ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ 44 ފައިދާ 4: ޝައިޚް ޝާފިޢު

މިއަދު
ކިޔުމަށް ހޭދަވާނީ 12މ 7ސ
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ 44 ފައިދާ 4: ޝައިޚް ޝާފިޢު

34- ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުގައި ބަޔާންވެފައިވާ މީހުންގެ ތެރެއިން ވުމަށް މިދުވަސްތަކުގައި މަސައްކަތްކުރާށެވެ. 

وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿ الذّاريات١٨﴾

މާނައި: "އަދި އެބައިމީހުން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދަންނަވަތެވެ."  

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ * وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿ الذّاريات 17-18

މާނައީ : "އެބައިމީހުން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެބައިމީޙުން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދަންނަވަތެވެ"\

އެއީ އިލާހީ ފައިބާވޮޑިގަތުމުގެ ވަޤުތެވެ. ފާފަފުއްސެވުން އެދި ދަންނަވާ ދެންނެވުން ޤަބޫލުކުރެއްވުމުގެ ވަޤުތެވެ. ދުޢާ އިޖާބަކުރެއްވުމުގެ ވަޤުތެވެ. ދެއްވުމަށް އެދި ދަންނަވާ މީހުންނަށް ދެއްވުމުގެ ވަޤުތެވެ. ޔާ ﷲ، އިބަ އިހާލުގެ ދަރުމަވަންތަވެރިކަމުން އަޅަމެން މަޙްރޫމް ނުކުރައްވާނދޭވެ. 

35- ޞަދަޤާތްކުރުމަކީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން އަޅުކަމެކެވެ. އެއީ ޞަދަޤާތްދޭ މީހާގެ މައްޗަށްވާ ހެއްކެކެވެ. އަދި ޞަދަޤާތްދޭމީހާގެ އީމާންކަމުގެ ތެދުވެރިކަމުގެ މައްޗަށްވާ ޙުއްޖަތެކެވެ. ޤިޔާމަތްދުވަހުގައި ޞަދަޤާތްދޭމީހާ ވާހުށީ ޞަދަޤާތުގެ ހިޔަލުގައެވެ. ޞަދަޤާތުގެ ސަބަބުން ނުބައިކަންކަމުން މީހާ ދިފާޢުކޮށްދެއެވެ. ފާފަތައް ފުހެލައެވެ. ރައްބުގެ ކޯފާ ނިއްވާލައެވެ. އެއީ މުދަލުގައި ބަރަކާތްލެއްވުމާއި، ރިޒްޤު އިތުރުވުމުގެ ސަބަބެކެވެ. ޞަދަޤާތްކުރާ މީހާއަށް ﷲ ތަޢާލާ އެޞަދަޤާތުގެ ބަދަލުދެއްވައެވެ. މި ދިހަދުވަހުގައި ޞަދަޤާތްކުރުން އެހެނިހެން ދުވަސްތަކުގައި ޞަދަޤާތްކުރުމަށްވުރެ މާތްކަންބޮޑުވެގެން ވެއެވެ.

36- މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދާދިނުމަކީ ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. އެއީ އޭނާއާ ގުޅުން ބަދަހިކޮށްގެން ކަމުގައިވިޔަސް ނުވަތަ ޞަދަޤާތް ދީގެން ކަމުގައި ވިޔަސް ނުވަތަ އޭނާއަށް ބޭނުންޖެހިފައިވާ ޙާޖަތެއް ފުއްދައިދީގެން ކަމުގައިވިޔަސްމެއެވެ. ވިސްނާލަބަލާށެވެ. މި ދިހަދުވަހުގައި މިފަދަކަމެއް ކުރުމުގެ އަޖުރު ކިހާ ބޮޑުވާނެހެއްޔެވެ.

37- ޙައްޖުވެރިންގެ އަހުލުވެރިންގެ ޙާލު އަޙުވާލު ބެލުމާއި އެބައިމީހުންނަށް އިޙްސާންތެރިވުމަކީ ހެޔޮކަމުގެ ތެރެއިން ވާކަމެކެވެ. އަދި އެމީހުންގެ ދަރީން ބެލެހެއްޓުންވެސް މެއެވެ. ޙަދީޘްގައި ވެއެވެ.

((مَنْ جَهَّزَ حَاجًّا أَو خَلَفَهُ فِيْ أَهْلِهِ …كَانَ لَهُ مِثْلُ أَجْرِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْء)) – رواه ابن خزيمة في صحيحه 1930 و صححه الألباني

މާނައީ: "ޙައްޖުވެރިޔަކު ތައްޔާރުކޮށްދީފި މީހަކަށް ނުވަތަ ޙައްޖުވެރިޔާ އެނބުރި އަންނަންދެން އޭނާގެ ބަދަލުގައި އޭނާގެ އަހުލުވެރިންގެ ކަންތައްތައް ބަލަހައްޓައިދީފި މީހަކަށް އެ ޙައްޖުވި މީހާއަށް ލިބޭ މިންވަރަށް ޘަވާބު ލިބޭހުއްޓެވެ. އެއީ އޭގެ އަޖުރުން އެއްވެސް އުނިކަމެއް އެބައިމީހުންނަށް ނާންނަގޮތުގައެވެ."

38- ޢީދު ނަމާދަކީ މިދުވަސްތަކުގައި ކުރެވޭ އަޅުކަންތަކުގެ ތެރެއިން އެންމެ މަތިވެރި އެއް އަޅުކަމެވެ. އޭގެ ފަހުގައި އުޟްޙިޔާ ކަތިލުމުން ﷲ އާ ކުއްތަންވުމެވެ. އެއީ ހިދާޔަތުގެ ސުންނަތްތަކުގެ ތެރެއިން ދެ ސުންނަތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَصَلِّ لِرَبِّكَ وَانْحَرْ ﴿الكوثر٢﴾

މާނައީ: "ފަހެ ކަލޭގެފާނުގެ ރައްބަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. އަދި ޤުރުބާން ކުރައްވާށެވެ"

39- ޛުލްޤައިދާމަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުމާއެކު، އުޟްޙިޔާ ކަތިލުމަށް ޤަޞްދުކޮށްފައިވާ މީހާ، އެކަން ނިމުމުގެ ކުރިން ހަށިގަނޑުގެ އެއްވެސްތަނަކުން އިސްތައްޓެއް އަދި ނިޔަފައްޗެއް ވަކިކޮށްގެން ނުވާނެއެވެ. ޙަދީޘްގައިވެއެވެ.  

إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ ) رواه مسلم ( 1977 )

މާނައީ: "ޛުލްޙިއްޖާމަހުގެ ހަނދު ފެނުމާއެކު، ތިޔަބައިމީހުންގެ ތެރެއިން އުލްޙިޔާ ކަތިލަން ޤަސްދުކުރާމީހަކު އިސްތައްޓެއް ނިޔަފައްޗެއް ނުކަނޑާހުށިކަމެވެ.” އެހެން ރިވާޔަތެއްގައި އިތުރަށްވެއެވެ. "އުޟްޙިޔާ ކަތިލައިފުމަށް ދަންދެން"

40- އަމާޒެއް ކަނޑައަޅައިގެން ކަމެއް ޙާޞިލުކުރަން ބޭނުންވާ މީހާއަށް އޭނާ އެ ކާމިޔާބުކުރަން ބޭނުންވާ ކަމެއް ކާމިޔާބުކުރުމަށް ފަސޭހަވެއެވެ. ﷲ ގެ މުދާ (ސުވަރުގެ) އެއީ އަގުބޮޑު އެއްޗެއް ނޫން ހެއްޔެވެ. ﷲ ގެ މުދަލަކީ ސުވަރުގެ ނޫން ހެއްޔެވެ. އަހަރެމެން އެންމެ ހެޔޮ ޢަމަލުކުރުމަށް އަތުކުރިއޮޅާލަމާ ހިނގާށެވެ. ތެދުވެރި ތައުބާއަކުން ތައުބާވަމާ ހިނގާށެވެ. ފާފަތައް ދޫކޮށް، ފާފަތަކުން މިންޖުވެ، ކުރެވިފައިވާ ފާފަތަކުގެ މައްޗަށް ދެރަވެ ހިތާމަކޮށް، ދެވަނަފަހަރަށް އެފަދަ ފާފަތަކަށް އަރައިނުގަތުމަށް ޢަޒުމް ކަނޑައަޅައި، އާދަމުގެ ދަރިއެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އަނިޔާވެރިވެވިފައިވާ މީހުންގެ ޙައްޤުތައް އެމީހުންނަށް ރައްދުކޮށްދީ، ﷲ އަށް އަޙުދުކަށަވަރު ހިފައި މި ދިހަދުވަހުގައި އާފެށުމަކުން ފަށަމާ ހިނގާށެވެ. 

يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّـهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ( التحريم 8)

މާނައީ: "އޭ އީމާންވީ މީސްތަކުންނޭވެ. ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން، ތިޔަބައިމީހުން ﷲ އަށް ތައުބާވާށެވެ. އޭރުން ތިޔަބައިމީހުންގެ ރައްބު، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ކޯރުތައް ހިނގަހިނގާހުންނަ ބަގީޗާތަކަށް ތިޔަބައިމީހުން ވައްދަވާނެއެވެ."

41- މި ދިހަ ދުވަހުގައި ޚާއްޞަ އަޅުކަންތައް ކަމުގައިވާ ޛިކުރު ކުރުމާއި ނަމާދުގެ އިތުރުން ތިމާއަށާއި ތިމާނޫން މީހުންނަށްވެސް އޭގެ މަންފާ ފޯރާ އަޅުކަމާއި ހެޔޮ ޢަމަލުތައް މި ދެބާވަތުގެ ޢަމަލުތައް ޖަމާކުރުމަކީ އޭނާއަށް މިދުވަސްތަކުގެ މަންފާ އިތުރަށް ލިބި އަދި ޘަވާބު މަތިވެރިވެގެންދާނޭ ކަމެކެވެ. 

42- މި ދުވަސްތަކުގައި ހެޔޮ ޢަމަލުކުރުމާއި ފާފަތަކުން ދުރުހެލިވުމުގެ ސަބަބުން މުސްލިމް އަޅާ ﷲ ގެ ޝިޢާރުތައް މަތިވެރިކުރުމުގެ މައްޗަށް ތަރުބިއްޔަތުވެގެން ދެއެވެ. އަދި ﷲ ގެ އިންތަކަށް ރައްކާތެރިވުމުގެ މައްޗަށްވެސް މެއެވެ. މިއީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން ހިމެނޭ ދިހަ ދުވަހެވެ. ޙުރުމަތްތެރިވެގެންވާ މައްސަރުތަކާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.  

فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ (التوبة 36)

މާނައީ: ” ފަހެ އެދުވަސްތަކުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ:"  

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  

ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّـهِ فَإِنَّهَا مِن تَقْوَى الْقُلُوبِ (الحج 32)

މާނައީ: "އަދި ﷲ ގެ ޝިޢާރުތަކަށް (އެބަހީ: ހަދްޔު ކަތިލުމާއި، އުޟްޙިޔާ ކަތިލުމާއި، ޙައްޖުގެ މަނާސިކުތަކާއި، އެނޫންވެސް ކަންކަމަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ ބިރުވެތިކަމުގެ ތެރެއިންނެވެ." 

އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

ذَٰلِكَ وَمَن يُعَظِّمْ حُرُمَاتِ اللَّـهِ فَهُوَ خَيْرٌ لَّهُ عِندَ رَبِّهِ (الحج 30) މާނައީ: އަދި ﷲ ގެ ޙުރުމަތްތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ) ފަހެ، އެމީހަކަށްޓަކައި އެކަންތައް އެމީހެއްގެ ރައްބުގެ ޙަޟްރަތުގައި ހެޔޮކަން ބޮޑެވެ." 

43- މި ދިހަ ދުވަހުގައި ހެޔޮ ޢަމަލު ކުރުމާއި ކިޔަމަންގަތުމާއި ހެޔޮކަންކަންކުރުން އިތުރުކުރުމާއި އަހަރުގައި ތަކުރާރު ނުވާ މިދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ މައްޗަށް ނަފުސު ތަރުބިއްޔަތު ކުރުމަށް ކުރެވޭނެ އެންމެ މޮޅުކަންތަކެވެ. އަދި އެއީ އެކަންކަމުގެ ސަބަބުން މީހާގެ އީމާންކަންވެސް އިތުރުވެގެންދާނޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން މުޅި އަހަރުގައި ހެޔޮކަންކަން ކުރުމުގައި ދެމިހުރުމަށް ބާރުލިބެއެވެ.
44- 
އަހަރެމެންގެ އަނބީންނާއި ދަރީންނަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އަމާނާތެކެވެ. 

ޙަދީޘްގައި ވެއެވެ. 

كُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ (رواه البخاري 2409 ومسلم 1829) މާނައީ: "ތިޔަބައިމީހުންގެ ކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ފަރާތްތަކާމެދު ސުވާލުވެވޭނޭ މީހެކެވެ." 

މި ދިހަ ދުވަސް މަތިވެރިކުރުމުގެ މައްޗަށް އަހަރެމެންގެ ދަރީން ތަރުބިއްޔަތު ކުރުމަށްވެސް އަހަރެމެން ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. އެދުވަސްތަކުގައި ހެޔޮޢަމަލުތައް އެކުދީން ލައްވާ ކުރުވަން ބާރުއަޅަންޖެހޭނެއެވެ. އަދި އެދުވަސްތަކަށް ތައްޔާރުވުމަށްޓަކައި، އެދުވަސްތަކާ ބައްދަލުވުމުގެ ކުރިން އެދުވަސްތަކުގެ މާތްކަން އެކުދީންނަށް ބަޔާންކޮށްދޭން ޖެހެއެވެ. އަދި އެދުވަސްތައް މާތްކުރުމުގައި އެކުދީންނަށް ނަމޫނާއެއްކަމުގައި އަހަރެމެން ވާންޖެހެއެވެ.
ރަނުގެ ފުރުޞަތެކެވެ. ވަގުތުފާއިތު ވުމުގެ ކުރިން ޢަމަލުކުރާށެވެ. (ވެހޭތާ ފެންނަގާށެވެ.)
އަހަރެމެންނަށާއި އެންމެހާ މުސްލިމުންނަށް ހެޔޮކަންތަކުގެ މޫސުންތައް ހެޔޮގޮތުގައި ބޭނުންކުރުމުގެ ތައުފީޤު ދެއްވުން އެދި ﷲ އަށް ދަންނަވަމެވެ. އަދި އެއިލާހަށް ޛިކްރުކުރުމަށާއި އެއިލާހަށް ޝުކުރުވެރިވުމަށާއި އެއިލާހަށް ރިވެތިގޮތުގައި އަޅުކަންކުރުމުގެ މައްޗަށް އަހަރެމެންނަށް ވާގި ދެއްވުން އެދި އެއިލާހަށް ދަންނަވަމެވެ.

والحمد لله رب العالمين

ނިމުނީ

އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 44 فائدة في عشر ذي الحجة (ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައެއްގެ 44 ފައިދާ) ގެ ތަރުޖަމާ= 

- ޝައިޚް މުޙައްމަދު ޝާފިޢު

ފަހުގެ ލިޔުންތައް

 

 

މިއަދު އޮންލައިން