ބައެއް މީހުންނަށް ހީވެފައި އޮތީ، އަދި އޮންނަނީ ސެކިއުލަރިސްޓުންނަކީ ހުރިހާ ބަޔަކަށް އެ ބައެއްގެ ޙައްޤުތައް ބަރާބަރަށް ދޭނޭ ބައެއްގެ ގޮތުގައެވެ. ހުރިހާ ދީނެއްގެ ބަޔަކަށް، ހުރިހާ މިއްލަތެއްގެ ބަޔަކަށް، ހުރިހާ ފިކުރެއްގެ ބަޔަކަށް ހަމަހަމަކަމާއި ޢަދުލުވެރިކަމާ އެކު އެބައިމީހުން ކަންކަން ކޮށްދޭނޭ ކަމުގައެވެ. އަދި ޙައްޤެއް ނިގުޅައިގަނެވިއްޖެއްޔާ ކޯޓަށް ގޮސްގެން ވެސް އެ ކަމުގައި އިންސާފު ހޯދޭނޭ ކަމުގައެވެ. އެހެނީ، އެ ކަހަލަ ނިޒާމެއްގައި ޢަދުލުގެ ނިޒާމު ވެސް ވަރަށް ފުރިހަމަ ވެފައި ވަރަށް ވެސް އިންޞާފުވެރި ވާނޭ ކަމަށް އެބައިމީހުން ދެކެއެވެ. ވެރީންނާއި ބާރާއި ނުފޫޒުގައި ތިބޭ މީހުންނަށް ޢަދުލުގެ ނިޒާމަށް އަތް ނުބޭނޭނެ ކަމަށް ވެސް އެބައިމީހުން ޤަބޫލުކުރެއެވެ.
ނަމަވެސް އެއީ ކުށް ހީއެކެވެ. ކަން ހިނގަމުން ދާ ގޮތަށް ބަލައިލުމުން އެ ކަން ފެނި ސާބިތުވެއެވެ. ޝިޢާރުތައް ވަރަށް ވެސް ފުރިހަމައެވެ. ނަމަވެސް އޭގައި ވަނީ އެބައިމީހުން ބޭނުންވާ ބައެއްގެ ޙައްޤުތަކުގެ ވާހަކައެވެ. އޭގައި ވަނީ އެބައިމީހުން ބޭނުންވާ އެޖެންޑާއެއް ފެތުރުމުގެ ވާހަކައެވެ. ބޭނުންވާ ގަބޫލުކުރުންތަކެއް މުޖުތަމަޢުގައި ފެތުރުމުގެ ވާހަކައެވެ. އެއާ ޚިލާފުވާ އެޖެންޑާއެއް ނުވަތަ ފިކުރަކީ ނައްތައިލާން ޖެހޭ އެއްޗެހި ކަމަށް އެބައިމީހުން ގަބޫލުކުރެއެވެ.
މުސްލިމުންގެ ޙައްޤުތަކަކީ އެބައިމީހުންގެ ކައިރީގައި ޙައްޤުތަކެއް ނޫނެވެ. މުސްލިމުންނަކީ ހަރުކަށި ހައްދުފަހަނައަޅައިފައިވާ ބައެއްކަމާއި، ޖަލުގެ ކުޑަ ގޮޅީގައި ތާއަބަދަށް ތިބޭން ޖެހޭ ބައެއް ކަމާއި، އެ މީހުންނަކީ އިންސާނީ މުޖުތަމަޢަށް ހުރި ނުރައްކަލެއް ކަމުގައި ނޫނީ އެބައިމީހުން ނުދެކެއެވެ. މުސްލިމުންގެ ތެރެއިން ރަނގަޅު މުސްލިމުން ކަމަށް އެބައިމީހުން ގަބޫލުކުރާ މީހުންނަކީ ސެކިއުލާރ ގަބޫލުކުރުންތަކާއި އެޖެންޑާތަކަށް ރުހި ގަބޫލުވާ މީހުންނެވެ. ދީން ނަގައި އެއްލައިލާ، ދީނީ ތަޢުލީމާތާއި، ދީނީ އަޚްލާޤިއްޔާތު ނަގައި ފާރުބުޑުގައި ޖަހަން ފަސް ނުޖެހޭ "މުސްލިމުން"ނެވެ.
މިއީ މިއަދު ދުނިޔޭގެ ޙާލަތެވެ.
--ލިޔުން: ޝައިޚް ޝަފީޢު ޢަބްދުﷲ
--ސުރުޚީ : މިއަދުނޫސް