ބުނެބަލާށެވެ! "ތިބާގެ ފުރާނަ ހިއްޕަވަން މަރުގެ މަލާއިކަތާ އެހެރަ ވަޑައިގަންނަނީ!" ކަމަށް ވެއްޖެނަމަ...

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ބުނެބަލާށެވެ! "ތިބާގެ ފުރާނަ ހިއްޕަވަން މަރުގެ މަލާއިކަތާ އެހެރަ ވަޑައިގަންނަނީ!" ކަމަށް ވެއްޖެނަމަ...

ތިބާގެ ފުރާނަ ހިއްޕަވަން މަރުގެ މަލާއިކަތާ ވަޑައިގަންނަވާތަން ހުވަފެނަކުން ފެނުނު ނަމަވެސް އަދި "ތިބާގެ ފުރާނަ ހިއްޕަވަން މަރުގެ މަލާއިކަތާ އެހެރަ ވަޑައިގަންނަނީ" ކަމަށް މީހަކު ބުނެފިނަމަވެސް ބިރުން އަވަދިނުވާނެ މީހަކު ނުހުންނާނެ ކަމަށްވެސް ބުނެވިދާނެއެވެ. އެހެނީ މަރުގެ މަލާއިކަތާ ކޮންމެ ވަގުތަކުވެސް ވަޑައިގެންފާނެ ކަމަށް ތައްޔާރުވެގެން ހުރެވެނީ ހަމަ ހާހަކުން މީހަކަށެވެ. 

މީސްތަކުންނޭވެ! ސުވަރުގެ ވަދެވޭނީ ހާހަކުން މީހަކަށް ކަމަށް ބުނެވެނީ އެހެންވެގެންނެވެ. ދުނިޔަވީ ހުރިހާ ކަންކަމަށް އަބަދުހެން މިތިބެވެނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އުނީ ކޮންކަމެއްތޯ ބަލަބަލައެވެ!  ތަނަކަށް ފުރަން އުޅޭނަމަ 2،3 ދުވަސް ކުރިން ދަބަސް ތައްޔާރުކުރަމުއެވެ. ދަތުރުގައި ޚަރަދުކުރަން ގެންދާނެ ފައިސާވެސް ތައްޔާރުކުރަމުއެވެ. 

ނަމަވެސް ދާއިމީ ދަތުރަށް ތައްޔާރުވާން ކުރަންޖެހޭ ކަންކަން ނުކުރެވޭއިރު ތައްޔާރުވުމާއިމެދު ވިސްނައިލެވެނީވެސް މިބުނިހައި މަދު މީހަކަށެވެ. އަބަދުވެސް މިއުޅެވެނީ ދުނިޔެއިން ކުރަން ބޭނުންވާ ކަންކަން ފުރިހަމަ ނުކުރެވިގެންނެވެ! 

މީސްތަކުންނޭވެ! މަރުވުމުން ކައްވަޅަށްދާއިރު ވެސް ވަރަށް ގިނަ "ފައިސާ" ބޭނުންވެއެވެ. "ކޭޝްކާޑު" ވެސް ބޭނުންވެއެވެ. އެކައުންޓުގައި "ފައިސާ" ވެސް ހުންނަން ޖެހެއެވެ. ހަމައެކަނި ތަފާތަކީ ބޭނުންކުރާނެ "ފައިސާ"ގެ ވައްތަރެވެ! އެހެނީ މަރުވުމުން ދެން ބޭނުން ކުރެވޭނީ، ފައިދާކުރާނީ ދުނިޔޭގައި ހުރެ ކުރެވިފައިވާ ޙެޔޮ ޢަމަލުތަކުންނެވެ! މިދުނިޔޭގައި ޚަރަދުކުރާނެ ފައިސާ ބޭންކަށް ނުވަތަ ތިޖޫރީއަށް ޖަމާކުރަން ޖެހޭ އުޞޫލުން މަރުވުމުން ބޭނުންކުރާނެ ހެޔޮ އަމަލު ތިމާގެ އެކައުންޓުގައި ނެތް ނަމަ، ބޭންކުގައި ކިތަންމެ ގިނަ ފައިސާ ހުރިނަމަވެސް އެމީހަކީ ބަނގުރޫޓުވެފައިވާ މީހެކެވެ! 

އެއްކަމެއް އަދި ހަނދާންކޮށްލައިދޭނަމެވެ! މަރުވުމުން އެންމެ ގިނަ ބައަކު ހިތާމަކުރަންޖެހޭނެ އެއް ކަމަކީ ދުނިޔޭގައި އުޅުނު އިރު، އަތުގައި ފައިސާ ހުރިއިރު ޞަދަޤާތް ނުކުރެވުނު ކަމާއިމެދުގައެވެ. ވީމާ އެހިތާމަކުރަން ނެޖެހޭ މީހަކަށްވުމަށްޓަކައި އަބަދުވެސް ވީހައި ގިނައިން ޞަދަޤާތްކުރަމުންދާ މީހަކަށްވާށެވެ! ބޭންކް އެކައުންޓުން ނަގައި ހެޔޮ ޢަމަލުތަކުގެ އެކައުންޓަށް ބަދަލުކުރަމުން ގެންދާށެވެ! އެކަން ބަލަހައްޓަވަން ތިއްބަވާ މަލާއިކަތުން ގެންދަވާނީ ބަރާބަރަށް ޖަމާކުރައްވަވަމުންނެވެ! ސްޓޭޓްމަންޓާއިމެދު އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން