ސުވަރުގެ ބޭނުންވުމާ ނުވުމަކުން ސުވަރުގެއަކަށް އެއްވެސް މައްސަލައެއް ނެތެވެ! އޮތް މައްސަލައެއް އޮންނާނީ ހަމަ އެމީހަކަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ސުވަރުގެ ބޭނުންވުމާ ނުވުމަކުން ސުވަރުގެއަކަށް އެއްވެސް މައްސަލައެއް ނެތެވެ! އޮތް މައްސަލައެއް އޮންނާނީ ހަމަ އެމީހަކަށެވެ!

އިސްލާމް ދީނުގައިވާ އެއްވެސް ޙައްދަކުން އުނިކަން ދައްކަން ނުއުޅޭށެވެ! އެ ޙައްދު ތަކަކީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދުތަކެވެ. އިންސާނުން އުފެއްދެވީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ އިންސާނުންނަށް އެންމެ ފައިދާހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާ ކަމަށް ޤަބޫލުކުރަން ޖެހޭ ދުނިޔަވީ ހަމަތައް މިހިރީ ފެންނާށެވެ! 

މިސާލަކަށް އައިފޯނަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އެންމެ ފުރިހަމައަށް  ރަނގަޅުކުރެވޭނީ އައިފޯނު އުފެއްދި ކުންފުންޏަށެވެ! އެކުންފުނިން ތަމްރީނުވެގެން ތިބި ޓެކްނީޝިއަނުންނަށެވެ. މާވަޑީންނަކަށް އެކަން ރަނގަޅެއް ނުކުރެވޭނެއެވެ! ބޮއިންގ ފްލައިޓަކަށް މައްސަލައެއް ޖެހިގެން ކްރޭން އުފައްދާ ބައަކާއި ހަވާލުކުރި ނަމަވެސް މައްސަލަ ޙައްލެއް ނުކުރެވޭނެއެވެ! އެމީހުންނަށް ކުރެވޭނެ ކަމަކީ ފްލައިޓް އުފުލާލައިގެން އެހެން ތަނަކަށް ގެންދިއުމެވެ. 

ވީމާ އިސްލާމް ދީން އިތުރަށް ފުރިހަމަކުރަން ނުވިސްނާށެވެ! އެކަން ކުރެވޭނެ އެއްވެސް މަޚްލޫޤެއް ނުވެއެވެ. އަދި ދުވަހަކުވެސް ނުވެސް ހުންނާނެއެވެ! އިސްލާމް ދީން އިތުރަށް ފުރިހަމަކުރަން އެއްވެސް ކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައެއް ނުވެއެވެ. އަނގްވާފައި ވަނީ ހަމައެކަނި އުނގެނި ޢަމަލުކުރުމަށެވެ! 

"--- މިއަދު، ތިއަބައިމީހުންގެ ދީނާއިމެދު (އެބަހީ: އެ ދީނަށް ގެއްލުމެއް ދެވިދާނެ ކަމާމެދު) ކާފިރުން، ނާއުއްމީދު ވެއްޖެއެވެ. ފަހެ، އެއުރެންދެކެ ތިއަބައިމީހުން ބިރު ނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ބިރުވެތިވާށެވެ! މިއަދު، ތިއަބައިމީހުންގެ ދީން،  ތިއަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢްމަތް،  ތިއަަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން  ތިއަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.---" (އަލް މާއިދާ ސޫރަތުގެ 3 ވަނަ އާޔަތުން) 

ވީމާ ތަޢާލާ ފުރިހަމަ ކުރައްވަވާފައިވާ ދީނަކުން އިތުރަށް ފުރިހަމަ ކުރަން އޮންނާނީ ކޮންކަމެއް ހެއްޔެވެ؟ އެއީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ ހަމައެކަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ. 

އިސްލާމް ދީން އެއްވެސް މީހަކަށް ބޭނުންވެގެނެއް ނުވެއެވެ. ނަމަވެސް ސުވަރުގެ ވަންނަން އެދޭ ކޮންމެ މީހަކަށްވެސް އިސްލާމް ދީން ބޭނުންވެއެވެ. އިސްލާމް ދީނަށްވަދެ އިސްލާމް ދީނަށް ޢަމަލުކުރަން ޖެހެއެވެ. އެހެނީ ސުވަރުގެ ލިބެން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ކަމުގައިވާތީއެވެ. 

ވީމާ އިސްލާމް ދީނަށް ވަނުމަށްފަހު އިސްލާމް ދީން ކޮށައި ފޮތިފޮތިކުރަން ނުއުޅޭށެވެ! އެކަމެއް ނުކުރެވޭނެއެވެ. ކޮށި ފޮތިފޮތިވާނީ ހަމަ އެމީހެކެވެ. އިސްލާމް ދީން ﷲ ތަޢާލާ ވަނީ ފުރިހަމަ ކުރައްވަވައިފައެވެ. މީހަކު އަމަލުކުރުމާއި ނުކުރުމަކުން އިސްލާމް ދީނުގެ ފުރިހަމަކަމަކަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. އިސްލާމް ދީން ބާވައިލެއްވެވީންސުރެ ދުނިޔެ ނިމެންދެންވެސް ދެމިއޮންނާނީ އެންމެ ފުރިހަމަ ދީނުގެ ގޮތުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން