ތިމާގެ އަމިއްލަ ހަށިގަނޑު ނަރަކައިގަ އަންދާނެ ދަރުއެއްކުރާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ތިމާގެ އަމިއްލަ ހަށިގަނޑު ނަރަކައިގަ އަންދާނެ ދަރުއެއްކުރާ މީހުން!

މީސްތަކުންނޭވެ! ނަމާދަށް ބަންގިގޮވުމުން އިޖާބަ ނުދީ މަސައްކަތުގައި ތިބުމަކީ ތިމާގެ ހަށިގަނޑު ނަރަކައިގައި އަންދާނެ ދަރު ތިމާ އަމިއްލައަށް އެއްކުރުން ފަދަ ކަމެކެވެ. ވީމާ ބިރުވެތިވާށެވެ! ތިމާގެ ހަށިގަނޑު ނަރަކައިން ސަލާމަތްކުރަން އެދޭ މީހާ އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ބަންގިއަށެވެ. މާނައަކީ ވަގުތު ޖެހުމުން ނަމާދުކުރުމަށް އަވަސްވެގަތުމަށެވެ! 

ދުނިޔޭގައި ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބިފައިވީނަމަވެސް އާޚިރަތް ދުވަހު އެކަމުން އެއްވެސް ފައިދާއެއް ކުރާނީ ﷲ ތައާލާ އަނގްވާފައިވާ ގޮތުގައި މުއްސަނދިކަން ހޯދިނަމައެވެ. އަދި އެ މުދަލުން ﷲ ތަޢާލާގެ މަގުގައި ހޭދަކޮށްފައިވާނަމައެވެ. ހަމައެއާއިއެކު ވިސްނައިލާށެވެ! ތަނަވަސްކަން މިންވަރު ކުރައްވަވަނީ ﷲ ތަޢާލާކަން އަހަރެމެން އެންމެން ވެސް އެބަ ޤަބޫލުކުރަމުއެވެ. ވީމާ ތަނަވަސްކަން މިންވަރު ކުރައްވަވާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް މަސައްކަތް ކުރަން ޖެހޭނެކަން ޤަބޫލުނުކުރަނީ ކީއްވެގެން ހެއްޔެވެވެ؟ 

ނަމާދުކުރުމަކީ ދެ ދުނިޔެ ކާމިޔާބުކުރުމުގެ ވެސް ތަޅުދަނޑިކަން މުސްލިމުންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމާދު ކުރަންޖެހޭ އަދަދަށް ނުކުރެވިއްޖެނަމަ ތިމާ ދެންކުރާ އެއްވެސް އަމަލަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމާއި ހުރިހާ އަމަލުތަކެއް ބާޠިލުވެގެންދާނެކަންވެސް އެނގޭނެއެވެ. އެކަން ނުއެނގޭ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. އަދި އެކަން ޤަބޫލުނުކުރާ މުސްލިމަކުވެސް ނުހުންނާނެއެވެ! 

ހިތާމައަކީ މިފަދަ ހުރިހައި ކަންކަމެއް ރަނގަޅަށް އެނގިތިބެވެސް ޢަމަލު ނުކުރެވޭކަމެވެ. ނަމާދު ވަގުތު ޖެހުމުން ވެސް ކުރަން ހުންނަ މަސައްކަތްތައް ކޮށް ނިންމައިލުމަށް އިސްކަން ދެވޭ ކަމެވެ. އާމްދަނީ އިތުރުކުރަން މަސައްކަތް ކުރުމުގައި ވަގުތުތައް ނަގައިލެވޭ ކަމެވެ. 

އަބަދުވެސް ބުނާފަދައިން އެގޮތަށް ކުރާ މަސައްކަތުންވެސް ކޮންމެވެސް މިންވަރެއްގެ އާމްދަނީއެއް ލިބިދާނެއެވެ. ނަމަވެސް ޖަމާއަތުގައި ނަމާދުކޮށްލަން މަސައްކަތް ހުއްޓާލާފައި ހޭދަކުރަންޖެހޭ 20 ވަރަކަށް މިނިޓުގެ ތެރޭގައި ލިބޭ އާމްދަނީ ނުހޯދި ނަމަވެސް ޖީބަކަށް މަދެއް ނުވާނެއެވެ. މަސައްކަތް ހުއްޓަލިވެނުކަންވެސް އިޙްޞާޞެއް ނުވާނެއެވެ. އެއިގެ ބަދަލުގައި ލިބޭ އާމްދަނީ ވާނީ އިތުރެވެ. އެމީހެއްގެ މައްޗަށް ﷲ ތަޢާލާގެ ރަޙްމަތް އިތުރުވާނެތީއެވެ. އެމީހަކު ކުރާ މަސައްކަތުގައި ބަރަކާތް އިތުރުކުރައްވަވާނެތީއެވެ. އިން ޝާ ﷲ 

އަހަރެންގެ އާދޭހަކީ ނަރަކައިގައި ތިމާގެ ހަށިގަނޑު އަނދާނެ ދަރު ޖަމާކުރުން ހުއްޓައިލުމެވެ. ނަރަކައިން ސަލާމަތްވުމަށް ކުރެވެން ހުރި ހުރިހާ ކަންކަން ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން