ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ކުރެވިދާނެ ބައެއް އަޅުކަންތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 53ސ
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ކުރެވިދާނެ ބައެއް އަޅުކަންތައް

އެދުވަސްތަކުގައި ކުރެވިދާނެ ޢަމަލުތައް

ހ. އަރަފާތް ދުވަހުގެ ރޯދަ ހިފުން

ފަހެ ޢަރަފާތް ދުވަހަކީ ޙައްޖުވެރިން ޢަރަފާތުގައި ތިބޭ ދުވަހެވެ. އެއީ ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. މިދުވަހު ޙައްޖު ނުކުރާ މީސްތަކުންނަށް ރޯދަ ހިިފުން ސުންނަތްވެގެންވެއެވެ. އަދި ހައްޖުކުރާ މީސްތަކުންނަށް ރޯދަހިފުމެއް ނުވެއެވެ. އަދި މިދުވަހުގެ ރޯދައާއި ބެހޭ ގޮތުން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. :

” صيام يوم عرفه أحتسب على الله أنه يكفر السنة التي قبله والسنة التي بعده ” [ رواه مسلم ]

ތަރުޖަމާޢީ: ޢަރަފާތް ދުވަހުގެ ރޯދައަކީ އަންނަން އޮތް އަހަރާއި އަދި އޭގެ ކުރިން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް ﷲއަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ”

އަދި އެހެން ޙަދީޘްފޮތްތަކުގައި ސީދާ ކުރީއަހަރާއި ފާއިތުވީ އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް އައިސްފައިވެއެވެ.

މިފަހަރު ޢަރަފާތް ދުވަހަކީ މިލާދީގޮތުން  8  ޖުލައިވާ ހުކުރު ދުވަހެވެ.  

ށ. ތަހުލީލާ ތަކުބީރާއި ތަހްމީދުން ﷲ މަތިން ޛިކުރު ކުރުން

އަންނަނިވި ޢިބާރާތްތަކުން ތަކުބީރު ކިޔިދާނެއެވެ.

ހ. اللّهُ أَكْبَرُ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ كَبِيرَا.

ށ. اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لا إله إلا الله ، وَاللّهُ أَكْبَرُ ، واللّهُ أَكْبَرُ ،وَلِلّهِ الْحَمْدُ

ނ.اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ،وَاللّهُ أَكْبَرُ ،اللّهُ أَكْبَرُ ، وَلِلّهِ الْحَمْدُ

ނ. ރޯދަހިފައި ޤުރުއާން ކިޔެވުން

މިދުވަސްތަކުގައި ރޯދަހިފައި ޤުރުއާން ކިޔެވުން އިތުރުކޮށް ސަދަޤާތްދީ އުޅުން ގިނަކުރުން

قال صلى الله عليه وسلم : ” ما من عبد يصوم يوماً في سبيل الله إلا باعد الله بذلك اليوم عن وجهه النار سبعين خريفاً ” [ متفق عليه ]

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނަިއގައިވެއެވެ.

ފަހެ ﷲއަށްޓަކައި ރޯދައެއް ހިފައިފި އަޅަކަށް އޭނާގެ މޫނު އެދުވަހެއްގައި ހަތްދިހަ ހާސް އަހަރުގެ ރާސްތާއަށް ނަރަކައިން ދުރުކުރައްވާނެއެވެ.

އަދި އެހެންހަދީޘެއްގައި އައިސްފައިވަނީ ޤިޔާމަތްދުވަހުން އެހެން އެއްވެސް ހިޔަލެއްނުވާ ދުވަހު ހިޔާދެއްވޭ މީހުންގެ ތެރޭގައި އެއްއަތުންދޭ ސަދަޤާތް އަނެއްއަތަށް ނޭންގި ކުރާ މީހާ ހިމެނެއެވެ. ވީމާ ޞަދަޤާތްދިނުމަކީވެސް ނުހަނު ހެޔޮވެގެންވާ ކަމެކެވެ.

ރ. ސުންނަތް ނަމާދުތައް ގިނަކުރުން

މިދުވަސްތަކުގައި ފަރުޟު ނަމާދުގެ އިތުރުން ސުންނަތް ނަމާދު ވީހާވެސް ގިނައިން ކޮށް ރޭގަނޑުވެސް ދަމުނަމާދު ވީވަރަކުން ކުރެވޭތޯ ބެލުން .

ފަހެސުންނަތް ކަންގަދަވެގެންވާ ރަވާތިބު ނަމާދުތަކާއި ބެހޭގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ރެޔަކާއި ދުވާލު ބާރަ ރަކުޢަތް ( ސުންނަތްކަން ގަދަވެގެންވާ) ކޮށްފިމީހާގެ މައްޗަށް އެއަމަލުގެ ސަބަބުން އޭނާއަށް ސުވަރުގޭގައި ގެޔެއް ބިނާކޮށްދެވޭނެއެވެ.

ބ. އަދި ވީވަރަކުން އެންމެހާ ހެޔޮ ޢަމަލުތަކުގެ މަތީގައި ފައިތިލަ ސާބިތުކުރެވޭތޯ ބެލުން.

އެއީ އެންމެ ކުޑަމިނުން މަޤުމަތިން އެއްޗެއް އެއްފަރާތްކޮށްލުމާއި އަދި މިސްކިތުން ނެރޭ ކުޑަކުނިކޮޅެއްނަމަވެސް މެއެވެ.

ބ. އުޟްޙިޔާ ކަތިލުން

އެއީ ޢީދު ދުވަހު ގެރި ބަކަރި ޖަމަލު މިފަދަ ޤުރުުބާނެއް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުރުމެވެ.

އަދި ޢީދު ދުވަހު ރޯދަހިފުމަކީ ހަރާމްވެގެންވާ ކަމެކެވެ.

ނިންމުން: 

ވީމާ ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް މި ހެޔޮ ޢަމަލުތައް ކުރުމުގެ ތަޢުފީޤު ދެއްވައި މިމަތިވެރި ދުވަސްތަކުގެ ހެޔޮކަމުން ހެޔޮކަން ލިބިގަންނަ މީހުންކަމުގައި ލެއްވުމެވެ. އަދި ﷲ ޙަރާމްކުރެއްވި މިޔުޒިކުފަދަ ފާޙިޝްކަންކަމުން ސަލާމަތްކުރައްވައި ﷲގެ އަދުއްވުން އެކުވެރިން ކަމުގައި ނުނަގާ ބަޔެއްކަމުގައި ލެއްވުމެވެ. އަދި އެބައިމީހުންނަށް ތާއީދުކުރާ މީހުންކަމުގައިވެސް ނުލެއްވުމެވެ. އަދި ޙައްޖަށް ގޮސްފައި ތިބި ހުރިހާ މުސްލިމުންގެ ފާފަ ފުއްސަވައި އެބައިމީހުންނަށް މަބުރޫރު ހައްޖެއް ދެއްވުމެވެ. އަދި އިސްލާމްދީނަށްޓަކައި ޖިޙާދުކުރަމުންދާ މުސްލިމުންނަށް ނަޞްރުދެއްވައި ކާފަރުން ބަލިކުރައްވައި ނިކަމެތިކުރެވުމުންދާ މުސްލިމުންނަށް ނަޞްރުދެއްވައި މުސްލިމުން ބާރުވެރިކުރެއްވުމެވެ.

آمين

و الله أعلم، وسلام على المرسلين.

مصادر

ا. تفسير ابن كثير رحمه الله

ب. فتح الباري بشرح صحيح البخاري

www.islamqa.info

www.saaid.net 

ޢަރަފާތް ދުވަހުގެ ރޯދައާއި ބެހޭގޮތުން ހުރި ބައެއް ލިޔުންތައް މި ސައިޓުތަކުން އެހީ ހޯދާފައިވާނެއެވެ.

- އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު

މިއަދު އޮންލައިން