إن الحمد لله، نحمده تعالى ونستعينه ونستغفره، ونعوذ بالله من شرور أنفسنا، ومن سيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمداً عبده ورسوله، أما بعد:
އިބްރާހީމްގެފާނާއި މާތްވެގެންވާ މެހެމާނުން
ފަހެ، ﷲ ތަޢާލާ އެއިލާހުގެ ނަބީބޭކަލުންގެ ވާހަކަތައް އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައިވަނީ އެއިން ޢިބުރަތް ޙާޞިލުކޮށް ޢަމަލުކުރުމަށެވެ.
﴿نَحْنُ نَقُصُّ عَلَيْكَ أَحْسَنَ الْقَصَصِ﴾ [سورة يوسف 3]
މާނައީ: "އެންމެ ރިވެތި ވާހަކަތައް ތިމަންއިލާހު ކަލޭގެފާނަށް ކިޔައިދެއްވަމެވެ."
﴿لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ﴾ [سورة يوسف 111]
މާނައީ: "ހަމަކަށަވަރުން އެބައިމީހުންގެ ވާހަކަތަކުގައި ބުއްދީގެ އަހުލުވެރިންނަށް ޢިބުރަތެއް ވެއެވެ."
އެފަދަ އެއް ވާހަކައަކީ އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގެންނެވި މާތްވެގެންވާ މެހެމާނުންގެ ވާހަކައެވެ. އެކަލޭގެފާނަކީ ރިވެތި އަޚުލާޤުގެ ވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ގެކޮޅުގެ ދޮރުކޮޅު މެހެމާނުންނަށްޓަކައި ބަންދު ނުވެއެވެ. އެގޮތުން އެއްދުވަހަކު އެކަލޭގެފާނުގެ އަރިހަށް މެހެމާނުންތަކެއް ވަޑައިގެންނެވިއެވެ. އެއީ ﷲ ތަޢާލާ ފޮނުއްވި މަތިވެރިވެގެންވާ މަލާއިކަތުންނެވެ. އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ސަލާމް ދެންނެވިއެވެ.
﴿وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا ۖ قَالَ سَلَامٌ﴾ [سورة هود 69]
މާނައީ: "އަދި ހަމަކަށަވަރުން އުފާވެރިކަމުގެ ޚަބަރާއިގެން ތިމަންއިލާހު ފޮނުއްވި ރަސޫލުން (އެބަހީ: މަލާއިކަތުން) އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވިއެވެ. ސަލާމެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމެވެ!"
﴿فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ﴾ [سورة الذاريات ٢٦]
މާނައީ: "ފަހެ، އެކަލޭގެފާނުގެ އަހުލުވެރިންގެ ގާތަށް ސިއްރިޔާތުގައި އެކަލޭގެފާނު ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ."
އެކަލޭގެފާނުގެ އަހުލުން ތިއްބެވީ މެހެމާނުންނަށް އިސްތިޤުބާލުކުރެއްވުމަށް ތައްޔާރަށެވެ. އެއީ އަލްޚަލީލު އިބްރާހީމުގެފާނުގެ ތަރުބިއްޔަތެވެ. މެހެމާނުންނަށް ކެއުން ތައްޔާރުކުރެއްވުމަށް ފަހު އެބައިމީހުންގެ ޚިދުމަތުގައި އެކަލޭގެފާނުގެ އަނބިކަނބަލުން ހުންނެވިއެވެ.
﴿وَامْرَأَتُهُ قَائِمَةٌ﴾ [سورة هود 69]
މާނައީ: "އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތަނުގައި) ހުންނެވިއެވެ."
އިބްރާހީމުގެފާނު ފިހެފައި އޮތް ގެރި ގެންނަވާ އެބޭކަލުންގެ ކައިރީގައި ބެހެއްޓެވިއެވެ. ނަމަވެސް އެބޭކަލުން އެއިން ފަރިއްކުޅުވާކަށް ނުއުޅުއްވައެވެ. މިތަން ފެނިވަޑައިގެންނެވުމުން އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގެންނެވިއެވެ.
﴿فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ﴿٢٧﴾ فَأَوْجَسَ مِنْهُمْ خِيفَةً﴾ [سورة الذاريات ٢7، 28]
މާނައީ: "ދެން އެ މެހުމާނުންނާ އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނަން ހެއްޔެވެ؟ [27] ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެބައިމީހުންނާމެދު ބިރުވެރިކަމެއް ވަދެއްޖެއެވެ."
﴿قَالُوا لَا تَخَفْ إِنَّا أُرْسِلْنَا إِلَىٰ قَوْمِ لُوطٍ﴾ [سورة هود ٧٠]
މާނައީ: "އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންމެން ފޮނުއްވީ ލޫޠުގެފާނުގެ ޤައުމަށެވެ."
މިހާ ހިސާބުން އެއީ ﷲ ތަޢާލާ ފޮނުއްވި މަލާއިކަތުންނަށް އިބްރާހީމުގެފާނަށް އެނގިވަޑައިގެންނެވިއެވެ.
ލޫޠުގެފާނު އިބްރާހީމުގެފާނާއެކު ޢިރާޤުން ޝާމުކަރައަށް ހިޖުރަކުރެއްވިއެވެ. ދެން އެއަށްފަހު ﷲ ތަޢާލާ، އެކަލޭގެފާނު ސަމޫދުގެ މީހުންގެ ގާތަށް ނަބީކަމައިގެން ފޮނުއްވިއެވެ. ސަމޫދު ބާގައިގެ މުޝްރިކުންވީ ނުބައިކަން ބޮޑު، ފާޙިޝް ޢަމަލަކަށް އަރައިގަންނަ ބައެއްކަމުގައެވެ. އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގެންނެވި މެހެމާނުންނަކީ މިމުޖުރިމުންގެ ނުބައިކަމުން ލޫޠުގެފާނު ސަލާމަތްކުރެއްވުމަށް ފޮނުއްވުނު މަލާއިކަތުންކަން އެކަލޭގެފާނަށް އެނގިވަޑައިގެންނެވިއެވެ. އަދި އެކަމާ އަޖައިބުވެ އެކަލޭގެފާނުގެ އަނބިއަނބަލުން ހިނިފުޅުވެޑުވިއެވެ. އެހިނދު އެބޭކަލުން އެކަމަނާއަށް އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ.
﴿وَامْرَأَتُهُ قَائِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ﴾ [سورة هود ٧١]
މާނައީ: "އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތަނުގައި) ހުންނެވިއެވެ. ފަހެ، (އެބޭކަލުން އެހެން ވިދާޅުވުމުން) އެކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ، އެކަމަނާއަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެކަމާ އަދި އިސްޙާޤުގެފާނުގެ ފުށުން ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންއިލާހު އެކަމަނާއަށް ދެއްވީމެވެ."
މި ޚަބަރުވީ އެކަމަނާއަށް ވަރަށް އަޖައިބުކުރުވަނިވި ޚަބަރަކަށެވެ. އެހެނީ އެކަމަނާވަނީ މުސްކުޅި ވެފައެވެ. އަދި އެކަމަނާގެ ފިރިކަލުންވެސްވަނީ މުސްކުޅިވެފައެވެ.
﴿قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَٰذَا بَعْلِي شَيْخًا ۖ إِنَّ هَٰذَا لَشَيْءٌ عَجِيبٌ ﴿٧٢﴾ قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّهِ ۖ رَحْمَتُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ﴾ [سورة هود ٧٢، ٧٣]
މާނައީ: "އެކަމަނާ ވިދާޅުވިއެވެ. އޭހުރި އަޖައިބެއްގެ ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރުވެސް ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން މިއީ އަޖައިބުވެގެންވާ ކަމެކެވެ. [72] އެބޭކަލުން ދެންނެވިއެވެ. ﷲ ގެ އަމުރުފުޅާމެދު ކަމަނާ އަޖައިބުވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ އަހުލުވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް ﷲ ގެ ރަޙްމަތާއި އެއިލާހުގެ ބަރަކާތް ހުށްޓެވެ."
އިބްރާހީމުގެފާނަކީ ޚުލްޤު ހެޔޮ، ކޯފާ މަޑު، ގިނަގިނައިން ތައުބާވެވަޑައިގަންނަވާ ބޭކަލެކެވެ.
إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ ﴿٧٥﴾ [سورة هود ٧٤، ٧٥]
މާނައީ: "ހަމަކަށަވަރުން އިބްރާހީމުގެފާނީ ކޯފާ މަޑު، ދުޢާކުރެއްވުން ގިނަ، ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ، ތައުބާވެވަޑައިގަންނަވާ ބޭކަލެކެވެ."
ލޫޠުގެފާނުގެ ޤައުމުގެ މީހުން ހަލާކުކުރެއްވުމުގެ ޚަބަރު ލިބިވަޑައިގެންނެވުމުން އިބްރާހީމުގެފާނު ކަންބޮޑުވެވަޑައިގެން ލޫޠުގެފާނާމެދު މަލާއިކަތުންގެ އަރިހުގައި ސުވާލު ދެންނެވިއެވެ. އަދި ލޫޠުގެފާނުގެ ޤައުމުގެ މީހުންނާމެދު ﷲ ގެ ޙަޟްރަތުގައި ދަންނަވަން ފެއްޓެވިއެވެ.
وَلَمَّا جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا إِنَّا مُهْلِكُو أَهْلِ هَٰذِهِ الْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا ظَالِمِينَ ﴿٣١﴾ قَالَ إِنَّ فِيهَا لُوطًا ۚ قَالُوا نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ ﴿٣٢﴾ [سورة العنكبوت ٣١، ٣٢]
މާނައީ: "އުފާވެރިކަމުގެ ޚަބަރާއިގެން ތިމަންއިލާހު ފޮނުއްވި މަލާއިކަތުން އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތްހިނދު އެބޭކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންމެން ފޮނުއްވީ މިރަށުގެ (އެބަހީ: ލޫޠުގެފާނުގެ ޤައުމުގެ) އަހުލުވެރިން ހަލާކު ކުރުމަށެވެ. ހަމަކަށަވަރުން އެ ރަށުގެ އަހުލުވެރިންވީ އަނިޔާވެރިން ކަމުގައެވެ. [31] އެކަލޭގެފާނު (އެބަހީ: އިބްރާހީމުގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން އެރަށުގައި ލޫޠުގެފާނު އެބަހުންނެވިއެވެ. އެބޭކަލުން ވިދާޅުވިއެވެ. އެރަށުގައިވާ ބަޔަކު ތިމަންމެންނަށް މާރަނގަޅަށް އެނގެއެވެ. ހަމަކަށަވަރުން ތިމަންމެން އެކަލޭގެފާނާއި އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރާ ހުށީމެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. އެކަނބުލޭގެވީ ހަލާކުވެގެންދިޔަ މީހުންގެ ތެރެއިންނެވެ." [32]
يَا إِبْرَاهِيمُ أَعْرِضْ عَنْ هَٰذَا ۖ إِنَّهُ قَدْ جَاءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ آتِيهِمْ عَذَابٌ غَيْرُ مَرْدُودٍ ﴿٧٦﴾ [سورة هود ٧٦]
މާނައީ: "އޭ އިބްރާހީމުގެފާނެވެ! ތިޔަ ކަންތައް (އެބަހީ: ލޫޠުގެފާނުގެ ޤައުމުގެ މީހުންނާމެދު ދެންނެވުން) ދޫކޮށްލައްވާށެވެ! އެހެނީ، ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ އަމުރުފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން އަނބުރާ ރައްދު ނުކުރައްވާނޭ ޢަޛާބެއް އެބައިމީހުންގެ ގާތަށް އަންނާނެއެވެ."
- އަދި ނުނިމޭ