނެވެ. 

މިކަމުގެ ކުޑަކުޑަ މިސާލެއް ވެސް ބުނެފާނަމެވެ. ބައެއް ފުދުންތެރިން އެމީހުންގެ އަނބިންނަށް އިންތިހާއަށް ޚަރަދުކުރެއެވެ. ހިތަށް އެރިހައި ކަމެއް ކޮށްދެއެވެ. ނަމަވެސް ހިނިތުންވާން ނުއެނގޭނަމަ އަނބިމީހާގެ ވެސް ޙަޤީޤީ ލޯތްބެއް ނުލިބޭނެއެވެ! ލިބޭނީ ފޯރުކޮށްދޭ ފައިސާގެ ލޯތްބެވެ! 

މިވާހަކަ މިހައި ޔަޤީންކަމާއިއެކު މިބުނަނީ އަހަރެންނާއި ބައްދަލުވި މިފަދަ އެއްވެސް އަންހެނަކު މިނޫން ގޮތަކަށް ނުބުނާތީއެވެ. އެދޭހައި ކަމެއް ކޮށްދޭނަމަ ފިރިމީހާ "އޯކޭ" ކަމަށް ބުނާ އަންހެނުން ތިބެއެވެ. ނަމަވެސް ދިރިއުޅެނީ އުފަލުގައި ކަމަކަށް އެއްބަހެއް ނުވެއެވެ. ދިރިއުޅެނީ ހިތްހަމަޖެހުން ލިބިގެން ކަމަކަށްވެސް އެއްބަހެއް ނުވެއެވެ. 

އެއިގެ ބަދަލުގައި ކިތަންމެ ފަޤީރު ނަމަވެސް ހިނިތުންވުމާއި ދިރިއުޅެމުންދާ ދެމަފިރިންގެ މެދުގައި އޮންނަ ލޯބި އިންތިހާއަށް ވަރުގަދައެވެ. ދިރިއުޅެނީވެސް އުފަލުގައެވެ. 

ވީމާ މިކަންކަމަށް ވިސްނައިފިނަމަ ހިނިތުންވުމަކީ އަތުން ފައިސާ ޚަރަދުކުރަން ނެޖެހޭ، އެހެނަސް ޞަދަޤާތެއް ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވާ ސަބަބު މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން