އެންމެ އުފަލުގަ ހުރެވޭ މީހާ ކަމުގަވުމަށް އެދެމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އެންމެ އުފަލުގަ ހުރެވޭ މީހާ ކަމުގަވުމަށް އެދެމުހެއްޔެވެ؟

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ފައިސާވެރިވެވުމުން ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނީ ކަމަށެވެ. ނަމަވެސް އެއީވެސް ހަމަ މުޅިން ކުށްހީއެކެވެ. ފައިސާވެރިންގެ ތެރެއިން އުފަލުގައި އުޅެވެނީ ވަރަށް މަދު މީހަކަށެވެ. މަސްތުވާތަކެތި ބޭނުންކޮށްގެން ހިތަހަމަޖެހުން ހޯދަން އެ މަސައްކަތްކުރަނީ ފައިސާވެރިކަމުން ހިތްހަމަ ނުޖެހޭތީއެވެ. އޯވަރޑޯޒްވެގެން އެ މަރުވަނީވެސް ފައިސާވެރިކަމުން ހިތްހަމަޖެހުން ނުލިބޭތީއެވެ. 

ކޮންމެ މީހަކުވެސް ބޭނުންވާނީ އަބަދުވެސް އެންމެ އުފަލުގައި ހުރެވޭ މީހާ ކަމުގައިވުމަށެވެ. ނަމަވެސް އެއްވެސް އުފާވެރިކަމަކީ ދާއިމީ އުފާވެރިކަމަކަށް ނުވުން ގާތެވެ! އެހެނީ އުފާވެރިކަމަށްވެސް ނިމުން އަންނާނެއެވެ. 

އުފާވެރިކަމެއް ލިބިއްޖެ ނަމަ އޮތީ އުފާވެރިކަން ދެއްވެވި ފަރާތް، ﷲ ތަޢާލާއަށް ޙަމްދުކުރުމެވެ. އުފާވެރިކަން ލިބުމުން ﷲ ތަޢާލާއަށް ޙަމްދުކުރާ މީހުން އަބަދުވެސް ތިބޭނީ އެ އުފާވެރިކަން ކޮންމެ ވަގުތަކުވެސް ގެއްލިގެން ހިނގައިދާނެކަން ޔަޤީންކޮށްގެންނެވެ. ވީމާ އުފާވެރިކަން ގެއްލުނު ނަމަވެސް ކަންބޮޑެއް ނުވާނެއެވެ. ވާނީ ޝުކުރުވެރިއެވެ. އިންތިޒާރުކުރާނީ އުފާވެރިކަން އަލުން ދެއްވަވާނެ ވަގުތަކަށެވެ. 

އެފަދަ މީހުން މުޞީބާތުގެ ވަގުތުގައި ކެތްތެރިވާނެއެވެ. އަދި ކުރިމަތި ކުރެއްވެވި މުޞީބާތާއިމެދު ވެސް ޝުކުރުވެރިވާނެއެވެ! އެހެނީ "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައި" ކަމަށް އޮތް ވަޙީ ބަސްފުޅަށް އެމީހުންގެ ހިތުގައި އަބަދުވެސް ޔަޤީންކަން އޮންނާނެއެވެ. 

މިފަދަ ތަފާތު ސަބަބުތައް ހުރުމުން އެންމެ އުފާވެރިކަމުގައި ހުރެވެނީ ކާކަށް ކަމާއިމެދު ކުރެވޭ ސުވާލަށް އަހަރެން ދޭނެ ޖަވާބަކީ "އުފާވެރިކަން ލިބުމުން ﷲ އަށް ޙަމްދުކޮށް، ހިތްދަތިކަމުގެ ވަގުތުގައި ކެތްތެރިވެ ޝުކުރުވެރިވާ މީހާއަށްވުރެ އުފަލުގައި ހުންނަ ހަމަ އެކަކުވެސް ނުހުންނާނެ" ކަމަށެވެ! އުފަލުގައި ހުންނަން ބޭނުން ނަމަ އެފަދަ މީހަކަށްވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން