އިންސާނާ ތައުބާވުމުން ﷲ ތައާލާ އުފާފުޅުވެވޮޑިގަންނަވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިންސާނާ ތައުބާވުމުން ﷲ ތައާލާ އުފާފުޅުވެވޮޑިގަންނަވަނީ ކީއްވެ؟

ހަމައެކަކު ތައުބާނުވުމަކުން ﷲ ތަޢާލާއަށް ޛައްރެއްގެ މިންވަރުގެވެސް އުނިކަމެއް ލިބިވޮޑިއެއް ނުގަންނަވައެވެ. އެހެންކަމާއިއެކުގައިވެސް އިންސާނާ ތައުބާވުމުން ﷲ ތައާލާ އުފާފުޅުވެވޮޑިގަންނަވައެވެ. އެއީ ކީއްވެގެން ކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. 

އެކަމުގެ ސަބަބަކީ އެއްވެސް އިންސާނަކީ ކުށް ނުވަތަ ފާފަކުރުމުން އެކުގައި ބަރީޢަވެގެންވާ މީހަކު ނޫންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އިންސާނާ އުފެއްދެވީ ﷲ ތަޢާލާއެވެ. ވީމާ އިންސާނާއަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ. 

ކުށް ނުކުރެވޭނެ ނުވަތަ ފާފައެއް ނުކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! ވީމާ ﷲ ތައާލާ ނުފުއްސަވާ ފާފައެއް ނެތެވެ. ޝަރީކު ކުރެވިފައިވީ ނަމަވެސް ތައުބާވުމުން އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވަތެވެ. ގެއްލުމާއި ހަލާކު ހުރީ ތައުބާ ނުވެ އެމީހަކު މަރުވެއްޖެ ނަމައެވެ. ތައުބާ ނުވެވެނީސް މަރު އައިސް އެމީހަކާއި ބައްދަލުކޮށްފިނަމައެވެ. 

އެންމެހައި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ އީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އިންސާނުން ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވެވުމަށް އިންތިހާއަށް ލޯބިފުޅުވެވޮޑިގަންނަވާ އިލާހްއެވެ. ވީމާ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް އިސްލާމް ދީނާއި ދުރަށް ޖެހެވިފައިވާނަމަ އަވަހަށް ތައުބާވާށެވެ! އެނބުރި އިސްލާމް ދީނަށް ރުޖޫޢަވާށެވެ! ތައުބާ ނުވެވި ހުއްޓައި މަރު އައިސް ބައްދަލުކޮށްފިނަމަ ހުރިހާ ފުރުޞަތުތަކެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބިރުވެތިވާށެވެ! ގިނަގިނައިން ތައުބާވުންމަތީގައިދެމިހުންނާށެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން