އެއްޖިންސުން ގުޅުންހިންގުން 2: މެހެމާނުން ލޫޠުގެފާނުގެ އަރިހަށް ވަޑައިގެންނެވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 39ސ
އެއްޖިންސުން ގުޅުންހިންގުން 2: މެހެމާނުން ލޫޠުގެފާނުގެ އަރިހަށް ވަޑައިގެންނެވުން

މެހެމާނުން ލޫޠުގެފާނުގެ އަރިހަށް ވަޑައިގެންނެވުން

ދެން އެ މަލާއިކަތުން ވަޑައިގެންނެވީ ލޫޠުގެފާނު ހުންނެވި ރަށަށެވެ. އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގެންނެވި ފަދައިން އެކަލޭގެފާނުގެ އަރިހަށްވެސް ވަޑައިގެންނެވީ މެހެމާނުންގެ ގޮތުގައެވެ. ނަމަވެސް އިބްރާހީމުގެފާނާ ޚިލާފަށް މެހެމާނުން ފެނުމުން ލޫޠުގެފާނު ހިތާމަކުރެއްވިއެވެ. އެއީ އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެ މެހެމާނުންގެ ޚަބަރު ލިބިގެން އައިސް އެބައިމީހުންނަށް އުނދަގޫކޮށްފާނެތީއެވެ. އަދި އެމީހުންގެ ފާޙިޝް ޢަމަލުތަކުން އެކަލޭގެފާނަށް މެހެމާނުން ސަލާމަތް ނުކުރެއްވިދާނެކަމަށްޓަކައެވެ.

﴿وَلَمَّا جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَٰذَا يَوْمٌ عَصِيبٌ﴾ [سورة هود ٧٧] 

މާނައީ: "އަދި ތިމަންއިލާހުގެ ރަސޫލުން (އެބަހީ: މަލާއިކަތުން) ލޫޠުގެފާނުގެ އަރިހަށް ވަޑައިގަތްހިނދު (ޤައުމުގެ މީހުންގެ ފާސިދުކަމުގެ ސަބަބުން އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ." 

ލޫޠުގެފަނުގެ ޤައުމުގެ މީހުން ކުރަމުން ދިޔައީ އޭގެ ކުރިން އެއްވެސް މީހަކުކޮށްފައި ނުވާ ފާޙިޝްކަން ބޮޑު ޢަމަލެކެވެ. 

وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٨٠﴾‏ إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴿٨١﴾‏ [سورة الأعراف ٨٠، ٨١]

މާނައީ: "އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، ޢާލަމުތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާޙިޝް ޢަމަލު ތިޔަބައިމީހުން ކުރަނީ ހެއްޔެވެ؟ [80] ހަމަކަށަވަރުން ތިޔަބައިމީހުން ޝަހުވާނީގޮތުން، އަންހެނުން ދޫކޮށް ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއް ހެއްޔެވެ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ." [81] 

އެކަލޭގެފާނުގެ އަނބިކަނބުލޭގެ މެހެމާނުންގެ ޚަބަރު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ފޯރުކޮށްދިނެވެ. އަދި އެބައިމީހުން އަވަހަށް އެކަލޭގެފާނުގެ އަރިހަށް އައެވެ. 

﴿وَلَقَدْ رَاوَدُوهُ عَن ضَيْفِهِ﴾ [سورة القمر ٣٧] 

މާނައީ: "އަދި ހަމަކަށަވަރުން އެކަލޭގެފާނުގެ މެހުމާނުންނާމެދު ނުބައި ކަންތައް ކުރުމަށްޓަކައި އެކަލޭގެފާނުގެ އަރިހުން އެބައިމީހުން އެދިގަތެވެ." 

وَجَاءَهُ قَوْمُهُ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا يَعْمَلُونَ السَّيِّئَاتِ ۚ قَالَ يَا قَوْمِ هَٰؤُلَاءِ بَنَاتِي هُنَّ أَطْهَرُ لَكُمْ ۖ فَاتَّقُوا اللَّهَ وَلَا تُخْزُونِ فِي ضَيْفِي ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ ﴿٧٨﴾‏ قَالُوا لَقَدْ عَلِمْتَ مَا لَنَا فِي بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ ﴿٧٩﴾‏ قَالَ لَوْ أَنَّ لِي بِكُمْ قُوَّةً أَوْ آوِي إِلَىٰ رُكْنٍ شَدِيدٍ ﴿٨٠﴾‏ [سورة هود ٧٨، ٨٠]  

މާނައީ: "އަދި އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައެވެ. ކުރިންވެސް އެބައިމީހުންނަކީ ނުބައި (ފާޙިޝް) ކަންތައްތައް ކޮށްއުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިތިބީ އަހުރެންގެ (އެބަހީ: ޤައުމުގެ) އަންހެން ދަރިންނެވެ. (ތިޔަބައިމީހުން ޝަރުޢީގޮތުން އެކަނބަލުންނާ ކައިވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީ ހެއްޔެވެ؟ [78] އެބައިމީހުން ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ (އެބަހީ: ޤައުމުގެ) އަންހެން ދަރިންނާމެދު އެއްވެސް ޙައްޤެއް (އެބަހީ: އެއްވެސް ބޭނުމެއް) ތިމަންމެންނަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި ހަމަކަށަވަރުން ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. [79] އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައިވާނަމައެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެނަމައެވެ!" [80] 

ޙަޤީޤަތުގައިވެސް އެކަލޭގެފާނު އެބައިމީހުންގެ ނުބައިކަމުން ސަލާމަތްވުމަށް ވާގިހޯއްދެވުމަށް ވަޑައިގެންނެވީ އެންމެ ބާރުގަދަ ފަރާތުގެ އަރިހަށެވެ. އެއީ ޢާލަމުތަކުގެ ވެރި އިލާހެވެ. ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. 

«وَيَرْحَمُ اللهُ لُوطًا لَقَدْ كَانَ يَأْوِي إِلَى رُكْنٍ شَدِيدٍ» [رواه البخاري (3372)، ومسلم (238 – (151))]

މާނައީ: "“ﷲ ލޫޠުގެފާނަށް ރަޙްމަތް ލައްވާށިއެވެ. ހަމަކަށަވަރުން ބާރުގަދަ ފަރާތެއްގެ ވާތްގަތް އެކަލޭގެފާނު އެދިވަޑައިގެންނެވިއެވެ." 

އެކަލޭގެފާނު ކަންތައް ބޮޑުވެ، ހިތްޕުޅު ދަތިވިހިނދު މަލާއިކަތުން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވިއެވެ. އިބްރާހީމުގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވި ފަދައިންނެވެ. 

﴿قَالُوا يَا لُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوا إِلَيْكَ ۖ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ اللَّيْلِ وَلَا يَلْتَفِتْ مِنكُمْ أَحَدٌ إِلَّا امْرَأَتَكَ ۖ إِنَّهُ مُصِيبُهَا مَا أَصَابَهُمْ ۚ إِنَّ مَوْعِدَهُمُ الصُّبْحُ ۚ أَلَيْسَ الصُّبْحُ بِقَرِيبٍ﴾  [سورة هود ٨١] 

މާނައީ: "އެބޭކަލުން ދެންނެވިއެވެ. އޭ ލޫޠުގެފާނެވެ! ހަމަކަށަވަރުން ތިމަންމެންނީ ކަލޭގެފާނުގެ ރައްބު ފޮނުއްވި ބޭކަލުންނެވެ. ކަލޭގެފާނާ ހަމައަށް އެބައިމީހުންނަކަށް ވާޞިލެއް ނުވެވޭނެއެވެ. ފަހެ، ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ އަހުލުވެރިންނާއެކު ނުކުމެވަޑައިގެން ހިންގަވާށެވެ! ކަލޭގެފާނުގެ އަނބިކަނބުލޭގެ ފިޔަވައެވެ! އަދި ތިޔައިގެ ތެރެއިން އެކަކުވެސް އެނބުރި ފަސްނުބަލާށެވެ! ހަމަކަށަވަރުން އެބައިމީހުންނަށް (އެބަހީ: އެ ކާފިރުންނަށް) ޖެހޭކަމެއް އެކަނބުލޭގެއަށްވެސް ޖެހޭނެއެވެ. ހަމަކަށަވަރުން އެބައިމީހުންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނެވެ. ހެނދުނު ވަގުތު ގާތުގައި ނުވޭ ހެއްޔެވެ؟" 

ޢަޛާބުގެ ވަގުތު ގާތްވެއްޖެއެވެ. ﷲ ތަޢާލާ ލޫޠުގެފާނަށް އެންގެވީ އެކަލޭގެފާނުގެ އަހުލުންނާއެކު ރޭގަނޑު ވަގުތުގައި އަވަހަށް އެރަށުން ނުކުތުމަށެވެ. ނަމަވެސް އެކަލޭގެފާނުގެ އަނބިކަނބުލޭގެ ނުލައެވެ. އެކަނބުލޭގެވީ ކާފިރުވި މީހުންގެ ތެރެއިންނެވެ. އެބައިމީހުންގެ މައްޗަށް ޢަޛާބު ފޮނުއްވުމުގެ ވަގުތަކީ ހެނދުނުގެ ވަގުތެވެ. ޢާންމު ގޮތެއްގައި ކާފިރުވިމީހުންގެ މައްޗަށް ﷲ ތަޢާލާ ޢަޛާބު ފޮނުއްވާފައިވަނީ ހެނދުނުގެ ވަގުތުގައެވެ. އެއީ އެބައިމީހުން ނިދާ ހޭލައިގެން ޣާފިލުކަމުގައި ކުޅިވަރާއި މަޖާ ފަށައިގަންނަ ވަގުތެވެ. 

- އަދި ނުނިމޭ

 

 

މިއަދު އޮންލައިން