ޝައިޠާނާ ކުރިއަރާވަރަށްވުރެ ބާރަށް ކުރިއަރަންޖެހޭ! ސަލާމަތްކަމަށް އެދި ދަންނަވަން ދުޢާ ޤުރްއާނުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޝައިޠާނާ ކުރިއަރާވަރަށްވުރެ ބާރަށް ކުރިއަރަންޖެހޭ! ސަލާމަތްކަމަށް އެދި ދަންނަވަން ދުޢާ ޤުރްއާނުން-!

ދުނިޔޭގެ ކަންކަން ބަދަލުވެ ތަރައްޤީވަމުންދާ ވަރަށް ޝައިޠާނާ ވެސް ގެންދަނީ އޭނާގެ މަސައްކަތް ތަރައްޤީކުރަމުންނެވެ. ކުރީ ޒަމާނުގައި ޝައިޠާނާ ކުރިކަމަކީ ވަސްވާސް ދިނުމެވެ. ނަމަވެސް މިއަދު ޝައިޠާނާ ވަނީ ހިތަށް ވަސްވާސް ދިނުމުގެ އިތުރުން ލޮލަށް މަންޒަރު ދައްކައިގެން ނުބައި އަމަލުތައް ކުރުވަން ޝައުޤުވެރިކުރުވުމާއި ހަމައަށް ކަންކަން ތަރައްޤީ ކުރުވައިފައެވެ. 

މިސާލަކަށް ޝައިޠާނާ މިއަދު ވަސްވާސްދޭނީ އަތުގއި އޮންނަ ފޯނު ބަލައިލުމަށެވެ. އެއްވެސް ކުށެއް ނުވަތަ ފާފައެއް ނޫނެވެ. ބަލައިލެވެނީއެވެ. ފާފައަށް ފެށެނީ އެހިސާބުންނެވެ. ބަަލން ނުވާނެ މަންޒަރުތަކާއި ވީޑިއޯތައްވެސް ބެލެނީއެވެ. އެއިން ފެންނަ ކަންކަން ކުރާހިތް ޖެހި އެފަދަ އަމަލުތައް ކުރެވެނީއެވެ. 

ޝައިޠާނާ މިހާރު ބުނާނީ ހަމައެކަނި ފޫހިވާން ގޭގައި ނުއޮވެ ބޭރަށް ނުކުމެ ހިނގައިލުމަށެވެ. މާބޮޑުކަމެއް ނޫނެވެ. ސާފު ވައިކޮޅު ލިބިގަތުމަށާއި ކަސްރަތުކޮށްލަންވެސް ބޭނުންވާތީ ނުކުމެލެވެނީއެވެ. ނުކުމެ އިސް ތިރި ނުކޮށްފިނަމަ ލޮލަށް ފެންނަން އެފަށަނީ ހަމަ ކުރިން ބުނި ފަދަ ކަންކަމާއި މަންޒަރުތަކެވެ. އެހިސާބުން މަގު ގެއްލި ގޯޅި އެޅެނީއެވެ. 

މީސްތަކުންނޭވެ! މިކަންކަމަކީ ތިއަ ހުރިހާ އެންމެންވެސް ހަމަ ތަޖުރިބާކުރަމުންދާ ކަންކަމެވެ. އެންމެންވެސް ޖެހި ބެދި ތާށިވަމުން އަންނަ މަޅިތަކެވެ. ވީމާ ހޭލުންތެރިވާށެވެ! ވަރަށް މަދު މީހަކަށް ނޫނީ މިހާރުވެސް އެތައް ފަހަރަކު ތައުބާވާންޖެހިފައިވާ ކަންކަމެވެ. ވީމާ ހޭލުންތެރިވާށެވެ! ޝައިޠާނާއަކީ ނުބައި ކެހިވެރިއަކު ކަމުގައި ނޫނީ ދުވަހަކުވެސް ނުވާނެއެވެ. 

"އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ޝައިޠާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ."  (އަލް މުއްމިނޫން 97) 

ވީމާ ގިނަގިނައިން ދަންނަވާށެވެ! 

"އަޅުގެ ވެރިރަސްކަލާކޮ! ޝައިޠާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ."   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން