ޝަރުޠު ފުރިހަމަކުރާ އަޅުން ﷲ ޙިމާޔަތްކޮށްދެއްވަވާނެކަން ޝައްކުވެސް ނުކުރާށެވެ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޝަރުޠު ފުރިހަމަކުރާ އަޅުން ﷲ ޙިމާޔަތްކޮށްދެއްވަވާނެކަން ޝައްކުވެސް ނުކުރާށެވެ!

"ﷲ ތިމާ ޙިމާޔަތްކޮށްދެއްވަވާނެ ހެއްޔެވެ؟" މިއީ ވެސް ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. މިފަދަ ސުވާލުތައް އުފެދެނީ އެމީހަކަށް މާޒީގައި ކުރެވިފައިވާ ފާފަތަކުގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ! 

މާޒީއަށް ނުބަލާށެވެ! ތައުބާވެގެން ހުރިނަމަ މިފަދަ ސުވާލުތައް ހިތުގައި އުފެދުނަވެސް ނުދޭށެވެ! މިސުވާލުގެ ޖަވާބު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ޙައްޖު ސޫރަތުގެ 38 ވަނަ އާޔަތުގައެވެ.  

"ހަމަކަށަވަރުން، ﷲ، އީމާންވި މީހުން ދިފާޢު ކޮށްދެއްވަވަތެވެ. ހަމަކަށަވަރުން، ޚިޔާނާތް ތެރިވެ، ކާފިރުވާ ކޮންމެ މީހަކަށް، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (އަލް ޙައްޖު: 38) 

މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ތިބޭ މީހުން، ﷲ ތަޢާލާ ޙިމާޔަތްކޮށްދެއްވަވާނެ ކަމެވެ. އެމީހަކަށް ނަޞްރު ދެއްވަވާނެ ކަމެވެ. އަދި ޚިޔާނާތްތެރިވެ، ކާފިރުވާ އެއްވެސް މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ނުލިބޭނެ ކަމެވެ. އެފަދަ މީހުންނަށް އޮތީ ފުރިހަމަ ގޮތުގައި އީމާންވެ ތައުބާވުން ކަމެވެ. 

ހަމައެއާއިއެކު ވިސްނައިލާށެވެ! މި އާޔަތުގައި ﷲ ތަޢާލާއަށް އީމާންވުމުގެ ކުރިއަށް އެވަނީ ޚިޔާނާތްތެރިވުން ގެންނަވައިފައެވެ. ޚިޔާނާތްތެރިވުން މާނަކުރަން ޖެހޭނީ އެއިގެ އެންމެ ފުޅައު މިނުގައެވެ. އަމާނާތްތެރިވެ ވަފާތެރިވާން ޖެހޭ ކޮންމެ ކަމެއްގައިވެސް އެކަން ކުރަން ޖެހޭނެކަން ޤަބޫލުކުރަންވާނެއެވެ. 

ވީމާ މަޤާމުގެ ހައިޞިއްޔަތުންވެސް، ޙަވާލުކުރެވޭ ފައިސާ އާއި ތަކެއްޗަށްވެސް އަދި ޢާއިލީ ކަންކަމުގައި (ދެމަފިރިން އެކަކު އަނެކަކަށް) ވެސް ތެދުވެރިވެ ވަފާތެރިވުމުގެ މުހިންމުކަން މިއާޔަތުން އެނގިގެންދެއެވެ. ހަމަ އެއާއިއެކު ދުލުން ބުނާ ބަސްތަކުގައި ތެދުވެރިވުމުގެ މުހިންމުކަންވެސް އެނގިގެންދެއެވެ. 

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެންމެ ބޮޑު ޚިޔާނާތަކީ ﷲ ތަޢާލާއަށް ޚިޔާނާތްތެރިވުމެވެ. ﷲ ތަޢާލާ އަށް ކާފިރުވުމަކީ ޚިޔާނާތްތެރިވުމެވެ. ކާފިރުވެދާނެ އެންމެހައި ކަންކަމާއި އެއްގޮތަކަށްވެސް ކައިރި ނުވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން