ޢާއިލާތެރޭގެ ނުވަތަ ގޭތެރޭގެ ކަމެއްގައިވެސް ދޮގުހެކި ދިނުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ބޮޑުވެގެންވާ ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ޢާއިލާތެރޭގެ ނުވަތަ ގޭތެރޭގެ ކަމެއްގައިވެސް ދޮގުހެކި ދިނުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ބޮޑުވެގެންވާ ފާފައެއް!

ބިރުވެތިވާންވީ މި އާޔަތަށެވެ! 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤު ތައް ފުރިހަމައަށް ޤާއިމު ކުރާ، އަދި ޢަދުލަށް ހެކިދޭ ބައަކު ކަމުގައިވާށެވެ! އަދި ބައަކުމީހުންދެކެ ތިއަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިއަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިއަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤްވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާ ވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިއަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްމާއިދާ: 8) 

ބައެއް މީހުން މިއާޔަތާއިމެދު ދެކެނީ މިއީ ކޯޓުތަކުގައި ދޭންޖެހޭ ހެކިބަސް އެކަނި ކަމުގައެވެ. ކޯޓުތަކުގައި ހެކިބަސް ދިނުމުގައި ތެދުވެރިވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ތިމާގެ ސަބަބުން އަނެކާގެ ޙައްޤެއް ގެއްލިއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލން ނުޖެހިއެއް ނުދާނެއެވެ! ޤިޔާމަތް ދުވަހު ޙައްޤު ބަދަލު ދޭން ނުޖެހިއެއްވެސް ނުދާނެއެވެ! 

އަމިއްލަ ގޭތެރޭގެ ކަމެއްގައި ހެކިބަސް ދިނުން ވެސް އޮތީ ހަމަ މިފަދައިންނެވެ! އެމީހަކު ބުނާ ބަހަކުން އަނެކާއަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ. ބަދަލުދޭނެ އެއްވެސް އެއްޗެއް އަތުގައި ނެތްނަމަ ޙައްޤު ގެއްލުނު މިހާ ކޮށްފައިވާ ފާފައިގައި ކޮނޑުއަޅައި ނަރަކައަށްވެސް ވަންނަން ޖެހިދާނެއެވެ! ވީމާ ކޮންމެ ތަނެއްގައި ކޮންމެ ކަމެއްގައި ހެކިބަސް ދިންނަވެސް އެއީ ﷲ ތަޢާލާގެ ޙައްޤެއްކަން ހިތް މައްޗަށް ގެނެސް ބިރުވެތިވާށެވެ! 

މިހާރަކަށް އައިސް ޢާއިލާތަކުގައި ހިނގާ ކަންކަމުގައި ވެސް ޢަދާވާތްތެރިވެ ފިތުނަ އުފެދޭ ގޮތަށް ދޮގު ހެކި ދިނުން ފަދަ ކަންކަން އެބަކުރެއެވެ. ޚާއްޞަކޮށް ޅިޔަން ފަހަރިން ކުށްވެރިކުރަން އެބަ މަސައްކަތްކުރެއެވެ. ގިނަ ފަހަރަށް މިފަދަ ކަންކަން މެދުވެރިވަނީ އަނެކާގެ ސަބަބުން ތިމާއަށް ލިބޭ އަނިޔާތަކުގެ ސަބަބުންނެވެ. 

އަނެކާގެ ސަބަބުން ކިތަންމެ ގިނަ އަނިޔާ ލިބުނު ނަމަވެސް އެއްގޮތަކަށްވެސް އެފަދަ ކަންކަން ނުކުރާށެވެ! އަނެކާ ތިމާ އާއިމެދު ކަންކަން ކުރަނީ ކޮންމެ ގޮތަކަށް ނަމަވެސް ތިމާ އަބަދުވެސް ހުންނަން ވާނީ ޙައްޤު ގޮތުގައެވެ. އޭނާ ކުރި ނުބައި ކަންތައް އޭނާއަށް ދޫކޮށްލާށެވެ! އޭނާ ކުރާ ކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާއަށް ވަކީލުކޮށް ﷲ ތަޢާލާއަށް ތިމާ އަދާކުރަން ޖެހޭ ޙައްޤުތައް އަދާކުރުންމަތީގައި ސާބިތުވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން