އަނބިންނަށް ނިދުމާ ކެއުމާ ހުރިހާ ކަމެއް ހަމަހަމަކޮށްނުދެވޭނެނަމަ އަނބިން އިތުރުކުރުމަކީ ޤިޔާމަތް ދުވަހަށް ހޯދޭ ވަރަށް ބޮޑު ނިކަމެތިކަމެއް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 49ސ
އަނބިންނަށް ނިދުމާ ކެއުމާ ހުރިހާ ކަމެއް ހަމަހަމަކޮށްނުދެވޭނެނަމަ އަނބިން އިތުރުކުރުމަކީ ޤިޔާމަތް ދުވަހަށް ހޯދޭ ވަރަށް ބޮޑު ނިކަމެތިކަމެއް!: ޑރ. އިޔާޟް

ދެއަނބިން ގެންގުޅުއްވުމުގައި ސަލަފުއްޞާލިޙުން ކަން ކުރެއްވި ގޮތް:

فَعَنْ جَابِرُ بْنْ زَيدُ قَالَ : كَانَتْ لِي اِمْرَأتَانِ وَكُنْتُ أعَدِلٌ بَينَهُمَا حَتَّى فِي الْقُبْلْ ޖާބިރު ބުނު ޢަބްދުﷲ ރަޙިމަހުމުއްﷲ ވިދާޅުވިއެވެ. " ތިމަންނާގެ ދެއަނބިން ތިއްބެވެ. އެ އަނބިންގެ މެދުގައި ދޮންދިނުމުގައިވެސް ތިމަންނާ ޢަދުލުވެރި ވީމެވެ." وَعَنْ مُجَاهِدُ قَالَ : كَانُوا يَسْتَحِبُّونَ أنْ يَعْدِلُوا بَيْنَ النِّسَاء , حَتَّى فِي الطَيِّبْ يَتَطَيِّبْ لِهَذِهِ كَمَا يِتطيِّبْ لِهَذِه

މުޖާހިދު ރަޙިމަހުﷲ ވިދާޅުވިއެވެ. " ސަލަފުން އަނބިންގެމެދުގައި ޢަދުލުވެރިވުމަށް ލޯބިކުރެއްވިއެވެ. އެގޮތުން އަތަރުލުމުގައިވެސް ޢަދުލުވެރިވިއެވެ. ކޮންމެ އަތްބެއްގެ ގާތަށް ދާންވީމާވެސް އެއްވައްތަރެއްގެ އަތަރުލާ ހެއްދެވިއެވެ."

وَكَانَ مُحَمَّدُ بُنْ سِيرِينْ يَقُوْلُ فِيْمَنْ لَهُ اِمْرَأتَانِ : يُكْرِه أنْ يَتَوضَأ فِي بَيْتُ إحْدَاهُمَا دُوْنَ الْأخْراى

ދެއަނބިން ތިބޭމީހުނާއި ބެހޭގޮތުން މުޙައްމަދު ބިން ސީރީން ރަޙިމަހުﷲ ވިދާޅުވިއެވެ. "ދެއަނބިންކުރެ އެއްއަތްބެއްގެ ގެއިން ވުޟޫކުރުމަކީވެސް މަކުރޫހަ ކަމެކެވެ." އެބަހީ އެއްގެއިން ވުޟޫކޮށްފިނަމަ އަނެއްގެއިންވެސް ވުޟޫކުރަންޖެހޭނެއެވެ.

ފަޟީލަތުއްޝައިޚް އިބްނު އުސައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

" القَول الصَّحِيحُ فِي الْعَدُلِ بَيْنَ الزَوجَاتِ أَنَّهُ يَجِبْ عَلِى الزَّوجِ أَنْ يَعدِل بَيْنَهُنَّ فِي كُلِّ مَا يُمْكِنهُ الْعَدْلِ فِيهِ , سِواءٌ مِنَ الْهَدايَا أو النَّفَقَات, بَلْ وحتى الْجِمَاعُ إِنْ قَدْرِ : يَجِبْ عَلَيهِ أَن يَعْدِلْ فِيهِ " اِنْتَهى

"އަނބިންގެ މެދުގައި ހަމަހަމަކޮށް ޢަދުލުވެރިކޮށް ކަންތައްކުރުމާ ބެހޭގޮތުން އެންމެ ރަނގަޅު ގޮތަކީ ފިރިމީހާ ކޮންމެކަމެއްގައިވެސް ހުރިހާ އަނބިންގެ މެދުގައިވެސް ހަމަހަމަކުރުމެވެ. ހަދިޔާ ދިނުމުގައްޔާއި ނަފަޤާ ދިނުމުގައިވެސްމެއެވެ. އަދި ކިއެއްތަ ޖިމާޢު ވުމުގައިވެސް ހުރިހާ އަނބިންގެ މެދުގައިވެސް ހަމަހަމަ ކުރަންޖެހޭނެއެވެ."

ޝައިޚް ފައުޒާން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

" يُجِبْ عَلَى الزّوْجٌ أن يَعْدُلْ بَينَ زَوْجَاتِهِ فِي الْإِنْفَاقُ وَالْمُسْكَنْ وَالْكَسوة وَالْقِسْمِ فِي الْمُبِيتُ , كُلِّ هذا مِمَّا يثجبْ عَلَيهِ الْعَدُلِ بَينَ الزَّوجَاتِ , وَلاَ فَرَقٌ بَينَ غَنِيَّةْ وَفَقِيرَة, لَأنْ الِكُلِّ زَوْجَاتِ لَهُ وَاجِبْ عَلَيهِ أنْ يَعُدِلْ بَينَهُمَا

" ރޭކުރުމުގައްޔާއި، ހެދުން ދިނުމުގައި އަދި ދިރިއުޅޭ ތަން ހަމަޖައްސާދިނުމުގައި އަދި ޚަރަދުކުރުމުގައި އަނބިންގެ މެދުގައި ހަމަހަމަ ގޮތުގައި ކަންތައް ކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މިކަމުގައި މުއްސަނދި އަތްބެއް ފަޤީރު އަތްބެއް ތަފާތު ކުރުމެއް ނެތެވެ. ހުރިހާ އަނބިންގެ މެދުގައި ހަމަހަމަކޮށް ކަންތައް ކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.

ދެއަނބިން ދިރިއުޅެނީ ދެ ރަށެއްގައި ނުވަތަ ދެޤައުމެއްގައި ކަމުގައިވީނަމަވެސް އެމީހުންގެ މެދުގައި ހަމަހަމަކޮށް ކަންތައް ކުރަންޖެހޭނެއެވެ.

އިބުނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " ދެރަށެއްގައި ދެއަނބިން ތިބިމީހާގެ މައްޗަށްވެސް އެމީހުންގެ މެދުގައި ހަމަހަމަ ކުރުން ވާޖިބުވެގެންވެއެވެ.

ސަބަބަކީ ދެމީހުން ދެރަށުގައި ބެހެއްޓީ އޭނާގެ އަމިއްލަ ރުހުމުގައެވެ. އޭގެ ސަބަބުން އެކަނބަލުންގެ ޙައްޤު ގެއްލިގެނެއް ނުދެއެވެ. އެހެންކަމުން ދުރު ރަށެއްގައި ހުރި އަނބީގެ ގާތުގައި ކައިރީގައި ހުންނަ އަނބީގެ ގާތުގައި ވަގުތު ހޭދަކުރާ މިންވަރަށް ވަގުތު ހޭދަކުރަން ޖެހޭނެއެވެ. ނޫންނަމަ ދެއަނބިން އެއްރަށަކަށް ގެންނަން ޖެހޭނެއެވެ. އެ އަތްބަކު ފިރިމީހާގެ ރަށަށް އަންނަން ދެކޮޅު ހަދައިފިނަމަ އެ ކަނބުލޭގެ ފިރިމީހާއަށް ނުކިޔަމަންތެރި ވުމުގެ ސަބަބުން އެ ކަނބުލޭގެއަށް ލިބިގެންވާ ޙައްޤު ކެނޑުނީއެވެ. އަނބިމީހާ އޭނާގެ އަމިއްލަ ޙާޖަތެއްގައި އެހެން ރަށަކަށް ފުރައިގެން ގޮސްފިނަމަ ނުވަތަ ފިރިމީހާ ބުނި ރަށަކަށް ދިރިއުޅެން ނައިއްސިނަމަ އެ ކަނބުލޭގެއަށް ލިބިގެންވާ ރޭކުރުމުގެ ޙައްޤުން މަޙްރޫމް ވީއެވެ. ސަބަބަކީ އެކަނބުލޭގެއަށް ޙައްޤުވާ ރޭގައި ފިރިމީހާއަށް ނިދަން ނުދެވުނީ އެކަނބުލޭގެ ސަބަބުން ކަމަށްވީތީއެވެ. ނަމަވެސް ފިރިމީހާގެ ބޭނުމެއްގައި ފުރައިގެން ގޮސްފިނަމަ، ނުވަތަ ފިރިމީހާ އަނބިމީހާގެ ގާތަށް އައުމަށް ޢުޒުރުވެރިވެއްޖެނަމަ ފާއިތުވި ދުވަސްތައް އަލުން ހަމަކޮށްދޭން ޖެހޭނެއެވެ.

ސުވާލު:. ދެ އަނތްބަށް އިނދެގެން އުޅޭއިރު ފިރިމީހާ ދޮށީ އަނބި ހަގު އަނބިކައިރިއަށް ދިޔަނުދީ، ރުޅިއައިސް ހިތްހަމަނުޖެހި ގޯސްކޮށް ކަންތައް ކުރާތީ ފިރިމީހާ ހަގުއަނބިކައިރިއަށް ނައުން އެއީ ކޮންކަހަލަ ކަމެއް؟ އޭގެން ދޮށީ އަތްބަށާއި، ފިރިމީހާއަށް ޢަޒާބު ލިބޭނެތަ؟ އެ ޢަޒާބަކީ ކޮބާ؟

ޖަވާބު:. ކޮންމެ ކަމެއްގައިވެސް ޢަދުލުވެރި ވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރު ކުރައްވާފައިވެއެވެ. އަދި އެއްވެސް ކަމެއްގައި އަނިޔާވެރި ނުވުމަށްވެސްވަނީ އަމުރު ކުރައްވާފައެވެ. އެގޮތުން ހުރިހާ ދަރިންގެ މެދުގައި ޢަދުލުވެރިވާން ޖެހޭނެއެވެ. އަދި އެއް އަތްބަށްވުރެ ގިނަ އަނބިން ތިބޭނަމަ އެ އަނބިންގެ މެދުގައިވެސް ޢަދުލުވެރިވާން ޖެހޭނެއެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ.

(مَنْ كَانَتْ لَهُ امْرَأَتَانِ فَمَالِ إِلَى إِحْدَاهُمَا جَاءَ يَوْمَ الْقِيَامَةِ وَشِقُّهُ مَائِلٌ)

މާނައައީ: " އެއް އަތްބަށްވުރެ ގިނަ އަނބިންތިބެ، އެތަނުން އެކެއްގެ ފަރާތަށް ލެނބި ބުރަވެއްޖެނަމަ އެމީހަކު ޤިޔާމަތް ދުވަހުން އަންނަހުށީ އެއްފަޅީ ވާގިނެތިފައިވާ މީހެއްގެ ގޮތުގައެވެ." ހުރިހާ އަނބިންގެ މެދުގައި ކެއިން ބުއިމާއި ރޭކުރުމުން އަދި ދިރިއުޅޭ ތަނުގެ ގޮތުން ޢަދުލުވެރިވާން ޖެހޭނެއެވެ. އަދި މިނޫންވެސް ކޮންމެ ކަމެއްގައި ޢަދުލުވެރިވާން ޖެހޭނެއެވެ."

واللّه أعلم

--ޑޮކްޓަރ މުޙައްމަދު އިޢާޡް ޢަބްދުލްލަޡީފް

މިއަދު އޮންލައިން