ޢަރަފާތު ދުވަހުގެ އެންމެ ޚާއްޞަކަންބޮޑުކަމަކީ އެންމެ ތިރީގެ އުޑަށް ﷲ ތަޢާލާ ފައިބާވޮޑިގަންނަވައި ޢަރަފާތުގެ ބިމަށް އެއްވެ ތިބި މީސްތަކުންނަށް ބައްލަވައިވޮޑިގެން މީސްތަކުންނާއިމެދު ފަޚުރުވެރިވެވޮޑިގަންނަވާ ކަމެވެ.
ދެން ތިއަ އުފައްދާ ސުވާލަކީ ތިމާމިހުރީ ޢަރަފާތު ބިމަކު ނޫނެއްނޫންހެއްޔެވެ؟
އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ކޮންމެ ތަނެއްގައި ތިބާ ހުރިނަމަވެސް ﷲ ތަޢާލާ ތިބާދެކެދެނެވޮޑިގެންވެއެވެ. ޙައްޖުމަހަށް މަރުޙްބާ ކިޔަން ތިބާވެފައިވާ ތައްޔާރީތަކާއި އެކަމަށް ކުރި މަސައްކަތާއި އަދި ޙައްޖު ދުވަހަށް މަރްޙަބާ ކިޔަން ތިބާވެފައިވާ ތައްޔާރީތަކާއި އެކަމަށް ކުރި މަސައްކަތް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.
މިހާރުންސުރެ ކަންތައްތައް ރާވަމުން ގެންދަންވީއެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެވުނަސް ޢަރަފާތް ދުވަހު ވީހާ ގިނަ އަޅުކަންކުރުމަށެވެ. އެދުވަހަކީ ރޯދައަށް ހުންނަ ދުވަހަކަށް ހެދުމަށެވެ. ވީހާ ގިނައިން ހުރިހާ އަޅުކަމެއްވެސް ކުރުމަށެވެ. އެއިރުން ދުނިޔޭގެ ކޮންމެ ތަނެއްގައިހުރެވުނު ނަމަވެސް ތިބާ ވެގެންދާނީ ޢަރަފާތު ދުވަސް އެންމެ ހެޔޮގޮތުގައި ލިބިގަންނަން މަސައްކަތްކުރި އަޅުތަކުންގެ ތެރެއިންނެވެ.
މިއަހަރު ޙައްޖުވުމުގެ ފުރުޞަތު ސައުދީ ސަރުކާރުން ދިނީ ވަރަށް މަދު އަދަދަކަށްކަމަށްވުމުން އަތުގައި ފައިސާހުރެ ނުދެވުނު މީހުންނާއި، ފައިސާ ދައްކައި ނުދެވުނު މީހުންވެސް ތިބޭނެއެވެ. އެފަދަ އެންމެންނަށްވެސް ބުނެލަން އޮތީ ހަމަ އެއްގޮތަކަށްވެސް ދެރަވެ މާޔޫސްނުވާށެވެ. އެމީހަކަށް އެދުވަހަކު ހުރެވުނު ތަނެއްގައި ހުރެގެން ކުރިން މިބުނި ފަދައިން ޢަރަފާތް ދުވަސް ލިބިގަންނަން މަސައްކަތްކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދދަރުސަކުން