ޢަރަފާތު ދުވަހުގެ ރޯދައިން ލިބޭ ޘަވާބަކީ ކޮބާ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 17ސ
ޢަރަފާތު ދުވަހުގެ ރޯދައިން ލިބޭ ޘަވާބަކީ ކޮބާ ހެއްޔެވެ؟

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ» [رواه مسلم في صحيحه برقم: 196 –  (1162)]

މާނައީ: "ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން، އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ." 

ޙައްޖުވެރިން ފިޔަވައި އެހެނިހެން މުސްލިމުން އެދުވަހުގައި ރޯދަ ހިފުމަކީ ސުންނަތެކެވެ.  

ޢަރަފާތްދުވަސް ހުކުރު ދުވަހަކާ ނުވަތަ ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ ހަމައެކަނި އެދުވަހު ރޯދައަށް ހުރެވިދާނެ ހެއްޔެވެ؟ 

ހުކުރު ދުވަހު ނުވަތަ ހޮނިހިރު ދުވަހު ރޯދަހިފުމުގެ 5 ޙާލަތެއްވެއެވެ. ( ބައްލަވާ: مجموع فتاوى ورسائل للعثيمين (20/57 – 58).) 

ފުރަތަމަ ޙާލަތު: ފަރުޟު ރޯދަ ހިފުން: 

މިސާލަކަށް ރަމަޟާންމަހުގެ ރޯދަ އަދާއަށް ނުވަތަ ޤަޟާއަށް ހިފުން ނުވަތަ ކައްފާރާ ރޯދައެއް ހިފުން ނުވަތަ (ޙައްޖުގައި) ކަތިލާނެ ހަދްޔު ނުލިބިގެން ރޯދަ ހިފުމެވެ. ފަހެ އެދުވަހު ފަރުޟު ރޯދަ ހިފުމުގައި ޚާއްޞަކަމެއް ނެތްކަމަށް އިޢުތިޤާދުކުރާ ޙާލު އެދުވަހު މިފަދައިން ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. 

ދެވަނަ ޙާލަތު: ބުރާސްފަތި ދުވަހު ރޯދަ ހިފާފައި ދެން ހުކުރު ދުވަހު ރޯދަ ހިފުން ނުވަތަ ހުކުރުދުވަހުގައި ރޯދަ ހިފާފައި ދެން ހޮނިހިރު ދުވަހު ރޯދަ ހިފުން 

މިފަދައިން ރޯދަހިފުމަކީވެސް މައްސަލައެއް ނޫނެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم، އެކަލޭގެފާނުގެ އަނބިކަނބަލެއް ހުކުރު ދުވަހު ރޯދަ ހިއްޕެވުމުން ޙަދީޘްކުރެއްވިއެވެ. އިއްޔެ (އެބަހީ: ބުރާސްފަތި ދުވަހު) ރޯދައަށް ހުންނެވިން ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. ނޫނެކެވެ. ދެން ޙަދީޘްކުރެއްވިއެވެ. “މާދަމާ (އެބަހީ: ހޮނިހިރު ދުވަހު) ރޯދައަށް ހުންނަވާނަން ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. ނޫނެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "(މިއަދުގެ) ރޯދަ ދޫކޮށްލައްވާށެވެ. (  ބައްލަވާ: صحيح البخاري، رقم الحديث: (1986)

"މާދަމާ (އެބަހީ: ހޮނިހިރު ދުވަހު) ރޯދައަށް ހުންނަވާނަން ހެއްޔެވެ؟" މިފަދައިން އެކަލޭގެފާނު ޙަދީޘްކުރެއްވުމުން ދަލީލު ލިބެނީ ހުކުރު ދުވަހާއެކު ހޮނިހިރު ދުވަހު ރޯދަ ހިފިދާނެކަމެވެ.

ތިންވަނަ ޙާލަތު: ޝަރުޢުކުރައްވާފައިވާ ރޯދަތަކެއް ހުކުރު ދުވަހު ނުވަތަ ހޮނިހިރު ދުވަހުގައި ހިފުން 

މިސާލަކަށް ހަނދުމަހުން ތިންދުވަހު ހިފާ ރޯދައާއި ޢަރަފާތްދުވަހުގެ ރޯދައާއި ޢާޝޫރާ ދުވަހުގެ ރޯދައާއި ރަމަޟާންމަހުގެ ރޯދަ ހިފި މީހަކު ޝައްވާލު މަހުގެ ހަ ރޯދަ ހިފުމާ އަދި ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމެވެ. ފަހެ އެފަދައިން ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެފަދަ މީހަކު ރޯދަ އެހިފަނީ އެއީ ހުކުރު ދުވަހަކަށް ނުވަތަ ހޮނިހިރު ދުވަހަށް ވުމުންނެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެފަދަ މީހަކު ރޯދަ އެހިފަނީ އެ ދުވަސްތަކަކީ ރޯދަހިފުން ޝަރުޢުކުރައްވާފައިވާ ދުވަސްތަކަކަށްވާތީއެވެ.

ހަތަރުވަނަ ޙާލަތު: ޢާދަކޮށް ހިފަމުން ދިޔަ ރޯދައަކާ ހުކުރުދުވަސް ނުވަތަ ހޮނިހިރު ދުވަސް ދިމާވުން 

މިސާލަކަށް ދެދުވަހުން އެއްދުވަހު ރޯދަހިފަމުންދާ މީހަކާ ހުކުރުދުވަސް ނުވަތަ ހޮނިހިރު ދުވަސް ދިމާވެއްޖެނަމަ ފަހެ އެދުވަހުގައި ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. އެހެނީ ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސްކުރިން ރޯދަ ހިފުން ނަހީކުރައްވަމުން ނަބިއްޔާ صلى الله عليه وسلم އެކަމުން އިސްތިޘްނާކުރައްވާފައިވަނީ އާދައިގެ މަތިން ރޯދަ ހިފަމުންދާ މީހުންނެވެ. އެފަދަ މީހަކަށް އެފަދަ ދުވަހެއްގައިވެސް ރޯދަ ހިފިދާނެއެވެ. މިއީވެސް ހަމަ އެފަދަ ކަމެކެވެ. 

ފަސްވަނަ ޙާލަތު: (އެއްވެސް ސަބަބަކާ ނުލައި) ހަމައެކަނި ސުންނަތް ރޯދައެއް ހުކުރު ދުވަހު ނުވަތަ ހޮނިހިރު ދުވަހު ހިފުން: 

މިއީ ނަހީކުރައްވާފައިވާ ކަމެކެވެ. 

މިކަމުގައި ވާރިދުވެފައިވާ ޙަދީޘަކީ އަންނަނިވި ޙަދީޘެވެ.

«لَا تَصُومُوا يَوْمَ السَّبْتِ إِلَّا فِيمَا افْتُرِضَ عَلَيْكُمْ» [أخرجه أبو داود برقم: (1726) وصححه الألباني في صحيح أبي داود برقم: (2092) وأخرجه غيره أيضا]

މާނައީ: "ފަރުޟު ރޯދައެއް ފިޔަވައި ހޮނިހިރު ދުވަހު ނުހިފާށެވެ."

މިޙަދީޘަށް ބުރަވެވަޑައިގެން ޝައިޚު ނާޞިރުއްދީން އަލްއަލްބާނީ رحمه الله ދެކެވަޑައިގަންނަވަނީ ފަރުޟުރޯދަތައް ފިޔަވައި އެހެން ރޯދައެއް އެދުވަހުގައި ނުހިފުމަށެވެ. ( تمام المنة للألباني (ص: 406). 

އެހެނަސް ފަރުޟު ރޯދަތައް ފިޔަވައި އެހެން ރޯދަތައްވެސް އެކި ޙާލަތްތަކުގައި ހޮނިހިރު ދުވަހު ހިފިދާނެކަމަށް އެހެނިހެން ޢިލްމުވެރިން ބުރަވެވަޑައިގަންނަވައެވެ. މިގޮތަށް ބުރަވެވަޑައިގަންނަވާ ބައެއް ޢިލްމުވެރިންގެ ތެރޭގައި އަބޫ ޖަޢުފަރު އައްޠަޙާވީއާއި ( شرح معاني الآثار للطحاوي (2/80).

 

 އިބްނު ޤުދާމާއާއި ( المغني لابن قدامة (3/171). އައްނަވަވީއާއި ( المجموع للنووي (6/440).

 އިބްނުލް ޤައްޔިމު ( زاد المعاد لابن القيم (2/76). رحمهم الله ހިމެނިވަޑައިގަންނަވައެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޝައިޚު ޢުޘައިމީން رحمه الله ވެސް އިޚްތިޔާރުކުރައްވާފައިވަނީ މިބަސްފުޅެވެ. ( مجموع فتاوى ورسائل للعثيمين (20/57 – 58).

 

ރަމަޟާންމަހުގެ ޤަޟާ ރޯދައެއް އެދުވަހު ހިފައިފިއްޔާ ޢަރަފާތު ދުވަހުގެ ރޯދައިގެ ޘަވާބު ލިބޭނެ ހެއްޔެވެ؟

 

ޤަޟާ ރޯދަ ހިފުމުން ޢަރަފާތް ދުވަހުގެ ރޯދައިގެ ޘަވާބު ލިބޭނެކަމަށް އުންމީދުކުރެވެއެވެ. ( مجموع فتاوى ورسائل للعثيمين (20/48).

 

 އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ލިޔުއްވުމަކުން

މިއަދު އޮންލައިން