ބުއްދިވެރިންނަކީ ވެހޭތާ ފެންނަގާ މީހުންނެވެ! ކުރިމަތިވެފައިވާ ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު ދިހަ ދުވަހުގެ ފައިދާ ލިބިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 29ސ
ބުއްދިވެރިންނަކީ ވެހޭތާ ފެންނަގާ މީހުންނެވެ! ކުރިމަތިވެފައިވާ ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު ދިހަ ދުވަހުގެ ފައިދާ ލިބިގަންނާށެވެ!

الحمد لله، الصلاة و السلام على نبينا محمد و آله و صحبه

ފެށުމުގެ ކުރިން

ދުނިޔޭގެ އެދުވަސްތަކެއްގެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތައް އަޅުގަނޑުމެންނާއި މިއަދު ބައްދަލުކޮށްފިއެވެ. އެއީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އެދުވަސްތަކުން އަޅުގަނޑުމެންނަށް ހެޔޮކަމެއް ލިބިގަނެވެން އޮތީ ކިހިނަކުންތޯ ބަލައި އެހެޔޮކަން ލިބިގަތުމަށް މަސައްކަތްކުރާ މީހުންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. އެހެނީ އަޅުގަނޑުމެންގެ ތެރެއިން ފެންނަ މަންޒަރަކީ މިމާތް ދިހަ ދުވަހަކީ ކުޅިވަރަށް ތައްޔާރުވާ ދުވަސްތަކެއްކަމުގައި ހަދާފައެވެ. އެހެނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިއީ އަހަރުތެރޭގައި އަންނަ އެންމެ މާތް ދިހަދުވަހެވެ. ރޯދަމަހުގެ ފަހު ދިހަ ދުވަހަށްވުރެވެސް މިދުވަސްތައް މާތްވެގެންވާ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

ނަމަވެސް ހިތާމަޔާއެކުގައި އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަނީ މިމާތް ދުވަސްތަކުގެ ހުންނަން ޖެހޭނެ ގޮތަށްނޫންކަމާއި މެދުގައި އިޤުރާރުވާންޖެހެއެވެ. ހެޔޮކަމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ކުރެވޭ ކަމަކީ ބޮޑުއީދަށް ލަނގިރި ޖަހަން ތައްޔާރުވުމާއި ސުޓޭޖުތައްޔާރު ކުރުމާއި ނަށާ މިޔުޒިކް ގުރޫޕުތައް ހޯދައި ހިރަފުސް އަރާފައިވާ މިޔުޒިކު ސާމާނުތަކުން ހިރަފުސް ފިލުވުމެވެ. ރޯދަމަސް ފަދައިން ޝައިތާނާ ދުނިޔެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތަކުން އަޅުގަނޑުމެން މަހުރޫމުކޮށްލަން ކުރަމުންދާ މަސައްކަތްކަތުގެ މަޅީގައި ޖެހޭ މީހުން ކަމުގައި އަޅުގަނޑުމެން ނުލައްވާށިއެވެ.

އަޅުގަނޑުމެން މިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހެޔޮރަޙުމަތަށް އަބަދާއި އަބަދު ބޭނުންވެފައެވެ. ވީމާ އެއިލާހު އަޅުގަނޑުމެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ މާތްދުވަސްތަކުގެ މާތްކަމުން މާތްކަން ލިބިގަންނަ މީހުންގެ ތެރެއިން އަޅުގަނޑުމެން ވަމާތޯއެވެ.

ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް މިކަމުގައި ސާބިތުކަން ދެއްވުމެވެ. والله الموفق

ނޯޓު: ފަހެ މިއަހަރު ޙައްޖު މަސް ފެށެނީ މިއަދު 17 އޮކްޓޯބަރުވީ ބުދަ ދުވަހުއެވެ.

ފެށުން:

ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން.

ހ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.

وَالْفَجْرِ‌ ﴿١﴾ وَلَيَالٍ عَشْرٍ‌ ﴿٢﴾

މާނައިގެ ތަރުޖަމާޢީ: އަދި ފަޖުރުވަޤުތު ގަންދެއްވަމެވެ  (1).

އަދި ދިހަ ރޭ  ގަންދެއްވަމެވެ. (2)

ތަފުސީރު އިބުނު ކަޘީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ބަޔާންކުރައްވައެވެ. ފަޖުރުގެ މުރާދަކީ ނަޙުރުގެ (އީދު) ދުވަސް ޚާއްޞަކޮށެވެ. އެއީ ޛުލްހިއްޖާމަހުގެ( ފުރަތަމަ) ދިހަ ދުވަސް ނިމޭ ދުވަހެވެ. އަދި އެއީ އެދުވަހުގެ އެވަޤުތުގައި ކުރެވޭ ނަމާދުކަމަށްވެސް އިކުރިމާ ރިވާކުރައްވާ ފަދައިން ބުނެވެއެވެ. އަދިި ދިހަރޭގެ މުރާދަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ އެއީ ޛުލްހިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައެވެ.

ﷲ ސުބުހާނަހޫ ވަތަޢާލާ އެއެއްޗެއްގެ ގަންދެއްވައި ވަޙީކުރައްވާފައިއެވަނީ އެވަޤުތުތަކުގެ މާތްކަމުގެ ސަބަބުންނެވެ. މިކަން އެނގިގެންދަނީ ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ތިރީގައިވާ ނޫނުގައިވާ އަންނަނިވި ހަދީޘްބަސްފުޅުންނެވެ.

ށ. ﷲ ސުބުހާނަހޫ ވަތަޢާލާ ޙައްޖުސޫރަތުގެ 28 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.

وَيَذْكُرُ‌وا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ

މާނައިގެ ތަރުޖަމާއީ: އަދި ކަނޑައެޅި ބަޔާންވެގެންވާ ދުވަސްތަކުގައި އެބައިމީހުން ﷲ އިސްމުފުޅުގެ މަތިން ހަނދުމަކުޅައުމަށްޓަކައެވެ.

މިއާޔަތުގެ ތަފުސީރުގައި އިބުނު އައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވަނީ އެދުވަސްތަކަކީ ތަކަކީ ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަދުވަހެވެ. ބައްލަވާ ފަތުޙުލް ބާރީ ނ.ގައިވާ ޙަދީޘްގެ ޝަރަޙަ އަދި ތަފުސީރު އިބުނު ކަޘީރު. ވީމާ އަޅުގަނޑުމެން މިދުވަސްތަކުގައި ﷲ ސުބުހާނަހޫ ވަތަޢާލާ މަތިން ހަނދުމަކޮށް ޛިކުރުކޮށް ތަކުބީރު ތަޙުލީލު ކިޔާ އުޅެން ޖެހެއެވެ.

ށ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(عَنْ ابْنِ عَبَّاسٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أَنَّهُ قَالَ : ” مَا الْعَمَلُ فِي أَيَّامٍ الْعَشْرِ أَفْضَلَ مِنْهَا فِي هَذِهِ ، قَالُوا : وَلَا الْجِهَادُ ، قَالَ : وَلَا الْجِهَادُ ، إِلَّا رَجُلٌ خَرَجَ يُخَاطِرُ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ بِشَيْءٍ “

ތަރުޖަމާޢީ: ދުވަސްތަކުގެ ތެރެއިން އެއްވެސް ދުވަހެއްގައި މި ދިހަ ދުވަހުގައި(ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސް) ކުރެވޭ ޢަމަލުތަކަށްވުރެ މާތްވެގެންވާ ޢަމަލުތަކެއް ﷲ ޙަޟްރަތުގައި ނުވެއެވެ. ދެން ޞަހާބީ ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲގެ މަގުގައި ޖިޙާދުކުރުންވެސް ތޯއެވެ؟ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. : ( ޖިޙާދުކުރުންވެސް މެއެވެ. އެއީ އެމީހެއްގެ ނަފުސާއި މުދަލާއި އެކު ޖިޙާދަށް ނުކުމެ އޭގެން އެއްވެސް އެއްޗަކާއިގެން އެނބުރި ނައިމީހާ ފިޔަވައެވެ)

މިޙަދީޘްގެ ޝަރަހައިގައި ފަތުޚުލްބާރީގައި އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ( ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހު އެހާ މަތިވެރިވުމުގެ ސަބަބެއް ފާޅުވަނީ އެމަހެއްގައި އެންމެ ބޮޑެތި އަޅުކަންތައްތައް ޖަމާވާ ދުވަސްތައްކަމުގައި ވާތީއެވެ. އެއީ ނަމާދާއި ރޯދައާއި ޞަދަޤާތްކުރުމާއި އަދި ޙައްޖެވެ. އެނޫން އެހެން ދުވަސްތަކެއްގައި މިއަޅުކަންތައް ޖަމާނުވެއެވެ. )

އަދިވެސް ތަބަރާނީއާއި އަދި މުސްނަދު އިމާމު އަޙުމަދުގައި އައިސްފައިވާ ހަދީޘެއްގައިވެއެވެ. .

عَنِ ابْنِ عُمَرَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللَّهِ ، وَلَا أَحَبُّ إِلَيْهِ مِنَ الْعَمَلِ فِيهِنَّ ، مِنْ هَذِهِ الْأَيَّامِ الْعَشْرِ ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ ” . . أخرجه احمد 7/224 وصحّح إسناده أحمد شاكر .

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާކުރައްވައެވެ

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. އެދުވަސްތަކަކަށްވުރެ ﷲގެ ޙަޟްރަތުގައި މާތްވެގެންވާ އަދި އެދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އެއިލާހުގެ ޙަޟްރަތުގައި މާތްވެގެންވާ އެހެން ދުވަސްތަކެއް މި ދިހަ ދުވަހުގައި މެނުވީ ނުވެއެވެ. ފަހެ އެދުވަސްތަކުގައި ތިޔަބައިމީހުން ތަހުލީލާ(لا إله إلا الله ) ތަކުބީރާ އަދި ތަޙްމީދު(ޙަމްދުކުރުން) ގިނަކުރާށެވެ.

މިޙަދީޘްތަކުން ލިބޭ ފައިދާތައް:

ހ. ﷲގެ ހަޟްރަތުގައި އެންމެ މާތް ދުވަސްތަކަކީ ޛުލްހިއްޖާމަހުގެ ފުރަތަމަ ދިހަދުވަސްކަމާއި އަދި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ މިދުވަސްތަކުގައި ކުރާ ހެޔޮކަންތައްތައްކަން

ށ. މިދުވަސްތަކުގައި ކުރާ ހެޔޮޢަމަލުތައް އެންމެ މާތް އެއްކަންތައްކަމަށްވާ ޖިޙާދުކުރުމަށް ވުރެވެސް މޮޅު އިތުރުވެގެންވާކަން ނ.ޖިޙާދު ކުރުމުގެ މާތްކަން.

ރ. އަދި ތަހުލީލާ ތަކުބީރު ކިޔުމާއި އަދި ﷲއަށް ހަމްދުކުރުން ގިނަކުރުން. ފަހެ މިހުރިހާ ކަމަކީ ﷲގެ މަތިން ހަނދުމަކުރުމުގެ ތެރޭން ހިމެނޭ ކަންކަމެވެ.

 

- އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު

މިއަދު އޮންލައިން